Roadha Mihaaru
އެޗްޕީއޭގެ އަމުރާ ހިލާފުވެގެން ދެ މީހަކު ހައްޔަރުކޮށްފި

އެޗްޕީއޭގެ އަމުރާ ހިލާފުވެގެން ދެ މީހަކު ހައްޔަރުކޮށްފި

21 އެޕްރީލް 2020

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ދެ އަމުރަކާ ހިލާފުވި ދެ މީހަކު ރޭ ހައްޔަރުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ދެ އަމުރަކާ ހިލާފުވި ދެ މީހަކު ރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުން ކުރި ޓްވީޓެއްގައި ބުނީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރުގެ އެންގެވުމާ ހިލާފުވި، އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނަކު ކ. ގާފަރުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކުރީ އަމިއްލަ އަށް އެކަހެރިވުމަށް އަންގައި ކުރި އަމުރާ ހިލާފު ވެގެންނެވެ.

އެޗްޕީއޭ އިން އަންނަނީ، ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކޮވިޑް-19 ގެ ބައެއް އަލާމާތްތައް ހުންނަ މީހުން ގޭގައި އެކަހެރިވުމަށް އަންގަމުންނެވެ. އެ އަމުރާ ހިލާފުވުމަކީ ގާނޫނީ ކުށެކެވެ.

ދެން ހައްޔަރުކުރީ، ހއ. މުރައިދޫން އެ އަތޮޅު ބާރަށަށް ދިޔަ އުމުރުން 39 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރުކުރީ އަނބުރާ މުރައިދު އަށް ދިޔަ ފަހުން ކޯޓު އަމުރެއްގެ ދަށުންނެވެ.

އެ ދެ މައްސަލަ ވެސް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި އެޗްޕީއޭއިން ވަނީ މިދިޔަ ހުކުރު ދުވަހުން ފެށިގެން، ޒަރޫރީ ބޭނުމެއްގައި މެނުވީ އެއް ރަށުން އަނެއް ރަށަށް ދިއުން މަނާކޮށްފަ އެވެ. އެ އެންގުމާ ހިލާފަށް، ގއ. ގެމަނަފުށިން އެ އަތޮޅު ކޮނޑޭއަށް ދިޔަ 60 އަހަރުގެ ދިވެހި ފިރިހެނަކު ވެސް ހައްޔަރުކޮށްފައި ވެ އެވެ.