Roadha Mihaaru

ރަށްރަށަށް ވަޒީރުން ގޮވައިގެން ދަނީ އަވަހަށް ނަތީޖާ ނެރެން: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި މިނިސްޓަރުން ބައިވެރި ކުރައްވަނީ ރައްޔިތުންނާ ކައިރިން މަސައްކަތްކޮށް އަވަހަށް ނަތީޖާ ނެރުމަށް ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެ އެވެ.

"ރަށްރަށަށް ވަޒީރުން ގެންދަނީ އަވަހަށް ނަތީޖާ ނެރެން"

ރައީސް ޑރ. މުހައްމަދު މުއިއްޒު އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި މިނިސްޓަރުން ބައިވެރި ކުރައްވަނީ ރައްޔިތުންނާ ކައިރިން މަސައްކަތްކޮށް އަވަހަށް ނަތީޖާ ނެރުމަށް ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެ އެވެ.

ހއ. މާރަންދޫގެ ރައްޔިތުންނާ ބައްދަލު ކުރައްވާ މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނު މިނިސްޓަރުންނާއެކީ ރަށްރަށަށް ކުރައްވާ ދަތުރުތަކަކީ ބޭކާރު ހަރަދެއް ކަމަށް މީހުން ބުނާ ކަމަށެވެ.

ނަމަވެސް ބޭނުންފުޅު ނަމަ، ގިނިކަންޏާ ރަށްރަށަށް ވަޑައިގެން، ކައުންސިލްތަކާ ބައްދަލު ކުރެއްވުމަށްފަހު މަސައްކަތްތައް އޮޅުން ފިލުއްވިވިދާނެ ކަމަށާއި ނަމަވެސް އެކަން އެގޮތަށް ނުކުރައްވަނީ އަވަހަށް ކަންކަން ކުރިޔަށް ގެންގޮސް ނަތީޖާ ނެރުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ބޭނުންވީ ވަރަށް އަވަށްކޮށް ކަންކަން ހަމަޖެހިގެން ގޮސް ނަތީޖާ ނެރެވޭނެ ގޮތަކަށް ބާރު ސްޕީޑުގައި ގެންދަން. އެހެންވެ ކަމާ ގުޅޭ ވަޒީރުންނާ އެކީގައި ރަށްރަށަށް މިދަނީ ސީރިޔަސް މަސައްކަތްތަކެއް ކުރަން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރަށްރަށަށް ކުރާ ދަތުރުތަކަށް ދާ ހަރަދަށް ވުރެ ބޮޑަށް މަޝްރޫއުތައް ލަސްވެގެން ލިބޭ ގެއްލުން މާ ބޮޑު ވާނެ އެވެ.

އެހެންވެ މާލޭގައި އަރާމުގައި ތިބުމުގެ ބަދަލުގައި ދާއިރާތަކުގެ މިނިސްޓަރުންނާއެކު ކައުންސިލްތަކާއި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކޮށް މައްސަލަތަކަށް ހައްލު ހޯދަން މަސައްކަތް ކުރަން ބޭނުންފުޅުވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ތިބޭފުޅުންނާ އެކީގައި މި ބޭއްވޭ ބައްދަލުވުމަކީ ވެސް ކަންކަން ކުރަން އާޅުގަނޑު ނިންމާ ގޮތާއި އަޅުގަނޑު ކަންކަން ކުރަން ގަސްތު ކުރާ ގޮތް ހިއްސާކުރަން،" ރައީސް ވިދާޅުވި އެވެ.