Roadha Mihaaru

ޣައްޒާއިން މީހުން ބޭލުމަކީ ބޭއިންސާފެއް، އެފަދަ ކަމެއްގައި ބައިވެރިއެއް ނުވާނަން: ސީސީ

ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުން ގަދަކަމުން އެ ބިމުން ބޭލުވުމަކީ ބޭއިންސާފެއް ކަމަށާއި އެފަދަ ކަމެއްގައި މިސްރުން ބައިވެރި ނުވާނެ ކަމަށް އެ ގައުމުގެ ރައީސް އަބްދުލްފައްތާހް އައް ސީސީ އިއްޔެ ވިދާޅުވެއްޖެ އެވެ.

ޣައްޒާއިން މީހުން ބާލަން ބައިވެރިއެއްނުވާނަން: ސީސީ

ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުން ގަދަކަމުން އެ ބިމުން ބޭލުވުމަކީ ބޭއިންސާފެއް ކަމަށާއި އެފަދަ ކަމެއްގައި މިސްރުން ބައިވެރި ނުވާނެ ކަމަށް އެ ގައުމުގެ ރައީސް އަބްދުލްފައްތާހް އައް ސީސީ އިއްޔެ ވިދާޅުވެއްޖެ އެވެ.

"ފަލަސްތީނުގެ ހައްގުގައި މިސްރުން ދަމަހައްޓަމުން އަންނަ ސިޔާސަތު.... ދުވަހަކުވެސް ބަދަލެއް ނުކުރެވޭނެ،" ކެންޔާގެ ރައީސް ވިލިއަމް ރޫޓޯއާ އެކު ގާހިރާގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ސީސީ ވިދާޅުވި އެވެ.

ސީސީ ވިދާޅުވީ މިސްރުން ތާއީދުކުރަނީ ފަލަސްތީނުގެ ދައުލަތެއް އުފައްދައި އެ ގައުމުގެ އަދި ހާއްސަކޮށް އެ ގައުމުގެ ރައްޔިތުންނާއި އެ ގައުމުގެ ސަރަހައްދު ހިމާޔަތް ކުރުމަށް ކަމަށެވެ.

މިސްރާއި އުރުދުންއަށް ޣައްޒާގެ އާންމުން ގެންގޮސް ޣައްޒާ "ސާފުކޮށްލަންވީ" ކަމަށް ވިދާޅުވި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ ފަލަސްތީނާއި އިޒްރޭލަށް ވެސް މިނިވަން ދައުލަތެއް އޮންނަންޖެހޭނެ ކަމަށް ގަބޫލުކުރައްވާ ބޭފުޅެއްކަން ފާހަގަކުރައްވައި ސީސީ ވިދާޅުވީ އެކަން ހާސިލްކުރަން މިސްރު އޮންނާނީ އެކުގައި މަސައްކަތްކުރަން ކަމަށެވެ.

"މެދުއިރުމަތީގައި އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުކުރުމަށް ޒަމާނުއްސުރެ ކުރަމުން އަންނަ އިންތިޒާރުގެ އަމާޒަށް ވާސިލްވުމުގެ ގާބިލުކަން ރައީސް ޓްރަމްޕަކީ ލިބިވަޑައިގެންފައިވާ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން".

މި މަހުގެ 19 ވަނަ ދުވަހު އިޒްރޭލާއި ހަމާސް އާ ދެމެދު ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށުމާ އެކު ޓްރަމްޕް ވަނީ ޣައްޒާ "ސާފުކުރުމުގެ" ޕްލޭނެއް ގެންގުޅުއްވާ ކަމަށް ވިދާޅުވެ، ފަލަސްތީނުގެ ރައްޔިތުން މިސްރު ނުވަތަ އުރުދުން ފަދަ "ރައްކާތެރި" ތަންތަނަށް ބަދަލުވުމަށް ގޮވާލައްވައިފަ އެވެ. އަދި ޓްރަމްޕް ގެންދަވަނީ ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުމަކީ އޭނާގެ މަސައްކަތުން ހޯދުނު ކާމިޔާބީއެެއް ކަމަށް ވިދާޅުވެ ކްރެޑިޓް ނަންގަވަމުންނެވެ. -- އޭއެފްޕީ