ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާ އިން ފޮނުވި ފައިސާއަށް ހިޔާނަތްތެރިވި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ދެވަނަ ގާނޫނީ ވަކީލު ވެސް މައްސަލައިން ތަނާޒުލްވެއްޖެ އެވެ.
16 ޖެނުއަރީ 2025
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާ އިން ފޮނުވި ފައިސާއަށް ހިޔާނަތްތެރިވި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ދެވަނަ ގާނޫނީ ވަކީލު ވެސް މައްސަލައިން ތަނާޒުލްވެއްޖެ އެވެ.
އެފްއޭއެމްގެ ހިޔާނާތުގެ މައްސަލާގައި ބައްސާމްގެ މައްޗަށް ފުރަތަމަ އުފުލީ ހިޔާނާތްތެރިވުމާއި މަނީ ލޯންޑްރިންގެ ދައުވާ އެވެ. އެ ދައުވާގެ ޝަރީއަތުގެ އަޑުއެހުންތަކެއް މީގެކުރިން ބާއްވާފައިވާއިރު، ބައްސާމް ފުރަތަމަ އައްޔަންކުރި ގާނޫނީ ވަކީލު ވަނީ އެ މައްސަލައިން ތަނާޒުލްވެފަ އެވެ.
އޭގެފަހުން ބައްސާމްގެ މައްޗަށް މަނީ ލޯންޑްރިން އާއި ހިނާޔާތްތެރިވުމުގެ އިތުރު ދައުވާ އުފުލާފައިވެ އެވެ. އަދި ބައްސާމް ވަނީ އޭނާގެ ދިފާއުގައި އެހެން ވަކީލަކު އައްޔަންކޮށްފަ އެވެ. ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ބައްސާމަށް ކުރާ ހަތަރު ދައުވާގެ ޝަރީއަތް އެކީގައި ކުރިއަށް ގެންދާށެވެ.
އެގޮތުން މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ބައްސާމް ފަހުން އައްޔަން ކުރި ވަކީލު ވެސް މައްސަލައިން ތަނާޒުލްވެފައިވާ ކަން މިއަދު ސިޓީއަކުން ކޯޓަށް އަންގާފައިވާ ކަމަށެވެ. އެހެންވެ، ވަކީލަކު އައްޔަން ކުރަން އިތުރު ފުރުސަތެއް ބޭނުންވޭތޯ ގާޒީ ސުވާލު ކުރެއްވި އެވެ.
ބައްސާމް ވިދާޅުވީ ޝަރީއަތުގައި ކުރިއަށް ދާން ބޭނުންވަނީ ވަކީލަކާ އެކު ކަމަށެވެ. އެހެންވެ، ގާޒީ ވަނީ އާ ވަކީލަކު އައްޔަން ކުރަން ބައްސާމަށް 10 ދުވަހުގެ މުއްދަތެއް ދެއްވުމަށްފަހު މި މަހުގެ 30 ވަނަ ދުވަހަށް އިތުރު އަޑުއެހުމެއް ތާވަލުކޮށްފަ އެވެ. އެ އަޑުއެހުމާ ހަމައަށް ވަކީލަކު އައްޔަން ނުކުރެވޭނެ ނަމަ، ދައުވާތަކަށް އަމިއްލައަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
ބައްސާމްގެ މައްޗަށް ފުރަތަމަ ދެ ދައުވާކުރީ ފީފާ އިން ފޮނުވި ފައިސާގެ ތެރެއިން 10،000 ޑޮލަރު އޭނާގެ އަމިއްލަ އެކައުންޓަށް ފޮނުވައި އަމިއްލަ ކަންކަމަށް ބޭނުންކޮށްފައި ވާތީ ކަމަށް ޕީޖީ އޮފީހުން ކުރިން ވަނީ ބުނެފަ އެވެ.
ޕީޖީ އޮފީހުން ބުނެފައިވަނީ ބައްސާމް އެފްއޭއެމްގެ ރައީސްކަމުގެ މަގާމުގައި ހުރެ، ބޭންކް އޮފް ސިލޯންގައި އޮތް އެފްއޭއެމްގެ އެކައުންޓަކަށް، 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޯގަސްޓް މަހާ ދެމެދު ފީފާއިން ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން 10،000 ޑޮލަރު ބޭންކަށް ލިޔުންތަކެއް ހުށަހަޅައިގެން ބައްސާމްގެ ބީއެމްއެލް އެކައުންޓަކަށް އޯގަސްޓް، 2018 ގައި ޖަމާކޮށްފައިވާ ކަމަށެވެ. މި ފައިސާ ޖަމާކުރީ ބޭންކް ޗާޖުތައް އުނިކުރުމަށް ފަހު ކަމަށް ވާތީ ބައްސާމްގެ އެކައުންޓަށް ޖަމާވީ 9،999 ޑޮލަރެވެ.
މި ފައިސާގެ ތެރެއިން 1،910 ޑޮލަރު އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރުމަށް ފަހު، ބައްސާމް އާއި އޭނާގެ އަނބިކަނބަލުން އައިމިނަތު މައުރީނާގެ ހިއްސާ އޮންނަ ގްލޭސިއާ އިންވެސްޓްމަންޓްގެ އެކައުންޓަށް ޖަމާކޮށް އެ ކުންފުނީގެ އެކި ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުންނެވެ.
މީގެ އިތުރުން ބައްސާމް ކުއްޔަށް ނަގައިގެން އުޅުނު ރެހެންދި ފްލެޓްގެ ކުލި ދެއްކުމަށާއި އެފްއޭއެމްއާ އެއްވެސް ގުޅުމެއް ނެތް ކަންކަމަށް، އެ ފައިސާ ބައްސާމް ބޭނުންކޮށްފައިވާ ކަމަށް ދައުވާގައި ބުނެފައިވެ އެވެ.
މި ދައުވާގައި ދައުލަތުން ވަނީ މި 10،000 ޑޮލަރު ދައުލަތަށް ނަގައިދިނުމަށް އެދިފަ އެވެ. މި ކުށުގެ އަސާސީ އަދަބަކީ 10،000 ޑޮލަރާއި އެއް މިލިއަން ޑޮލަރާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާ އެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
މި މައްސަލައިގައި ކުރި ހިޔާނާތުގެ ދައުވާގައި ބުނެފައިވަނީ އެފްއޭއެމްގެ އެކައުންޓުން ބައްސާމްގެ އަމިއްލަ އެކައުންޓަށް ޑޮލަރު ފޮނުވާފައި ވަނީ އެއީ ޑޮލަރު ވިއްކުމުގެ މުއާމަލާތެއްގެ ގޮތުގައި ބޭންކަށް ހުށަހަޅައިގެން ކަމަށެވެ. އެކަމަކު މިހާތަނަށް ވެސް އެ ފައިސާ އެފްއޭއެމް އަށް ލިބިފައި ނެތުމުން އެއީ އެ ފައިސާ އަށް ހިޔާނާތްތެރިވެފައިވުން ކަމަށް ވާތީ އެ ދަައުވާ ވެސް ކުރީ އެވެ. މި ކުށުގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި ހަ ދުވަހަށް ޖަލަށް ލުމެވެ.
ދެވަނަ ފަހަރަށް ބައްސާމަށް ހިނާޔާތުގެ ދައުވާ އުފުލާފައިވަނީ އަމިން ކޮންސްޓްރަކްޝަންގެ އަމީން އެވެނިއު އިން އެޕާޓްމަންޓެއް ގަތުމަށް ފައިސާ ޖަމާކުރުމަށްޓަކައި އެފްއޭއެމްގެ 1.2 މިލިއަން ޑޮލަރަށް ހިނާތްތެރިވެފައިވާ ކަމަށް ބުނެ އެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
މަނީ ލޯންޑްރިންގެ ދެވަނަ ދައުވާ އުފުލީ އަމީން އެވެނިއުގެ ބްލޮކް A ގެ 12 އަދި 13 ވަނަ ފަންގިފިލާގެ އަށް ކޮޓަރި އާއި 10 ފާހަނައިގެ އެޕާޓްމަންޓް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށް، އެ އެއްބަސްވުމުގެ ދަށުން އަމީން ކޮންސްޓްރަކްޝަނަށް ޖީއެސްޓީ ހިމެނޭގޮތަށް ދައްކަންޖެހޭ ޖުމްލަ 25 މިލިއަން ރުފިޔާގެ ތެރެއިން ބުކިން ފީ އާއި ކޮމިޓްމަންޓް ފީ ހިމެނޭ ގޮތަށް އެ ތަނުގެ އަގަށްވާ ފައިސާ، އެފްއޭއެމްގެ ޑޮލަރު އެކައުންޓުން އެކިއެކި ކުންފުނިތަކަށް ފައިސާ ފޮނުވައިގެން އަމީން ކޮންސްޓްރަކްޝަނަށް ދައްކާފައިވާތީ އެވެ.
މަނީ ލޯންޑްރިންގެ އެ ދައުވާ ސާބިތުވެއްޖެނަމަ 100,000ރ. އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، 5-15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލާނެ އެވެ. އެ ދައުވާތަކުގެ އިތުރުން އެފްއޭއެމަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ބައްސާމް އަތުން 1.2 މިލިއަން ޑޮލަރު ނެގުމާއި އެ ޕެންޓްހައުސް ދައުލަތަށް ނެގުމަށް ވެސް އެދިފަ އެވެ.
ހިޔާނާތާއި މަނީލޯންޑްރިންގެ ދައުވާއަށް ބައްސާމް އިންކާރު
އެފްއޭއެމް މައްސަލާގައި އަމިން އަށް ވެސް ދައުވާކޮށްފި
ބައްސާމްގެ މައްސަލާގައި ބައެއް ހެކި ސިއްރުކުރަން އެދެފި
އެފްއޭއެމްގެ ހިޔާނާތް:އަމިން ކޮންސްޓްރަކްޝަނަށް ތުހުމަތު
ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއެއް
ބައްސާމްގެ ފްލެޓް މައްސަލަ: ބެންޗުން ވެސް ނުބެލި
ބައްސާމްގެ ދެ ޕެންޓްހައުސްގެ މައްސަލަ ހައި ކޯޓަށް
ނިންމުން ބަދަލުކޮށް ބައްސާމްގެ އެޕާޓްމަންޓް އަތުލަނީ
ބައްސާމްގެ ފްލެޓް އަތުލުން ފަސްކުރުމުން ފާޑުކިޔުން
ބައްސާމްގެ ޕެންޓްހައުސް ޕޮލިހާ ހަވާލުކުރަން އަންގައިފި