Roadha Mihaaru

ސިޓީގެ "މަލާމާތުގެ ބެނާ" އިން ރެއާލް އާއި ވިނީގެ ހިތްވަރު ގުޑުވައެއް ނުލެވުނު

މެންޗެސްޓާ (ފެބްރުއަރީ 12) – ރެއާލް މެޑްރިޑާއި އެ ޓީމުގެ ފޯވާޑް ވިނީޝިއުސް ޖޫނިއާ އަށް ނިސްބަތްކޮށް މެންޗެސްޓާ ސިޓީގެ ސަޕޯޓަރުން ގެންގުޅުނު މަލާމާތުގެ ބެނާއިން ލިބުނީ ހިތްވަރެއް ކަމަށް ވިނީޝިއުސް ބުނެފި އެވެ.

ސިޓީގެ ބެނާއިން ރެއާލް އާއި ވިނީ ގުޑުވައެއް ނުލެވުނު
ހުސެއިން ހަބީބް
ހުސެއިން ހަބީބް

12 ފެބުރުއަރީ 2025

މެންޗެސްޓާ (ފެބްރުއަރީ 12) – ރެއާލް މެޑްރިޑާއި އެ ޓީމުގެ ފޯވާޑް ވިނީޝިއުސް ޖޫނިއާ އަށް ނިސްބަތްކޮށް މެންޗެސްޓާ ސިޓީގެ ސަޕޯޓަރުން ގެންގުޅުނު މަލާމާތުގެ ބެނާއިން ލިބުނީ ހިތްވަރެއް ކަމަށް ވިނީޝިއުސް ބުނެފި އެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޕްލޭއޮފް މެޗު، ސިޓީއާ ދެކޮޅަށް ރެއާލް ފަހަތުން އަރައި ކާމިޔާބު ހޯދީ 3-2 ންނެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗަށް ސިޓީގެ ސަޕޯޓަރުން ވެއްދި ބެނާގައި ވަނީ އެ ޓީމުގެ މިޑްފީލްޑަރު އަދި އެންމެ ފަހުގެ ބެލޮންޑިއޯ އެވޯޑް ހޯދި ރޮޑްރީ ހެނާންޑޭޒް އެ އެވޯޑްގައި ބޮސް ދޭ މަންޒަރު ފެންނަ ފޮޓޯއެކެވެ. އަދި އަދި ލިޔެފައިވާ އިބާރާތުގައި ބުނެފައި ވަނީ އެވޯޑް ނުލިބިގެން ރޯ ރުއިން ހުއްޓާލުމަށެވެ. ވިނީޝިއުސް އަށް އެވޯޑް ނުލިބޭނެކަން ކަށަވަރުވުމުން، އެވޯޑް ހަފުލާ ރެއާލުން ބޮއިކޮޓް ކުރި އެވެ.

ސިޓީގެ ސަޕޯޓަރުން އެ ބެނާ ހިފަހައްޓައިގެން ތިބި އިރު ދަނޑުގެ ރޮސްޓްރޮމްގައި ހުރި ރޮޑްރީ ވަނީ އެ މަންޒަރުގެ ފޮޓީ ވެސް ނަގައިފަ އެވެ. އަނިޔާގެ ސަބަބުން އޭނާ ހުރީ ކުޅުމާ ދުރުގަ އެވެ.

މަލާމާތުގެ ބެނާއަކުން ވިނީޝިއުސް އަށް އަސަރެއް ނުކުރި އެވެ. އޭނާ ބުނީ އެ ބެނާ ފެނުމުން ލިބުނީ އިތުރު ހިތްވަރެއް ކަމަށެވެ.

"އާނ، އަހަރެންނަށް ބެނާ ފެނުނު. ނަމަވެސް އިދިކޮޅު ސަޕޯޓަރުން އެކަހަލަ ކަމެއް ކުރާ ކޮންމެ ފަހަރަކު އަހަންނަށް ހިތްވަރު ލިބެނީ މޮޅު ކުޅުމެއް ދައްކަން. މި ދަނޑުގައި އަހަރެން އެކަން ކޮށްފިން،" މެޗުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި ވިނީޝިއުސް ބުންޏެވެ.

އޭނާ ބުނީ އެ ބެނާ ފެނިގެން އެއާ ދެކޮޅަށް އެއްވެސް ކަމެއް ނުކުރަން އޭނާ ނިންމައިގެން ހުރި ކަމަށެވެ.

އޭނާ ބުނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު މުހިންމު ނޫން ކަމަށެވެ. މުހިންމީ ރެއާލްގެ ނަން އެންމެ މަތީގައި ބޭއްވުން ކަމަށް ބްރެޒިލްގެ ފޯވާޑް ބުންޏެވެ.

އެކަން ރެއާލް އަށް ހާސިލުކޮށް ދިނުމުގައި އޭނާ މުހިންމު ދައުރެއް އަދާކުރި އެވެ. ފުރަތަމަ ހާފުގައި ޖެކް ގްރިލީޝް މެއިން ކޮންޓްރޯލްކޮށް އާލިންގް ހާލަންޑަށް ދިން ބޯޅައިން އޭނާ ސިޓީ އަށް ލީޑް ނަގައި ދިނެވެ. ވީއޭއާރް މެދުވެރިކޮށް އެ ލަނޑު ސައްހަކަން ކަށަވަރު ކުރަން ފަސް މިނެޓް ހޭދަވި އެވެ.

ދެވަނަ ހާފުގައި ޑެނީ ސެބާޔޯސް ތަނަވަސްކޮށް ދިން ފުރުސަތުން ކިލިޔަން އެމްބާޕޭ ރެއާލް އަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. އެކަމަކު އޭގެ ފަހުން ރެއާލްގެ ޕެނަލްޓީ އޭރިއާ ތެރެއިން ސެބާޔޯސް ކުރި ފައުލަށް ދިން ޕެނަލްޓީން ހާލަންޑް، 80 ވަނަ މިނެޓްގައި ސިޓީ އަށް އަލުން ލީޑް ނަގައި ދިނެވެ.

އެ ޓީމަށް ލީޑްގައި ހޮވެވުނީ ހަ މިނެޓެއްހާ އިރު އެވެ. ވިނީޝިއުސް ފޮނުވާލި ހަމަލާ ދަނޑިއަށް އަމާޒުވެ ރީބައުންސްވެގެން ނުކުތް ބޯޅަ ބްރަހީމް ޑިއާޒް ގޯލަށް ވައްދާލައި ރެއާލް އަށް ނަތީޖާ ހަމަހަމަކޮށްދިނެވެ.

މެޗުގެ އިތުރު ވަގުތުގައި އަބަދުވެސް ނަތީޖާ ބަދަލުކޮށްލުމުގައި މަޝްހޫރު ރެއާލުން ތިން ޕޮއިންޓް ކަށަވަރު ކުރި ލަނޑު ޖެހީ މެޗުގެ 90 މިނެޓް ހަމަވެގެން އިތުރަށް ދެއްކި ވަގުތުގެ ތެރެއިން ތިންވަނަ މިނެޓްގަ އެވެ. ވިނީޝިއުސް ދިން ބޯޅައިން އެ ލަނޑު ޖެހީ ޖޫޑެ ބެލިންހަމް އެވެ.

މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ލެގު މެޗު އޮންނާނީ އަންނަ ބުދަ ދުވަހުގެ ރޭ މެޑްރިޑްގަ އެވެ.