Roadha Mihaaru

އެމްބާޕޭގެ ހުވަފެނީ މޮޅުން ރެއާލް އަނެއް ބުރަށް

ލެޖެންޑަރީ ސެންޓިއާގޯ ބެރްނެބުއޭ ސްޓޭޑިއަމުގައި ކީލިއަން އެމްބާޕޭ ހެދި ހެޓްރިކާ އެކު 3-1 އިން މެންޗެސްޓާ ސިޓީ ބަލިކޮށް ރެއާލް މެޑްރިޑުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ޓީމުގެ ބުރުން ރޭ ޖާގަ ހޯދައިފި އެވެ.

އެމްބާޕޭގެ ހުވަފެނީ މޮޅުން ރެއާލް އަނެއް ބުރަށް

ލެޖެންޑަރީ ސެންޓިއާގޯ ބެރްނެބުއޭ ސްޓޭޑިއަމުގައި ކީލިއަން އެމްބާޕޭ ހެދި ހެޓްރިކާ އެކު 3-1 އިން މެންޗެސްޓާ ސިޓީ ބަލިކޮށް ރެއާލް މެޑްރިޑުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ޓީމުގެ ބުރުން ރޭ ޖާގަ ހޯދައިފި އެވެ.

އިއްތިހާދު ސްޓޭޑިއަމުގައި ކުޅުނު ފުރަތަމަ ލެގު 3-2 އިން ރެއާލް ކާމިޔާބުކޮށްފައި އޮތުމުން، ރޭގެ މެޗަށް ނުކުތް އިރު ވެސް ސިޓީ އަށް އޮތީ އެންމެ ޕަސެންޓެއްގެ ފުރުސަތެއް ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

ރޭގެ ނަތީޖާއާ އެކު ރެއާލް އަނެއް ބުރަށް ދަތުރުކުރީ 6-3 ގެ އެގްރިގޭޓުންނެވެ. ގަދަ 16 ޓީމުގެ ބުރުގައި ރެއާލް ވާދަކުރަން ޖެހޭނީ އެތުލެޓިކޯ މެޑްރިޑް ނުވަތަ ބެޔާ ލެވަކޫސަންއާ އެވެ.

ރޭގެ މެޗަކީ ފްރާންސްގެ ތަރި އެމްބާޕޭ ދެކެމުން އަންނަ ހުވަފެނެއް ސީދާވި މެޗެކެވެ. ޗެމްޕިއަންސް ލީގުގައި ރެއާލުގެ ދަނޑުގައި އެ ޓީމުގެ ޖާޒީގައި ހެޓްރިކެއް ހެދުމަކީ، މި ސީޒަނުގައި އެ ޓީމާ ގުޅުނު ފޯވާޑް ކުޑައިރުއްސުރެ ކުރަމުން އައި އުއްމީދެކެވެ.

"މިއީ އަހަރެން ދެކެން ބޭނުންވި ކަހަލަ ރެއެއް. މި ފަހަރު މިއޮތީ އަސްލަށް ވެސް ތަޖުރިބާކުރަން ފުރުސަތު ލިބިފައި،" އެމްބާޕޭ ބުންޏެވެ.

އެމްބާޕޭ ވަނީ ރޭގެ މެޗުގެ ތިން ވަނަ މިނެޓުގައި ސިޓީގެ ގޯލް ހުޅުވާލައިފަ އެވެ. މިއީ ފެޑެރިކޯ ވަލްވާޑޭ ދިން ހިތްގައިމު ބޯޅައެއް ސިޓީގެ ދެ ޑިފެންޑަރުން ކައިރިން ކޮންޓްރޯލްކޮށްލައި އޭރިއާ ރޮނގު މަތިން ކަހަލަ ގޮތަކަށް ގޯލްކީޕަރު ބޯމަތިން ވައްދާލި ގޯލެކެވެ.

އޭނާ ދެ ވަނަ ގޯލް ޖެހީ 33 ވަނަ މިނެޓުގައި ވިނީޝިއަސް ޖޫނިއާ އުފެއްދި ހަމަލާއެއްގައި ރޮޑްރީގޯ ދިން ބޯޅައަކުން އޭރިއާ ތެރެއިން ޖަހަ އެވެ. ހެޓްރިކް ފުރިހަމަކުރީ 61 ވަނަ މިނެޓުގަ އެވެ. މި ގޯލަކީ އޭރިއާ ތެރެއިން ބޯޅަ ކޮންޓްރޯލްކޮށްލައި ކަނާ ދިމާލުން، ގޯލުގެ ދުރު ކަނަށް ބޯޅަ ވައްދާލައިގެން ޖެހި ގޯލެކެވެ.

ސިޓީގެ ހަމައެކަނި ލަނޑު އިތުރު ވަގުތުގެ ތެރޭގައި ޖެހީ ނިކޯ ގޮންޒާލޭޒް އެވެ. އެކަމަކު އޭރު ނަތީޖާ އަށް ބަދަލެއް ގެންނަން މަސައްކަތްކުރާހާ ވަގުތެއް ނެތެވެ. މިއީ ސިޓީ އަށް ހުރިހާ ގޮތަކުން ވެސް ބަދު ނަސީބު ސީޒަނެކެވެ. އެންމެ މުހިއްމު ކުޅުންތެރިޔާ ރޮޑްރީ އަށް އަނިޔާވެ މުޅި ޓީމުގެ ކުޅުން ގެއްލި، ޕްރިމިއާ ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު ވެސް ވަނީ ގާތްގަނޑަކަށް ބަންދުވެފަ އެވެ.

ސިޓީގެ ކާމިޔާބު ދުވަސްތަކަށް މިވަގުތަށް އައި ނިމުމަށް އިޝާރާތްކޮށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ އެއްވެސް ކަމެއް އަބަދަށް ނޯންނާނެ ކަމަށެވެ.

"މިއީ ވަރަށް އާއްމު ކަމެއް. ކާމިޔާބީގައި އަބަދު ދެމި ނޯވެވޭނެ. އެއީ ހަގީގަތަކީ. މިރޭ މި މޮޅުވީ މޮޅަށް ކުޅުނު ޓީމު،" ގާޑިއޯލާ ބުންޏެވެ.