ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރުގެ ހައިސިއްޔަތުން ހިދުމަތް ކުރުމުގެ ފުރުސަތު ދެއްވި ކަމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު އަދާ ކުރައްވާ ކަމަށާއި ރައީސާއި ސަރުކާރުގެ އެއްބާރުލުން ލިބުނު ކަމަށް އެ މަގާމުން ދާދިފަހުން ވަކިކުރެއްވި އިބްރާހިމް ފައިސަލް މިއަދު ވިދާޅުވެއްޖެ އެވެ.
30 ޖެނުއަރީ 2025
ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރުގެ ހައިސިއްޔަތުން ހިދުމަތް ކުރުމުގެ ފުރުސަތު ދެއްވި ކަމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު އަދާ ކުރައްވާ ކަމަށާއި ރައީސާއި ސަރުކާރުގެ އެއްބާރުލުން ލިބުނު ކަމަށް އެ މަގާމުން ދާދިފަހުން ވަކިކުރެއްވި އިބްރާހިމް ފައިސަލް މިއަދު ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ރައީސް، ފައިސަލް ވަކި ކުރެއްވީ މިދިޔަ އަންގާރަ ދުވަހު އެވެ. އެ މިނިސްޓްރީގެ ހިންގުން މިހާރު ހަވާލުކޮށްފައި ވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއާ އެވެ. އެކަމަކު ފައިސަލް ވަކި ކުރެއްވި ސީދާ ސަބަބެއް ސަރުކާރުން ބުނެފައެއް ނުވެ އެވެ.
އެކަމާ ގުޅިގެން ފައިސަލް މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރައީސް މުއިއްޒުގެ ވެރިކަމުގައި ވަޒީރުންގެ މަޖިލީހުގައި އޭނާ ހިމެނުމަކީ ލިބުނު މަތިވެރި ޝަރަފެއް ކަމަށެވެ. އަދި އެކަމަށްޓަކައި ރައީސަށް ޝުކުރު އަދާ ކުރައްވާ ކަމަށް ފައިސަލްގެ ބަޔާނުގައިވެ އެވެ.
"ޖެނުއަރީ 28، 2025 ގައި މަގާމުން ވަކިކުރުމާ ހަމައަށް އެ މަނިކުފާނުގެ ސަރުކާރުގައި ވޭތުވެދިޔަ މުއްދަތުގައި ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުގައި ދިވެހި ގައުމަށާއި ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރަން އަޅުގަނޑަށް ފުރުސަތު ދެއްވެވި ކަމީ އަޅުގަނޑު އަބަދުވެސް ފަހުރުވެރިވާނެ ކަމެކެވެ،"
ފައިސަލް ވިދާޅުވީ އޭނާއާ ރައީސް ހަވާލު ކުރެއްވި ކޮންމެ ޒިންމާއެއް ވެސް އަދާކުރީ ޝައުގުވެރިކަމާއި އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކު ކަމަށެވެ. އަދި އޭނާގެ ގާބިލްކަން ތަންދިން މިންވަރުން ވަރުބަލި ކަމެއް ނެތި މަސައްކަތް ކުރެއްވި ކަމަށާއި އޭގެ ނަތީޖާއަކީ ޓޫރިޒަމް އަމާޒުތަކަށް ވާސިލުވުން ކަމަށެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒު ޓޫރިޒަމް މިނިސްޓަރުކަމަށް އިބްރާހިމް ފައިސަލް އައްޔަން ކުރައްވާ މަގާމުގެ ފަތްކޮޅު އެރުވުން. -- ފޮޓޯ: ރައީސް އޮފީސް
ފައިސަލްގެ ބަޔާނުގައިވަނީ މިދިޔަ އަހަރު ދެ މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމުގެ އަމާޒަށް ވާސިލުވެވުނު ކަމަށާއި އެއީ ދިވެހިންގެ ހަޔާތުގައި ލިބުނު ތާރީހީ އުފަލަކާއި ބޮޑު ކާމިޔާބީއެއް ކަމަށް ވިދާޅުވެފަ އެވެ.
ފައިސަލް ވިދާޅުވި ގޮތުގައި އެ އުފާ ދިވެހި ސަރުކާރާއި ރައްޔިތުންނަށް ހޯދައި ދެވުނީ ޓޫރިޒަމް އިންޑަސްޓްރީގެ އަޑު އަހައިގެންނެވެ. އަދި ރައްޔިތުންގެ ފަރާތުން އައި ފާޑުކިޔުންތައް ބަލައިގަތުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފައިސަލްގެ ބަޔާނުގައި ބަނީ އޭނާ އެ މަގާމުގައި ހުންނެވިއިރު ރައީސް މުއިއްޒާއި މިނިސްޓަރުންނާއި ސިޔާސީ މުވައްޒަފުންނާއި ސިވިލް ސާވިސް މުވައްޒަފުން ދިން އެއްބާރުލުން ފާހަގަ ކުރައްވައި، އެކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ޓޫރިޒަމް އިންޑަސްޓްރީގައި ހިމެނޭ މަޓީ އާއި މަޓާޓޯ އަދި ގެސްޓްހައުސް އެސޯސިއޭޝަނާއި ރައީސްގެ އެޑްވައިޒަރުންނާއި އެމްއެމްޕީއާރުސީ އަށް ވެސް ފައިސަލް ޝުކުރު އަދާކުރެއްވި އެވެ.
"އެ ހުރިހާ ފަރާތްތަކަށް އަޅުގަނޑުގެ ހިތުގައި އޮތީ ލޯތްބާއި ޝުކުރެވެ،" ބަޔާނުގައިވެ އެވެ.
ފައިސަލް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް އެހެން ހަރުފަތަކަށް ގެންދަންޖެހޭ ކަމަށާއި އެކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅަކީ ރައީސް މުއިއްޒުގެ ސަރުކާރުގެ ވަރަށް ބޮޑަށް ޝައުގުވެރި ކަމެއް އޮތް ފިޔަވަޅުތަކެއް ކަމަށެވެ. އެއީ ޓޫރިޒަމްގެ ފަހި ފުރުސަތުތަކެއް ޒުވާނުންނަށް ހޯދައިދީ، ޒުވާނުންގެ ބައިވެރިވުމާ އެކު ދިވެހި ޓޫރިޒަމް ދިވެހިންގެ އަތް މައްޗަށް ގެނައުން ކަމަށެވެ. އަދި އިތުރު އެނދު ތަރައްގީ ކުރާނެ ފަންޑު ހޯދައި ދިނުމާ އެކު ފަސޭހަ ފަހި މާހައުލެއް ޒުވާނުންނަށް ފަހިކޮށްދޭން ޖެހޭ ކަމަށް ފައިސަލްގެ ބަޔާނުގައިވެ އެވެ.
މިދިޔަ އަހަރު ރާއްޖެއަށް އައި 1.8 މިލިއަން ވަނަ ޓޫރިސްޓަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މަރުހަބާ ކިޔަނީ. --ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
ފައިސަލް ވިދާޅުވީ ކުޑަ އިންޓަރެސްޓެއްގައި ލޯނު ދިނުމާއި ޓޫރިޒަމް ނެތް ސަރަހައްދުތަކަށް ލުއިތައް ހޯދައިދީ ކަނެކްޓިވިޓީ އިތުރު ކުރުމާއި ލ. ހުޅިމެންދޫގައި ތަރައްގީ ކުރަން ނިންމާފައިވާ ޓޫރިޒަމް ޓްރެއިނިން ސްކޫލް ވެސް އުފައްދައި، ތަރައްގީވާންޖެހޭ ކަމަށެވެ. އަދި ނުހެދި ހުރި ރިސޯޓްތަކުގެ ވެރިންނާ ވާހަކަ ދައްކައިގެން، އެތަންތަން މާކެޓަށް ނެރުމަކީ ވެސް މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ފައިސަލް ވަނީ ދައުލަތުގެ އާމްދަނީ އެންމެ ބޮޑަށް ބަރޯސާވެފައިވާ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް އޮންނަ ބަޖެޓު އިތުރުކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން އެމްއެމްޕީއާރުސީގެ ބަޖެޓް 25 މިިލިއަން ޑޮލަރާއި 50 މިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް ބޮޑުވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޓޫރިޒަމް އިންޑަސްޓްރީއާ މެދު ގެންގުޅުއްވާ ތަސައްވަރެއް އެބަ އޮތް ކަމަށާއި އެއީ މީގެ 15 އަހަރު ފަހުން ރާއްޖޭގެ ކޮންމެ އަތޮޅެއްގައި 6،000 އާއި 8،000 އާ ދެމެދު އެނދު އުފައްދައި، ބައިނަލްއަގްވާމީ އެއާޕޯޓްތަކާ އެކު ޝެޑިއުލް ފްލައިޓްތައް އަޅަން ފެށުން ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ރާއްޖޭގެ ތިން ސަރަހައްދެއްގައި ކްރޫޒް މެރީނާ ހަދައި ކްރޫޒްލައިނާތަކަށް ޖާގަ ހޯދައި ދިނުމާއި މެޑިކަލް ޓޫރިޒަމާއި ސްޕޯޓްސް ޓޫރިޒަމް އަދި ހެރިޓޭޖް ޓޫރިޒަމް ފުޅާ ކުރުމަކީ ވެސް އޭނާގެ ތަސައްވުރެއް ކަމަށް ވިދާޅުވި އެވެ.
ދައުލަތުގެ ހަރަދުތައް ކުޑަކުރަން ގިނަ ފިޔަވަޅުތަކެއް!
އާއިލާ ކައިރިއަށް ދިއުމަށް ޕޮޕިއުލޭޝަން ސެންޓަރުތަކެއް
ޗައިނާ ޓޫރިސްޓުން އިތުރުކުރަން ހާއްސަ މަސައްކަތްތަކެއް
އިބޫއާ އެކު އުޅުނު ސްޓޭޓް މިނިސްޓަރަކު ވަކިކޮށްފި
އާ ސަރުކާރުގެ ވަޒީރުން ހުވާކުރައްވައިފި
ޑރ. މައުސޫމަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީ އަށް
ޓޫރިޒަމް މިނިސްޓަރަކަށް ޑރ. މައުސޫމް
ޓޫރިޒަމް މިނިސްޓަރު އައްޔަން ނުކޮށް މަހެއް ވަނީ!
ސްމިތު، ޓޫރިޒަމްގެ އިސް މަގާމަކަށް އައްޔަންކޮށްފި
މެމްބަރު ސައުދުގެ ޅިޔަނަކު މަގާމުން ވަކިކޮށްފި