Roadha Mihaaru
ދައުލަތުގެ ހަރަދުތައް ކުޑަކުރަން ގިނަ ފިޔަވަޅުތަކެއް!

ދައުލަތުގެ ހަރަދުތައް ކުޑަކުރަން ބޮޑެތި، ގިނަ ފިޔަވަޅުތަކެއް ރައީސް އިއުލާން ކުރައްވައިފި

27 ޖޫން 2024

ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ބޮޑެތި އަދި ގިނަ ފިޔަވަޅުތަކެއް އަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ނިންމަވައި އެކަން އިއުލާން ކުރައްވައިފި އެވެ.

ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ބޮޑެތި އަދި ގިނަ ފިޔަވަޅުތަކެއް އަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ނިންމަވައި އެކަން އިއުލާން ކުރައްވައިފި އެވެ.

އެ މަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހާމަކުރެއްވި ގޮތުގައި، ސިޔާސީ މަގާމުތަކުގެ އަދަދު މަދުކޮށް އަދި އެކިއެކި މުނާސަބަތުތަކުގައި ބާއްވާ ހަފުލާތަކުގެ ހަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުމަކީ ހަރަދު ކުޑަކުރުމަށް އަޅާނެ ފިޔަވަޅެކެވެ.

އެ ފިޔަވަޅުތަކުގެ ތެރޭގައި ދެން ހިމެނެނީ:

1- މި އަހަރުގެ މިނިވަން ދުވަހުގެ ފުޅަނދު ބުރާއި ކުޅިވަރުތަކާއި ރިސެޕްޝަން ފަދަ ކަންކަން ނުބޭއްވުން.

2- މިނިވަން ދުވަހުގެ ޖަލްސާއެއް އެކަނި ބާއްވައި، ހަރަދުތައް އެތައް ގުނައަކުން ކުޑަކުރަން ނިންމައި އެކަން ކަމާ ބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ހަރަދު ކުޑަކުރުމަށްޓަކައި ކުރިއަށް އޮތް ދުވަސްވަތުގައި ގިނަ ފިޔަވަޅުތަކެއް ސަރުކާރުން އަޅާނެ އެވެ.

ދައުލަތުގެ ހަރަދުތައް ކުޑަކުރަން ހާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމަވައި އޭގެ ތެރެއިން ބައެއް ކަންކަން ރައީސް މި އިއުލާން ކުރެއްވީ، މި އަހަރުގެ ބަޖެޓު ފައިނޭންސް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގައި ދަތިތަކެއް ހުރުމުންނެވެ.

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވެސް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި އެ ވާހަކަތައް އިއްޔެ ދެއްކެވި އެވެ.

އޭނާ ވިދާޅުވީ، މިދިޔަ ދެ އަހަރު ވެސް ފާސްކޮށްފައި އޮތީ ޑެފިސިޓް ބޮޑު ބަޖެޓެއް ކަމަށާއި މި އަހަރު ވެސް އޮތީ 14 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ކުންފުނިތަކުން ކުރާ ހޭދަ އިންތިހާ އަށް މައްޗަށް ގޮސްފައިވާ އިރު މި އަހަރު ތެރޭގައި ހަރަދުތައް ކުޑަކުރުމަށް އިސްލާހުތައް ގެންނަން ޖެހޭ ކަމަށެވެ.

ސަރުކާރުގެ ކުންފުނިތައް މެނޭޖުކުރުން އިސްލާހު ކުރުމުގެ މަސައްކަތް ވެސް ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ފަށާނެ ކަމަށް ފިނޭންސް މިނިސްޓަރު އިއްޔެ ވިދާޅުވި އެވެ.

ސަރުކާރުގެ ހަރަދުތައް ކުޑަކުރަން، ސަރުކާރުގެ އަޣުލަބިއްޔަތު އޮތް ރައްޔިތުންގެ މަޖިލިހުންގެ މެމްބަރުން ވެސް ގެންދަވަނީ ގޮވާލައްވަމުންނެވެ.