Roadha Mihaaru

ތަހުގީގަށް ފަހު ބައެއް މުވައްޒަފުންގެ ސަސްޕެންޝަން އެޗްޑީސީން އުވާލައިފި

ގެދޮރުވެރިޔާ/ބިންވެރިޔާ ސްކީމާ ގުޅޭ ގޮތުން ހިންގާ ޖިނާއީ ތަހުގީގާ ގުޅިގެން ސަސްޕެންޑުކުރި ބައެއް މުވައްޒަފުންގެ ފިޔަވަޅުތައް އުވާލާފައިވާ ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.

ބައެއް މުވައްޒަފުންގެ ސަސްޕެންޝަން އެޗްޑީސީން އުވާލައިފި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

03 ފެބުރުއަރީ 2025

ގެދޮރުވެރިޔާ/ބިންވެރިޔާ ސްކީމާ ގުޅޭ ގޮތުން ހިންގާ ޖިނާއީ ތަހުގީގާ ގުޅިގެން ސަސްޕެންޑުކުރި ބައެއް މުވައްޒަފުންގެ ފިޔަވަޅުތައް އުވާލާފައިވާ ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.

އެ ކުންފުނީގެ އިސް މެނޭޖްމަންޓުގައި ހިމެނޭ ބައެއް މުވައްޒަފުންނާ އެކު، އެ މައްސަލައާ ގުޅިގެން 15 މުވައްޒަފަކު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ސަސްޕެންޑުކުރި އެވެ. އޭގެ ފަހުން އެ މަހު ވަޒީފާ އިން ވަކިކޮށް، ތިން ދުވަސް ފަހުން އެ މީހުންގެ ވަޒީފާ އިޔާދަކޮށް އަލުން ސަސްޕެންޑުކުރި އެވެ.

އެޗްޑީސީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ތަހުގީގަށް ބަލައި ބައެއް މުވައްޒަފުންގެ ސަސްޕެންޝަން އުވާލާފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް އަދި ނުލިބެ އެވެ.

ސަސްޕެންޑުކުރި 15 މުވައްޒަފުންގެ ތެރެއިން އެންމެ މީހެއް ފިޔަވައި އެންމެންނަކީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މިދިޔަ ޑިސެމްބަރު މަހު އިސްތިއުފާ ދެއްވި އިބްރާހިމް ފަޒުލް ރަޝީދުގެ ވަރަށް ގާތް މީހުންނެވެ.

އެޗްޑީސީގެ ބޯޑުގެ ޗެއާމަން އަހުމަދު ނާސިފް (ޑީޑީ) "މިހާރު" އަށް ކުރިން ވިދާޅުވީ، ތަހުގީގަށް ފަހިވާ ގޮތަށް އެޗްޑީސީގެ ފަރާތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަަމަށެވެ. އެހެންވެ، ފުލުހުންނާއި އޭސީސީން މިހާރު ކުރިއަށް ގެންދާ ތަހުގީގުގެ މަރުހަލާ އަށް ފަހިވާ ގޮތަށް އެ ކުންފުނީގެ އެތެރޭގެ ކަންކަން ވެސް ބައްޓަން ކުރަމުން އަންނަ ކަަމަށް އޭނާ ވިދާޅުވި އެވެ.

ބިންވެރިޔާ ސްކީމްގެ ޝަރުތު ހަމަނުވަނީސް އެޗްޑީސީގެ އޭރު މެނޭޖިން ޑިރެކްޓަރު ފަޒުލްގެ ބޭބެ އެމްޑަބްލިއުއެެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދަށް ގޯއްޗެއް ދިން މައްސަލަ ފަޅާ އެރުމާ އެކު، އޭސީސީ އާއި ފުލުހުން ވަނީ ބޮޑު ތަހުގީގެއް ފަށައިފަ އެވެ.

އެ މައްސަލައިގައި ފަޒުލްއަށް ކުރަނީ އެޗްޑީސީގެ ލިޔެކިޔުންތަކެއް ނައްތާލި ކަމުގެ ތުހުމަތެވެ.