Roadha Mihaaru

ބިޔޯންސޭ އަށް ދިގު އިންތިޒާރެއްގެ ނިމުން؛ އެންމެ މޮޅު އަލްބަމްގެ އެވޯޑު ލިބިއްޖެ

ގްރެމީ އެވޯޑްސްގައި އެންމެ މޮޅު އަލްބަމްގެ އެވޯޑަށް އެތައް ފަހަރަކު ނޮމިނޭޓުވެ، ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭ އަށް މި އަހަރު އެ އެވޯޑު ލިބިއްޖެ އެވެ.

ބިޔޯންސޭ އަށް އެންމެ މޮޅު އަލްބަމްގެ އެވޯޑު ލިބިއްޖެ

ގްރެމީ އެވޯޑްސްގައި އެންމެ މޮޅު އަލްބަމްގެ އެވޯޑަށް އެތައް ފަހަރަކު ނޮމިނޭޓުވެ، ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭ އަށް މި އަހަރު އެ އެވޯޑު ލިބިއްޖެ އެވެ.

އެމެރިކާގެ ލޮސް އެންޖެލަސްގައި މިއަދު ބޭއްވި 67 ވަނަ ގްރެމީ އެވޯޑްސްގައި ބިޔޯންސޭގެ އަލްބަމް "ކައުބޯއީ ކާޓާ"އަށް ވަނީ އެންމެ މޮޅު އަލްބަމްގެ އެވޯޑު ލިބިފަ އެވެ.

މީގެ ކުރިން ހަތަރު ފަހަރެއްގެ މަތިން ގްރެމީގައި އެންމެ މޮޅު އަލްބަމްގެ އެވޯޑަށް ބިޔޯންސޭ ނޮމިނޭޓުވި އެވެ. އެކަމަކު، އެއްވެސް ފަހަރަކު ކާމިޔާބެއް ނުވި އެވެ. އެހެންވެ، މިއީ އޭނާ އަށް ވަރަށް ދިގު އިންތިޒާރެއްގެ ނިމުމެވެ.

"އަހަންނަށް ވަރަށް ބޮޑު ޝަރަފެއް ލިބުނު ކަމުގެ އިހުސާސް ކުރެވިއްޖެ،" އެވޯޑާ ހަވާލުވުމަށް ފަހު ބިޔޯންސޭ ބުންޏެވެ.

"[މި އެވޯޑަށް] އުއްމީދުކުރާތާ އެތައްއެތައް އަހަރެއް ވެއްޖެ."

ބިޔޯންސޭ މި އެވޯޑު ހާއްސަކުރީ ކަޅު ނަސްލުގެ މިއުޒިކީ ލެޖެންޑެއް ކަމަށްވާ ލިންޑާ މާޓެލް އަށެވެ.

ބިޔޯންސޭ އަކީ ގްރެމީގެ ތާރީހުގައި ވެސް އެންމެ ގިނަ އެވޯޑު ކާމިޔާބުކުރި ފަންނާނެވެ. އޭނާ އަށް 35 ގްރެމީ އެވޯޑެއް ލިބިފައިވި ނަމަވެސް، އެންމެ މޮޅު އަލްބަމްގެ އެވޯޑު މިފަހަރު ނޫނީ އަދި ކާމިޔާބު ނުކުރެވެ އެވެ. މީގެ ކުރިން ހަތަރު ފަހަރެއްގެ މަތިން އެންމެ މޮޅު އަލްބަމްގެ އެވޯޑަށް އޭނާ ނޮމިނޭޓުވި އެވެ.

މީގެ އިތުރުން ބިޔޯންސޭ އަކީ 1999 ވަނަ އަހަރުގެ ފަހުން ގްރެމީގައި އެންމެ މޮޅު އަލްބަމްގެ އެވޯޑު ކާމިޔާބުކުރި ކަޅު ނަސްލުގެ ފުރަތަމަ އަންހެން ފަންނާނެވެ. އެ ފަހަރު މި އެވޯޑު ކާމިޔާބުކުރީ އެމެރިކާގެ ރެޕް ލަވަކިޔުންތެރިޔާ ލައުރީން ހިލް އެވެ.