Roadha Mihaaru
ބިޔޯންސޭގެ އާ އަލްބަމަކީ "ބްލެކް އިޒް ކިންގް"

ބިޔޯންސޭގެ އާ އަލްބަމް "ބްލެކް އިޒް ކިންގް" މި މަހުގެ 31 ގައި

02 ޖުލައި 2020

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭގެ އެންމެ ފަހުގެ އަލްބަމް "ލެމަނޭޑް" ނެރުނުތާ ހަތަރު އަހަރުން ފަހުން، އޭނާގެ އާ އަލްބަމް ނެރުމުގެ ތައްޔާރީތައް ވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭގެ އެންމެ ފަހުގެ އަލްބަމް "ލެމަނޭޑް" ނެރުނުތާ ހަތަރު އަހަރުން ފަހުން، އޭނާގެ އާ އަލްބަމް ނެރުމުގެ ތައްޔާރީތައް ވެއްޖެ އެވެ.

މި މަހުގެ 31 ވަނަ ދުވަހު ޑިޒްނީ ޕްލަސްގައި ރިލީޒްކުރަން ނިންމާފައިވާ އަލްބަމްގެ ނަމަކީ "ބްލެކް އިޒް ކިންގް" އެވެ.

ގާތްގަނޑަކަށް ހުރިހާ މަސައްކަތެއްހެން ބިޔޯންސޭ އަމިއްލަ އަށް ކުރި އަލްބަމްގައި ހިމެނޭ ލަވަތަކުގެ ތެރޭގައި އެމެރިކާގެ ކަޅު ނަސްލުގެ މީހުންގެ ހާއްސަ ދުވަހެއްގައި ގޮތުގައި ޖޫން މަހުގެ 19 ގައި ފާހަގަކުރާ "ޖޫންޓީންތު"ގެ މި އަހަރުގެ ދުވަހާ ގުޅުވައިގެން ނެރުނު ލަވަ "ބްލެކް ޕެރޭޑް" ވެސް ހިމެނެ އެވެ.

ރެޕާ ޖޭ-ޒީއާ ކައިވެނިކޮށްގެން ތިން ދަރިން ވެސް ތިބި ބިޔޯންސޭ "ބްލެކް އިޒް ކިންގް" އާ ބެހޭ ގޮތުން ނެރުނު ބަޔާނެއްގައި ބުނީ އެ އަލްބަމަކީ ހުރިހާ ގޮތަކުން ވެސް ވަރަށް ހާއްސަ އަލްބަމެއް ކަމަށެވެ.

"އަލްބަމުން ދޭނެ އެންމެ މުހިއްމު މެސަޖަކީ އުންމީދުތަކާއި ކުރިމަގަށް ހުވަފެންތައް ދެކުމުގެ މުހިއްމުކަން." ބިޔޯންސޭ، 38، ބުންޏެވެ.

މިހާތަނަށް ހަ އަލްބަމެއް ނެރުނު ބިޔޯންސޭ 2016 ގައި ގެނެސްދިން "ލެމަނޭޑް" އަކީ 2017 ގައި ބޭއްވި 59 ވަނަ ގްރެމީ އެވޯޑްސްގައި ނުވަ ކެޓަގަރީއަކުން ނޮމިނޭޓްވެ، ބެސްޓް އާބަން ކޮންޓެމްޕަރަރީ އަލްބަމާއި ބެސްޓް މިއުޒިކް ވީޑިއޯގެ އެވޯޑް ހޯދި އަލްބަމެކެވެ.