Roadha Mihaaru
ބިޔޯންސޭގެ ރެކޯޑާ އެކު ދަރިފުޅަށް ވެސް ގްރެމީއެއް

ބިޔޯންސޭގެ ރެކޯޑާ އެކު ދަރިފުޅަށް ވެސް ގްރެމީ އެވޯޑެއް

16 މާޗް 2021

އާދީއްތަ ދުވަހު ބޭއްވި މި އަހަރުގެ 63 ވަނަ ގްރެމީ އެވޯޑްސްގައި އެމެރިކާގެ ލަވަކިޔުންތެރިޔާ ބިޔޯންސޭ ރެކޯޑް ހެދި އިރު، އޭނާގެ ދަރިފުޅު ބްލޫ އައިވީ ކާޓާ ވެސް ގްރެމީއެއް ހާސިލުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އާދީއްތަ ދުވަހު ބޭއްވި މި އަހަރުގެ 63 ވަނަ ގްރެމީ އެވޯޑްސްގައި އެމެރިކާގެ ލަވަކިޔުންތެރިޔާ ބިޔޯންސޭ ރެކޯޑް ހެދި އިރު، އޭނާގެ ދަރިފުޅު ބްލޫ އައިވީ ކާޓާ ވެސް ގްރެމީއެއް ހާސިލުކޮށްފި އެވެ.

އުމުރުން 9 އަހަރުގެ އަންހެން ދަރިފުޅު ބްލޫ އައިވީ އަކީ ގްރެމީގެ ތާރީހުގައި އެންމެ ޅަ އުމުރުގައި ގްރެމިއެއް ހާސިލުކުރި ދެވަނަ ކުއްޖާ އެވެ. އޭނާ އަށް ގްރެމީ އަށް ލިބުނީ މަންމަ އަށް ބެސްޓް މިއުޒިކް ވީޑިއޯގެ ގްރެމީ އެވޯޑް ލިބުނު ލަވަ "ބްރައުން ސްކިން ގާލް" ގެ ޅެމުންނެވެ. އެ ޅެން ލިޔުނޫ ބްލޫ އައިވީ އެވެ.

އެންމެ ޅަ އުމުރުގައި ގްރެމީއެއް ހާސިލުކުރުނުގެ ރެކޯޑް އޮތީ 8 އަހަރުގައި 2001 ގައި އެވޯޑް ލިބުނު ލީއާ ޕީސޯލް އެވެ.

ބްލޫ އައިވީ އަށް ގްރެމީ އެވޯޑް ލިބުނު ލަވަ "ބްރައުން ސްކިން" ގާލް އަކީ ބިޔޯންސޭ ކެރެކްޓާއަކަށް އަޑު އަޅައިދިން 2019 ގެ ޑިޒްނީގެ ފިލްމު "ލަޔަން ކިންގް" އަށް ހާއްސަކުރި "ލަޔަން ކިންގް: ދަ ގިފްޓް" އަލްބަމްގެ ލަވައެކެވެ. މިދިޔަ އަހަރު އާންމުކުރި އެ ލަވަ އަކީ ކަޅު ނަސްލުގެ އަންހެނުންގެ ބާރުވެރިކަމަށް ހިތްވަރުދީ ގެނެސްދިން ލަވައެކެވެ. ލަވައިގެ ވީޑިއޯ އިން ބަތަލާ ލުޕިޓާ ނިއޮންގޯ އާއި ކެލީ ރޯލަންޑްގެ އިތުރުން ސެއިންޓް ޖޯން އަދި ވިޒް ކިޑް ވެސް ފެނިފައިވެ އެވެ.

ބްލޫ އައިވީ އަކީ ބިޔޯންސޭ އާއި ރެޕާ ޖޭޒީގެ ތިން ކުދިންގެ ތެރެއން ދޮށީ ދަރިފުޅެވެ. އެ ދެ މީހުންގެ ދެން ތިވެނީ ތިން އަހަރުގެ އެއްމާބަނޑު ދެ ކުދިންނެވެ. އެއީ ރޫމީ ކާޓާ އާއި ސާ ކާޓާ އެވެ.

މި އަހަރުގެ ގްރެމީގައި އުފުލައިލި ހަތަރު ގްރެމީއާ އެކު ޖުމްލަ 28 ގްރެމީއާ އެކު ބިޔޯންސޭވެފައި ވަނީ މިހާތަނަށް އެންމެ ގިނަ ގްރެމީ ހާސިލުކުރި އަންހެން ފަންނާނަށެވެ. މި އަހަރު 10 ކެޓަގަރީއަކުން ނޮމިނޭޓްވެ، ބިޔޯންސޭ އެވޯޑް ކަށަވަރުކުރީ "ބްރައުން ސްކިން ގާލް" އިން ބެސްޓް މިއުޒިކް ވީޑިއޯ އާއި "ސަވޭޖް ރިމިކްސް" އިން ރެޕް ސޯންގްގެ ގްރެމީ އާއި ހަމަ އެ ލަވައިން ރެޕް ޕާފޯމަންސް އެވޯޑާއި "ބްލެކް ޕެރޭޑް" އިން އާރްއެންޑްބީ ޕަފޯމަންސްގް ގްރެމީ އެވެ.