Roadha Mihaaru

ޕޮލިސް ފްލެޓުގެ ތަހުގީގަށް އޭސީސީން ޕޮލްކޯއަށް ވަދެއްޖެ

ޕޮލިސް ފްލެޓް އެޅުމުގައި ހިޔާނާތް ހިންގާފައިވާ ކަމަށް ތުހުމަތުކޮށްފައިވާ މައްސަލަތަކާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޕޮލްކޯގެ އޮފީހަށް ވަދެއްޖެ އެވެ.

ޕޮލިސް ފްލެޓުގެ ތަހުގީގަށް އޭސީސީން ޕޮލްކޯއަށް ވަދެއްޖެ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

03 ފެބުރުއަރީ 2025

ޕޮލިސް ފްލެޓް އެޅުމުގައި ހިޔާނާތް ހިންގާފައިވާ ކަމަށް ތުހުމަތުކޮށްފައިވާ މައްސަލަތަކާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޕޮލްކޯގެ އޮފީހަށް ވަދެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފްލެޓުތަކުގެ ތަހުގީގަށް އޭސީސީން ޕޮލްކޯގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ފުލުހުންގެ ވެލްފެއާގެ ކަންކަން ބަލަހައްޓާ ޕޮލްކޯގެ އޮފީސް ހިންގަނީ އިސްކަންދަރު ކޮށީގަ އެވެ.

އޮޑިޓް އޮފީހުން މިދިޔަ ހަފުތާގައި ނެރުނު ރިޕޯޓުގައި ވަނީ، 10 އަހަރުން ނިންމި "ބްލޫސް ހައުސިން"ގެ ގިނަ މައްސަލަތަކެއް ފާހަގަކޮށްފަ އެވެ.

ރިޕޯޓުގައިވާ ގޮތުން ފްލެޓް މަޝްރޫއުއަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދުކުކޮށްފައި ވާއިރު 355 މިލިއަނުގެ ގެއްލުން ވެފައިވެ އެވެ.

އޭގެ އިތުރުން މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ކޮންޓްރެކްޓަރުންނާ އެކު ވެފައިވާ އެއްބަސްވުންތަކަށް އެކި ފަހަރު ބޮޑެތި ބަދަލުތައް ގެނައުމާއި ކޮންޓްރެކްޓަރުން ނިންމާ މަސައްކަތްތަކަށް ފައިސާ ދެއްކުމުގެ ބަދަލުގައި އެކި ނަންނަމުގައި ކޮންޓްރެކްޓަރުންނަށް ފައިސާ ދައްކާފައިވާ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.

އެ މުއާމަލާތްތަކުގެ ތެރެއިން ކޮންޓްރެކްޓަރަށް ނުވަތަ ވަކި ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ މަގްސަދުގައި ކަމަށް ބެލެވޭތީ މިކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށް، އޭސީސީ އާއި އެހެން ތަހުގީގީ އިދާރާތަކަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފަ އެވެ.

އެ ރިޕޯޓުގައި ބުނީ މަޝްރޫއުގެ މަސައްކަތްތައް ނުނިމި ލަސްވެގެން ދިއުމާއި ކޮންޓްރެކްޓަރަށް ސީދާ ފައިދާވާ ގޮތަށް އަދި ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށެވެ. އެހެންވެ، އެކަންކަން ކުރިއަށް ދިޔައިރު ޕޮލްކޯގެ ޑިރެކްޓަރުންގެ ބޯޑުގައި ތިބި ފަރާތްތަކާއި އިސްވެރިން، އެކަމުގައި ބަލަންޖެހޭ ކަންކަން ބަލައި ފިޔަވަޅު އަޅާފައިނުވާތީ އެ ފަރާތްތައް ޒިންމާކުރުމަށް ވެސް އޮޑިޓު އޮފީހުން ވަނީ ބުނެފަ އެވެ.

ފުލުހުންނަށް އަޅާ ފްލެޓްތަކުގެ މަސައްކަތް ފަށައިފައި ވަނީ 2013 ގަ އެވެ. އޭރު ރާއްޖޭގައި ހަރަކާތްތެރިވަމުން އައި ނޫމަޑި ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން އެ މަޝްރޫއު ކުރިއަށް ގެންދިޔައީ ނޫމަޑިން ކޮންޓްރެކްޓަ ފައިނޭންސް ކުރާ އުސޫލުންނެވެ. އެކަމަކު ސިޔާސީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކާއި ފައިސާގެ ދަތިކަމާ ހެދި ނޫމަޑީގެ އެގްރިމެންޓް ޖެނުއަރީ 27، 2016 ގައި ބާތިލް ކުރި އެވެ.

ދެން އެ މަޝްރޫއު ހިންގާފައި ވަނީ އައިލެންޑް އެކްސްޕާޓުންނެވެ. އެކަމަކު ކޮވިޑާ އެކު ކުންފުނި ބަނގުރޫޓުވެ، މަޝްރޫއު އިތުރަށް ކުރިއަށް ނުގެންދެވުމުން އެއްބަސްވުން އުވާލީ އެވެ. އޭގެ ފަހުން އެ ފްލެޓްތަކުގެ މަސައްކަތްކުރީ އަަމިން ކޮންސްޓްރަކްޝަނުންނެވެ. އެކަމަކު 2022 ގައި އެ މަޝްރޫއު އެއްކޮށް ނިންމަން އޮތަސް ފަހުން ނިންމީ މުއްދަތު އިތުރުކޮށްދީގެންނެވެ.

އެ މަޝްރޫއުގެ ދަށުން އިމާރާތް ކުރި ތިން ކޮޓަރީގެ 361 ފްލެޓުގައި މިދިޔަ އަހަރުން ފެށިގެން ފުލުހުން އަންނަނީ ދިރިއުޅެމުންނެވެ.