Roadha Mihaaru

ސަރުކާރަށް ފާޑުކިޔައި ރާއްޖެ ޓީވީން ދެއްކި ލަވައެއްގެ މައްސަލަ ބަލަނީ

ސަރުކާރުގެ ކަންކަމަށް ފާޑު ކިޔައި، ރާއްޖެ ޓީވީން ދެއްކި ލަވައެއްގެ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަމުން ފަށައިފި އެވެ.

ރާއްޖެ ޓީވީން ދެއްކި ލަވައެއްގެ މައްސަލަ ބަލަނީ
ނާޒިމް ހަސަން
ނާޒިމް ހަސަން

04 ފެބުރުއަރީ 2025

ސަރުކާރުގެ ކަންކަމަށް ފާޑު ކިޔައި، ރާއްޖެ ޓީވީން ދެއްކި ލަވައެއްގެ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަމުން ފަށައިފި އެވެ.

އިދިކޮޅު އެމްޑީޕީން ދާދިފަހުން ބޭއްވި "ފުދިއްޖެ، ފުނޑިއްޖެ" ހިނގާލުމުގެ ކަވަރޭޖުގެ ތެރެއިން ރާއްޖެ ޓީވީން ވަނީ ސަރުކާރަށް ފާޑު ކިޔާފައިވާ ލަވައެއް ގެނެސްދީފަ އެވެ. އެއީ އެ ޓީވީގެ ޕްރެޒެންޓަރު އާމިރު ސަލީމް ލިޔެފައިވާ ޅެމަކަށް ހަދާފައިވާ ލަވައެކެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީއަށް އިއްޔެ އަންގާފައިވަނީ އެ ލަވައިގެ ކޮންޓެންޓް އެ ކޮމިޝަނުން ބަލަމުންދާ ކަމަށެވެ. އެއީ އެ ކޮމިޝަނުން އިސްވެ ބަލަން ފެށި މައްސަލައެއް ކަމެއް ނުވަތަ ޝަކުވާ ހުށަހެޅުމުން ބަލަން ފެށި މައްސަލައެއް ކަމެއް އެ ކޮމިޝަނުން ފޮނުވި ލިޔުމުގައި ބުނެފައެއް ނުވެ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނަށް ދާދިފަހުން ވަނީ އާ ދެ މެންބަރަކު ސަރުކާރުން އައްޔަންކޮށްފަ އެވެ. އޭގެ ތެރޭގައި އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ސިޔާސީ އެކްޓިވިސްޓް މުހައްމަދު އަބްދުﷲ (މުހައްމާ) ވެސް ހިމެނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން އިންޓަވިއު ކުރުމަށްފަހު މުހައްމާގެ ނަން ލިސްޓްގެ ފަހަތަށް ގެނެސްފައި ވަނިކޮށް މަޖިލީހުގެ ތަޅުމުން އޭނާގެ ނަން ފާސް ކުރުމުން ފާޑުކިޔުން ވެސް އަމާޒުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ރާއްޖެ ޓީވީގެ ގިނަ މައްސަލަތަކެއް ބަލައި، އެ ޓީވީ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކޮށްފައިވެ އެވެ.