Roadha Mihaaru

އިޒްރޭލާ ދެކޮޅަށް އަމުރު ނެރުނު އައިސީސީއާ ދެކޮޅަށް ޓްރަމްޕު ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ހިންގަމުން ދިޔަ ލާއިންސާނީ އަމަލުތަކުގެ މައްސަލައިގައި އިޒްރޭލުގެ ވެރިން ހައްޔަރުކުރުމަށް އަމުރު ނެރުނު އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި އެވެ.

އައިސީސީއަށް ޓްރަމްޕު ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ހިންގަމުން ދިޔަ ލާއިންސާނީ އަމަލުތަކުގެ މައްސަލައިގައި އިޒްރޭލުގެ ވެރިން ހައްޔަރުކުރުމަށް އަމުރު ނެރުނު އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި އެވެ.

މިކަމަށް އަމުރުކޮށް ރިޔާސީ ގަރާރުގައި ސޮއިކުރެއްވުމަށް ފަހު ޓްރަމްޕް ވިދާޅުވީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރެއް ނެރެ، އައިސީސީން ވަނީ "ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފާފައި" ކަމަށެވެ. ޓްރަމްޕުގެ މި ނިންމެވުމުގެ ކުރިން މިދިޔަ އަންގާރަ ދުވަހު ވަނީ ނަތަންޔާހޫއާ ބައްދަލު ވެސް ކުރައްވައިފަ އެވެ.

ޓްރަމްޕު ވަނީ އައިސީސީގެ އޮފިޝަލުންނާއި މުވައްޒަފުންނާއި އެ މީހުންގެ އާއިލާގެ މެމްބަރުންގެ އިތުރުން އެ ކޯޓުގެ ތަހުގީގަށް އެހީތެރިވި ކަމަށް ބެލެވޭ މީހުންގެ މުދާ ހިފަހައްޓައި ދަތުރުކުރުން މަނާކުރަން އަމުރުކޮށްފަ އެވެ.

އެ މީހުންގެ ނަންތައް އަދި ހާމަކޮށްފައި ނުވި ނަމަވެސް ޓްރަމްޕްގެ ކުރީގެ ދައުރުގައި އެމެރިކާއިން މީގެ ކުރިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގައި ވަނީ އެ ކޯޓުގެ ޕްރޮސެކިއުޓަރަށް އަމާޒުކޮށްފަ އެވެ.

އަފްޣާނިސްތާނުގައި އެމެރިކާ ސިފައިން އަދި ޣައްޒާގައި އިޒްރޭލު ސިފައިން ހިންގި ކަމަށް ތުހުމަތުކުރެވޭ ހަނގުރާމައިގެ ޖަރީމާތަކާ ގުޅޭ އައިސީސީގެ ތަހުގީގަށް އިޝާރާތްކޮށް ޓްރަމްޕްގެ އަމުރުގައި ބުނެފައި ވަނީ ޓްރައިބިއުނަލުން އެމެރިކާއަށާއި އެމެރިކާގެ ގާތް އެކުވެރިޔާ އިޒްރޭލަށް އަމާޒުކޮށް ޣައިރު ގާނޫނީ އަދި އަސްލެއް ނެތް ކަންތައްތަކެއްގެ މައްޗަށް ތަހުގީގު ހިންގާފައިވާ ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު މިދިޔަ އަންގާރަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: އޭއެފްޕީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު މިދިޔަ އަންގާރަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: އޭއެފްޕީ

އިޒްރޭލާއި އެމެރިކާ އަކީ ވެސް އައިސީސީގެ މެންބަރުންނެއް ނޫނެވެ.

އައިސީސީން އެމެރިކާގެ މި ނިންމުމާ މެދު އެއްޗެއް ބުނުމުގެ ކުރިން، އެ ކޯޓު ހުންނަ ނެދަލެންޑްސް އިން ވަނީ އެ ނިންމުމާ މެދު ހިތާމަކުރާ ކަމަށް ބުނެފަ އެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ އާއި ކުރީގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް އަދި ހަމާސްގެ އަސްކަރީ ވެރިޔާ މުހައްމަދު ޟައީފް ހައްޔަރުކުރަން އައިސީސީން އަމުރު ނެރުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ.

"އިންސާނިއްޔަތާ ހިލާފް ޖަރީމާތައް ހިންގުމާއި ހަނގުރާމައިގެ ކުށްތައް 8 އޮކްޓޫބަރު 2023 އިން، މި މީހުން ހައްޔަރުކުރުމުގެ އަމުރަށް އެދި ޕްރޮސިކިއުޓަރުން މައްސަލަ ހުށަހެޅި ތާރީހު ކަމަށްވާ 20 މެއި 2024 އަށް ހިންގާފައި ވާތީ ބެންޖަމިން ނަތަންޔާހޫ އާއި ޔޯވް ގަލަންޓާއި ދެ މީހުން ހައްޔަރުކުރުމަށް އަމުރު ނެރެން،" ދަ ހޭގްގައި ހުންނަ އައިސީސީން ނެރުނު ބަޔާނުގައި ބުންޏެވެ.

ނަތަންޔާހޫ އާއި ގަލަންޓް ހައްޔަރުުކުރުމުގެ އަމުރަކަށް މިދިޔަ އަހަރުގެ މެއި މަހު އެދުނީ އައިސީސީގެ ޕްރޮސެކިޔުޓާ ކަރީމް ޚާން އެވެ. އެއީ ފަލަސްތީނުގައި ހިންގަމުންދާ ބަނޑައްޖެއްސުމާއި، މީހުން މެރުމާއި ނަސްލު ނައްތާލުމުގެ ޖަރީމާތަކާ ގުޅިގެންނެވެ.

އައިސީސީގެ މެންބަރު ގައުމުތަކުގެ އަދަދު 124 އަށް އަރާއިރު އެއިން ގައުމަކަށް މި އަމުރު ރައްދުވާ މީހަކު ހިނގައްޖެ ނަމަ ހައްޔަރުކުރަން ލާޒިމުވާނެ އެވެ. އެކަމަކު އެފަދަ އަމުރުތައް ތަންފީޒު ކުރުމުގެ ބާރު އައިސީސީއަކަށް ނޯވެ އެވެ.