Roadha Mihaaru

ފަލަސްތީނު މީހުން އެމެރިކާއަށް ވަނުން މަނާކޮށްފި

އެމެރިކާއަށް ވަނުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ހަތް ގައުމެއް ހިމަނައި އޭގެ އިތުރުން ފަލަސްތީނު ޕާސްޕޯޓް އޮންނަ މީހުންނަށް ވެސް ނުވަދެވޭ ގޮތް ހަދައިފި އެވެ.

ފަލަސްތީނު މީހުން އެމެރިކާއަށް ވަނުން މަނާކޮށްފި

އެމެރިކާއަށް ވަނުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ހަތް ގައުމެއް ހިމަނައި އޭގެ އިތުރުން ފަލަސްތީނު ޕާސްޕޯޓް އޮންނަ މީހުންނަށް ވެސް ނުވަދެވޭ ގޮތް ހަދައިފި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ މި ހަރުކަށި ސިޔާސަތުގެ ދަށުން، އެތައް ގައުމެއްގެ މީހުންނަށް މިހާރު ވަނީ އެމެރިކާއަށް ވަނުން މަނާވެފަ އެވެ. އަންގާރަ ދުވަހު ވަނީ ސީރިއާ އާއި ލާއޯސްގެ އިތުރުން އެފްރިކާގެ އެންމެ ފަގީރު ގައުމުތައް ކަމަށްވާ ބުކްކީނާ ފާސޯ، މާލީ، ނައިޖާ، ސިއެރަލިއޯން އަދި ސައުތު ސޫދާން ވެސް ލިސްޓުގައި ހިމަނައިފަ އެވެ.

މިހާރު ވަނީ އެމެރިކާއަށް ވަނުން މަނާ ގައުމުތަކުގެ އަދަދު 40 އާ ގާތްކޮށްފަ އެވެ.

ވައިޓް ހައުސް އިން ބުނީ މިއީ އެމެރިކާއަށް ނުރައްކަލަކަށް ވެދާނެ ބިދޭސީން އެތެރެވުން ހުއްޓުވަން އަޅަމުންދާ ފިޔަވަޅެއް ކަމަށެވެ.

އެމެރިކާގެ ސަގާފަތާއި ސަރުކާރާއި މުއައްސަސާތައް އަދި އެމެރިކާ ގަބޫލުކުރާ ހަމަތަކާ ދެކޮޅަށް މަސައްކަތްކުރާ ބޭރު މީހުން ހުއްޓުވަން ވެސް ޓްރަމްޕް ބޭނުންވާ ކަމަށް ވައިޓް ހައުސް އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ސީރިއާ މީހުން އެމެރިކާއަށް ވަނުން މަނާކޮށްފައި މި ވަނީ ބައްޝާރުލް އަސަދުގެ ވެރިކަން ވެއްޓުނު ފަހުން ސީރިއާގައި ފުރަތަމަ ފަހަރަށް އެމެރިކާ ސިފައިންގެ ބަޔަކަށް ހަމަލާދީ ދެ މީހަކު މަރާލިތާ ދެތިން ދުވަސް ފަހުންނެވެ. ސީރިއާ ސަރުކާރުން ބުނެފައިވަނީ އެ ހަމަލާ ދިނީ ސަލާމަތީ ބާރުތަކުގެ މީހެއް ކަމަށާއި އެއީ އައިއެސްގެ ފިކުރާ އެއްގޮތަށް މަސައްކަތްކުރާތީ ވަޒީފާއިން ވަކިކުރަން ނިންމާފައިވާ މީހެއް ކަމަށެވެ.

ފަލަސްތީނު ޕާސްޕޯޓް އޮންނަ މީހުން އެމެރިކާއަށް ވަނުން ރަސްމީކޮށް މަނާކޮށްފައި މި ވަނީ އެކި ގައުމުތަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނަން ފެށުމުން، އިޒްރޭލަށް ތާއީދު އޮތްކަން ދެއްކުމުގެ ގޮތުން ނުރަސްމީ ސިފައެއްގައި އެކަން މަނާކޮށްފައި އޮތުމަށް ފަހުގަ އެވެ.

މިއީ އެމެރިކާއަށް ވަނުން ވަކި ޝަރުތެއް ނެތި އެއްކޮށް މަނާވެފައިވާ ގައުމުތައް ކަމަށް ވާއިރު އެންގޯލާ، އެންޓީގުއާ އެންޑް ބާބިއުޑާ، ބެނިން، ޑޮމިނިކާ، ގެބޮން، ގެމްބިއާ، މަލާވީ، މޮރިޓޭނިއާ، ޓެންޒޭނިއާ، ޒެމްބިއާ އަދި ޒިމްބާބްވޭގެ އިތުރުން ޓޮންގާ އަށް ވަނީ ބައެއް ހުރަސްތައް ކުރިމަތިކޮށްފަ އެވެ. -- އޭއެފްޕީ