Roadha Mihaaru
"ޖޫރިމަނާއެއް ނުލިބޭ، އީޕީއޭ އިންތިހާއަށް ފަރުވާކުޑަ"

ތިމާވެށީގެ ޖޫރިމަނާތައް ނުލިބެނީ އީޕީއޭގެ ފަރުވާކުޑަކަމުން، "މިއީ ތަންފުކެއް ބޮޑުވަރު": މެމްބަރުން

12 އޯގަސްޓް 2024

ތިމާވެއްޓަށް ގެއްލުން ދިނުމުގެ އެކި ހާދިސާތަކާ ގުޅިގެން ކޮށްފައިވާ ޖޫރިމަނާގެ ފައިސާ ދައުލަތަށް ނުލިބި ދިގުލައިގެން ދަނީ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ފަރުވާ ކުޑަކަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމާވެއްޓާއި މޫސުމީ ބަދަލުތަކާ ބެހޭ ކޮމިޓީގެ މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ތިމާވެއްޓަށް ގެއްލުން ދިނުމުގެ އެކި ހާދިސާތަކާ ގުޅިގެން ކޮށްފައިވާ ޖޫރިމަނާގެ ފައިސާ ދައުލަތަށް ނުލިބި ދިގުލައިގެން ދަނީ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ފަރުވާ ކުޑަކަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމާވެއްޓާއި މޫސުމީ ބަދަލުތަކާ ބެހޭ ކޮމިޓީގެ މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ހެނދުނު ބޭއްވި މަޖިލީހުގެ ތިމާވެއްޓާއި މޫސުމީ ބަދަލުތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ އެ ކޮމިޓީގެ ދެން އޮންނަ ބައްދަލުވުމަކަށް އީޕީއޭގެ އިސްވެރިން ހާޒިރުކުރަން ނިންމައިފަ އެވެ.

އީޕީއޭގެ އިސްވެރިން ކޮމިޓީއަށް ހާޒިރުކުރަން ހުށަހެޅުއްވީ ގެމަނަފުށީ ދާއިރާގެ މެމްބަރު އައްސަދުﷲ ޝިހާބެވެ.

އައްސަދުﷲ ވިދާޅުވި ގޮތުގައި ތިމާވެށީގެ ޖޫރިމަނާގެ ފައިސާ ނުލިބި ދިގުލައިގެން ދިއުމާއި ޖޫރިމަނާއާ ގުޅޭ އެހެން މައްސަލަތައް ނުނިމި ދިގުލައިގެން ގޮސްފައި ވަނީ ގާނޫނީ ގޮތުން މިކަމުގެ ޒިންމާ ހަވާލުކޮށްފައިވާ އީޕީއޭގެ ފަރުވާކުޑަކަމުންނެެވެ. އެހެންވެ، މި ފައިސާ ނުލިބި ދިގުލައިގެން ދާ ސަބަބާއި ހުރި ދަތިތައް ސާފުކުރަން އެ އެޖެންސީގެ ވެރިން މަޖިލީހަށް ހާޒިރުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު އަމިއްލައަށް ގަބޫލުކުރަނީ އީޕީއޭގެ ބެލުން މީގައި ކުޑަ ކަމަށް،" އޭނާ ވިދާޅުވި އެވެ.

އީޕީއޭ ފަރުވާ ކުޑަ ކަމަށް ނިންމި ސަބަބެއްގެ ގޮތަށް އޭނާ ދެއްކެވީ، ވަރަށް ގިނަ ދުވަސްވީ ބައެއް މައްސަލަތަކުގެ ތަހުގީގު އަދިވެސް ނުނިމި އޮތުމެވެ. އަދި ތަހުގީގު ފުރިހަމަ ނުކޮށް އީޕީއޭ އިން ބައެއް މައްސަލަތައް ނިންމާފައިވާ ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

"މިހާ ފަރުވާ ކުޑަކޮށް މައްސަލަތައް ނިންމާފައި މި ހުންނަނީ،" އޭނާ ވިދާޅުވި އެވެ.

ކޮމިޓީއަށް އީޕީއޭގެ އިސްވެރިން ހާޒިރުކުރަން އައްސަދުﷲ ހުށަހެޅުއްވި ހުށަހެޅުމަށް މަތިވެރި ދާއިރާގެ މެމްބަރުން ހަސަން ޒަރީރު ތާއީދުކުރައްވައި، ކޮމިޓީގެ ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ އެ ހުށަހެޅުން ފާސްކޮށްފަ އެވެ.

އީޕީއޭގެ އިސްވެރިން ހާޒިރުކުރަން ނިންމީ އަންނަ ހޯމަ ދުވަހު ބާއްވާ ކޮމިޓީގެ ބައްދަލުވުމަށެވެ.

މާލެ އަތޮޅު ރަސްފަރީ ފަރަށް އެރި އާގުބޯޓް.-- ފޮޓޯ: މުހައްމަދު ޝާހިދު

މާލެ އަތޮޅު ރަސްފަރީ ފަރަށް އެރި އާގުބޯޓް.-- ފޮޓޯ: މުހައްމަދު ޝާހިދު

އެއްވެސް މައްސަލައެއްގެ ޝަރީއަތް ނުނިމޭ

މެމްބަރު ޒަރީރު ވިދާޅުވީ އެޓާނީ ޖެނެރަލްގެ އޮފީހުން ކޮމިޓީއަށް ފޮނުވާފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، ތިމާވެށީގެ ޖޫރިމަނާތަކާ ގުޅިގެން ކޯޓަށް ހުށަހަޅާފައިވާ އެއްވެސް މައްސަލައެއް މިހާތަނަށް ނުނިމެ އެވެ.

އޭނާ ވިދާޅުވީ ކޯޓުގައި މައްސަލަތައް ތާށިވަނީ ގާނޫނީ ގޮތުން ހުރި ހުރަސްތަކެއް ސަބަބުން އެކަނި ކަމަށް ގަބޫލުނުކުރެއްވޭ ކަމަށެވެ. އެއީ ކޯޓަށް މައްސަލަތައް ހުށަހެޅުމަށް، މައްސަލަ ބަލައިގަންނަނީ ގާނޫނީ ހިލާފު ކަންތައްތަކެއް ހިނގާފައި ހުރި ކަމަށް ކޯޓަށް ވެސް ބެލެވޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޯޓަށް މައްސަލަ ބަލައިގެންފައި ކުރިއަށް ނުގޮސް ހުންނަނީ ހަމައެކަނި ގާނޫނީ ގޮތުން ހުރި މައްސަލަތަކެއް ސަބަބުންނޭ ބުނެވޭކަށް ނެތް. މީގައި އިދާރީ މައްސަލަތައް ބޮޑުކަމުން ކަމަށް ގަބޫލުކުރެވެނީ،" ޒަރީރު ވިދާޅުވި އެވެ.

ޖޫރިމަނާ ވަރަށް ފަސޭހައިން އެބަ ކޮށްލާ. އެކަމަކު [އޭޖީ އޮފީހުގެ] ޝީޓުތައް ބަލައިލީމަ އެނގެނީ މީގެން އެއްވެސް މައްސަލައެއް ނުނިމޭކަން. އެއީ ތަންފުކެއް ބޮޑުވަރަކު ކަންނޭނގެ، އެންމެ މައްސަލައެއް ވެސް ކޯޓު މަރުހަލާއިން ނުނިމި އޮތީމަ: މެމްބަރު ޒަރީރު

"ޖޫރިމަނާ ވަރަށް ފަސޭހައިން އެބަ ކޮށްލާ. އެކަމަކު ޝީޓުތައް ބަލައިލީމަ އެނގެނީ މީގެން އެއްވެސް މައްސަލައެއް ނުނިމޭކަން. އެއީ ތަންފުކެއް ބޮޑުވަރަކު ކަންނޭނގެ، އެންމެ މައްސަލައެއް ވެސް ކޯޓު މަރުހަލާއިން ނުނިމި އޮތީމަ."

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އީޕީއޭ އިން މިދިޔަ އަހަރު ޖުލައި މަހު "މިހާރު" އަށް ދިން މައުލޫމާތުގައިވާ ގޮތުގައި، 2009 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް، ތިމާވެއްޓަށް ގެއްލުން ދީގެން ކޮށްފައިވާ ޖޫރިމަނާތަކުން 676 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ނުލިބެ އެވެ.