Roadha Mihaaru

ރޯދަމަހުގެ ތައްޔާރީތައް: މާލޭގައި މަސްދަޅު ކޭސް ބަހާނީ މި މަހުގެ 20 އިން 28 އަށް

ކުރިއަށް އޮތް ރޯދަމަހަށް ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ސަރުކާރުން ދޭން ނިންމި މަސް ދަޅު ކޭސް މާލެ ސަރަަހައްދުގައި އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެން ބަހަން އެސްޓީއޯ އިން ނިންމައިފި އެވެ.

މާލޭގައި މަސްދަޅު ކޭސް ބަހާނީ މި މަހުގެ 20-28އަށް
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

11 ފެބުރުއަރީ 2025

ކުރިއަށް އޮތް ރޯދަމަހަށް ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ސަރުކާރުން ދޭން ނިންމި މަސް ދަޅު ކޭސް މާލެ ސަރަަހައްދުގައި އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެން ބަހަން އެސްޓީއޯ އިން ނިންމައިފި އެވެ.

އެ ކުންފުނިން މިއަދު ބުނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް މާލެ ފިޔަވައި އެހެން ރަށްރަށުގައި ރޯދަމަހަށް މަސްދަޅު ކޭސް ބަހަން އިއްޔެ ފަށާފައިވާއިރު، މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި ކޭސްތައް ބަހާނީ މި މަހުގެ 20 ވާ ބުރާސްފަތި ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށް ކަމަށެވެ. އެ ތާރީހަށް ބަދަލެއް އަތުވެއްޖެ ނަމަ، އެކަން ދުރާލައި އެކަން އަންގާނެ ކަމަށް ވެސް ބުންޏެވެ.

މަސްދަޅު ކޭސް ދޫކުރަން އެސްޓީއޯ އިން ނިންމާފައި ވަނީ ކޮންމެ ދުވަހެއްގެ މެންދުރުފަހު 2:30 އިން ހަވީރު 6:00 އަށް އަދި ރޭގަނޑު 8:30 އިން 11:00 އަށެވެ.

އެސްޓީއޯ އިން ބުނިގޮތުގައި، ކޮންމެ ގެއަކަށް ވެސް ދޫކުރާނީ 180 ގްރާމްގެ 48 ދަޅު ހިމެނޭ ތެޔޮ މަސް ކޭހެކެވެ.

މާލޭ ސަރަހައްދުގެ ގެތަކަށް މަސްދަޅު ކޭސް ދޫކުރާނީ މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުންނެވެ.

އެސްޓީއޯ އިން ބުނިގޮތުގައި މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ލިބޭނީ ހަމައެކަނި ދިވެހިންނަށެވެ. ގޭގެ ކަރަންޓު މީޓަރުގެ ނަމްބަރު ޗެކް ކުރުމަށް ފަހު، މަސްދަޅު ކޭހާ ހަވާލުވާން ދާ މީހާގެ އައިޑީކާޑާއި ގުޅޭނެ ނަމްބަރު ވެސް ރެކޯޑު ކުރާނެ އެވެ.

މި ހަދިޔާ ދޫކުރުމަށް މާލޭ ސަރަހައްދުގައި ފަސް މަރުކަޒެއް ގާއިމުކުރާނެ އެވެ.

މަސްދަޅު ކޭސް ދޫކުރާ ތަންތަން:

- މާލެ ސިޓީ ކައުންސިލްގެ އާންމު ހިދުމަތްތަކާބެހޭ ބައި.

- މިފްކޯ އޮފީސް ކޮމްޕައުންޑް.

- ވިލިމާލޭ ކައުންސިލް އޮފީސް.

- ހުޅުމާލެ 1 ގެ އުމަރު ޒާހިރު ބިލްޑިންގް.

- ހުޅުމާލެ 2 ހިޔާގެ 10 ވަނަ ޓަވަރުގައި ހުންނަ ޔޫތު ސެންޓަރު.

އެސްޓީއޯ އިން ވަނީ ރަށްރަށުގެ ގޭބިސީތަކަށް މަސް ދަޅު ކޭސް ފޮނުވުގެ މަސައްކަތް ވެސް ފަށައިފަ އެވެ. އޭގެ ތެެރެއިން ހދ. އަތޮޅުގެ ބައެއް ރަށްރަށުގައި މިހާރު ދަނީ މަސް ކޭސްތައް ބަހަމުންނެވެ.

މި ރޯދަމަހު މަސްދަޅު ކޭސް ގޭގެ އަށް ބަހާއިރު، މިދިޔަ އަހަރުގެ ރޯދަމަހު ސަރުކާރުން ވަނީ 82،000 ގޭބީސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑުގެ ބާވަތްތައް ހިލޭ ދީފަ އެވެ. އަދި ކަރަންޓާއި ފެނުގެ ބިލުން 142 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވެ އެވެ.