މަދަނީ މައްސަލައެއް އިސްތިއުނާފު ކުރަން ހުށަހެޅުމުގެ މާނަ އަކީ އެ މައްސަލައިގައި ހުކުމް ތަންފީޒު ކުރުން އޮޓަމެޓިކުން ފަސް ކުރުމުގެ އަމުރެއް ނެރެން ޖެހުން ނޫން ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
17 ޖޫން 2021
މަދަނީ މައްސަލައެއް އިސްތިއުނާފު ކުރަން ހުށަހެޅުމުގެ މާނަ އަކީ އެ މައްސަލައިގައި ހުކުމް ތަންފީޒު ކުރުން އޮޓަމެޓިކުން ފަސް ކުރުމުގެ އަމުރެއް ނެރެން ޖެހުން ނޫން ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
މޯލްޑިވްސް ކޮލިޓީ ސީފުޑް ކުންފުނިން އިތުރަށް ދެއްކިފައިވާ ކަމަށް ބުނާ ޓެކްސްގެ މައްސަލައެއްގައި ދެބަސްވުން އުފެދި އެ ކުންފުނިން ވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލަށް މައްސަލައެއް ހުށަހަޅައިފަ އެވެ. ޓްރައިބިއުނަލުން ނިންމާފައި އެ ކުންފުންޏާ އެއްކޮޅަށެވެ. އަދި މީރާއަށް އަންގާފައި ވަނީ އިތުރުވި ފައިސާ އަނބުރާ ދައްކާށެވެ.
އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށް ފަހު، މީރާއިން އެދިފައި ވަނީ މައްސަލަ އިސްތިއުނާފުކޮށްފައިވާތީ، ފައިސާ އަނބުރާ ދައްކަން ނުޖެހޭ ގޮތަށް ވަގުތީ އަމުރެއް ނެރެދިނުމަށެވެ. އެފަދަ އަމުރެއް ނެރެނުދީފި ނަމަ އެފަދަ ޓެކްސްގެ ދެބަސްވުންތައް އުފެދިފައިވާ، އިސްތިއުނާފު މަރުހަލާގައިވާ މައްސަލަތަކުގައި ހިމެނޭ ފައިސާ ދައްކަން ޖެހޭތީ އިސްތިއުނާފު މައްސަލަ ނިމުމުގެ ކުރިން އެފަދަ އަމުރެއް ނެރެދޭން ޖެހޭ ކަމަށް މީރާއިން ބުނެފައިވެ އެވެ. ނަމަވެސް، ހައި ކޯޓުން އެފަދަ އަމުރެއް ނެރެނުދިނުމުން މީރާއިން ވަނީ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.
ސުޕްރީމް ކޯޓުން މީގެ ކުރިން ނެރެފައިވާ "ރިޓް އޮފް ޕްރޮހިބިޝަން"ގެ ދަށުން މަތީ ކޯޓަކަށް އިސްތިއުނާފުކޮށްފި ނަމަ، އެ މައްސަލައެއްގައި ދަށު ކޯޓުން އިއްވާފައިވާ ހުކުމް ފަސް ކުރަން އަމުރު ނެރެން ޖެހެ އެވެ.
ސުޕްރީމް ކޯޓުގެ ރިޓްއާ އެއްގޮތަށް އިސްތިއުނާފަށް މައްސަލަ ހުށަހެޅުމުން، ހުކުމް ތަންފީޒު ކުރަން ޖެހޭ ކަމަށް ގަބޫލު ކުރާ ކަމަށް ސުޕްރީމް ކޯޓުގައި ވެސް މީރާއިން ބުނެފައިވެ އެވެ.
އެ މައްސަލައިގައި މިއަދު ކުރި ހުކުމުގައި ވަނީ ސުޕްރީމް ކޯޓުން މީގެކުރިން އެ ރިޓް ނެރެފައިވަނީ އިސްތިއުނާފުކުރުމުގެ ހުއްދަ ނެތި އަދި މައްސަލަ ރަޖިސްޓަރީ ކުރުމަކާ ނުލައި އަދި އަޑުހުމެއް ވެސް ނުބާއްވާ ކަމެވެ. އެހެންވެ އެ ނިންމުމަކީ ކޯޓުތަކުގެ ގާނޫނުގައި ސުޕްރީމް ކޯޓުގެ އިހުތިސާސްކަމުގައި ކަނޑައަޅާފައިވާ ކަންކަމުގެ ބޭރުން، އަދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމަށް އޮންނަ އިޖުރާއަތުގެ ވެސް ބޭރުން ކުރިން ނިންމާފައިވާ ނިންމުމެއް ކަމަށް ހުކުމުގައިވެ އެވެ.
މައްސަލައެއް އިސްތިއުނާފު ކުރުމަކީ އެކަމުގެ ސަބަބުން އޮޓަމެޓިކުން ހުކުމް ތަންފީޒުކުރުން ފަސްކުރަންޖެހޭ ސަބަބެއް ނޫން ކަމަށަށާއި ހުކުމް ތަންފީޒުކުރުން ފަސްކުރެވޭނީ އިސްތިއުނާފީ ކޯޓަކުން އެފަދައިން އަމުރު ކުރުމުން ކަމަށް ހުކުމުގައިވެ އެވެ. މިއީ ކޯޓުތަކުގެ ގާނޫނުގެ 77 ވަނަ މާއްދާގައި ބުނާ ގޮތެވެ.
ގާނޫނީ އާންމު އުސޫލަށް ބަލާއިރުވެސް، މައްސަލައެއް އިސްތިއުނާފު ކުރުމަކީ އޭގެ ސަބަބުން [އޮޓޮމެޓިކުން] ހުކުމް ތަންފީޒުކުރުން ފަސްކުރަންޖެހޭ ސަބަބެއް ނޫން
"ގާނޫނީ އާންމު އުސޫލަށް ބަލާއިރުވެސް، މައްސަލައެއް އިސްތިއުނާފު ކުރުމަކީ އޭގެ ސަބަބުން (އޮޓޮމެޓިކުން) ހުކުމް ތަންފީޒުކުރުން ފަސްކުރަންޖެހޭ ސަބަބެއް ނޫނެވެ." ހުކުމުގައިވެ އެވެ.
މީރާ އިން ވަނީ ހުކުމް ތަންފީޒުކުރުން ފަސް ކުރުމުގެ އަމުރެއް ނެރެނުދީފި ނަމަ މީރާގެ އިސްތިއުނާފު ކުރުމުގެ ހައްގަށް އުނިކަން އަންނާނެ ކަމަށް ވެސް ސުޕްރީމް ކޯޓުގައި ބުނެފަ އެވެ.
ނަމަވެސް، ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް އެންގުމަކީ ގާނޫނަކުން ކޯޓަށް ލިބިގެންވާ ބާރެއްގެ ތެރެއިން އަންގާ އެންގުމެއް ކަމަށް ވާތީ، އެ ނިންމުން ނިންމުމަށް ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު، އެފަދަ އަމުރެއް ނެރެން ނޫނީ ނެރެން ކޯޓަށް އިހްތިޔާރު އޮންނާނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.
ހުކުމް ތަންފީޒުކުރުން ފަސް ކުރުމާ މެދު ހައިކޯޓުން ގޮތް ކަނޑައަޅާފައި ވަނީ ގާނޫނުގެ އިމުގެ ތެރެއިން، އެ ކޯޓަށް ލިބިގެންވާ ބާރެއްގެ ބޭނުންކޮށް ކަމުގައި ވާތީ، އެކަމަކީ އަސާސީ ހައްގަކަށް އުނިކަން އަންނަ ގޮތަށް ކޮށްފައިވާ ކަމެއް ކަމަށް ނުދެކޭ ކަމަށް ވެސް ހުކުމުގައިވެ އެވެ.
ނިންމުމެއް އިސްތިއުނާފު ކުރުމުގެ މާނަ އަކީ އެ ނިންމުން ތަންފީޒުކުރަން އަމުރެއް ނެރެން ޖެހޭ ކަމެއް ނަމަ ހުކުމް ތަންފީޒު ކުރުން ފަސްކުރުމަކީ އިސްތިއުނާފުކުރުމުގެ ނަތީޖާއެއްގެ ގޮތުގައި ގާނޫނުގައި ބަޔާންކޮށްފައި އޮންނާނެ ކަމަށް ވެސް ހުކުމުގައިވެ އެވެ.
"ނިންމުމެއް އިސްތިއުނާފުކުރުމަކީ އެ އަމަލުން އިސްތިއުނާފު ކުރެވުނު ނިންމުން ތަންފީޒުކުރުން ފަސްކުރަން ޖެހޭ ސަބަބެއް ކަމުގައިވާ ނަމަ، އެކަމާ މެދު ގޮތް ކަނޑައެޅުމަށް ކޯޓަށް ބާރު ލިބިދީފައި އޮތުމުގެ ބަދަލުގައި، ހުކުމް ތަންފީޒުކުރުން ފަސްކުރުމަކީ އިސްތިއުނާފު ކުރުމުގެ ނަތީޖާއެއްގެ ގޮތުގައި ގާނޫނުގައި ބަޔާންކޮށްފައި އޮންނާނެ ކަމަށް ގަބޫލު ކުރަމެވެ." ހުކުމުގައިވެ އެވެ.
ފަނޑިޔާރު ޝުޖޫންގެ އިތުރުން ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ބެއްލެވި އެ މައްސަލައިގައި ނިންމާފައި ވަނީ މީރާއަށް ހުކުމް ތަންފީޒު ކުރުމުގެ އަމުރެއް ނެރެ ނުދިނުމަށެވެ.
މިގޮތަށް ނިންމާފައިވީ ނަމަވެސް، ދާދި ފަހުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލައެއްގައި އެ ކޯޓުން ވަނީ އެ ކޯޓުގައި މައްސަލަ ބަލާތީ ވަގުތީ އަމުރެއް ނެރެދީފަ އެވެ. އެއީ އުރީދޫ މޯލްޑިވްސްއިން އަމީން ކޮންސްޓްރަކްޝަނަށް ރައްދުވާ ގޮތަށް ހުށަހެޅި މައްސަލައެކެވެ.
ޔޮޓް ޓުއާޒްގެ އެކައުންޓް ފްރީޒްކުރީ ގޯސްކޮށް: ހުކުމް
ސުޕްރީމް ކޯޓުގެ ކުރީގެ ތިން ސާކިއުލާއެއް ބާތިލްކޮށްފި
ސުޕްރީމް ކޯޓުން ގޯހެއް ރަނގަޅުކުރަން ގޯހެއް ނުހެދޭނެ
އިޖްރާއީ އަޑުއެހުން ބޭއްވުމުގެ އުސޫލެއް އެކުލަވާލައިފި
"ރިޔާޒްގެ އިސްތިއުނާފް ކުރިއަށް ނުދާތީ ހިތާމަކުރަން"
ބަންދު އަމުރު އިސްތިއުނާފް ކުރެވޭނީ މާލޭގެ ހައިކޯޓުގައި
ވިލާ އިން 2.9 ބިލިއަން ރުފިޔާ ދައްކާކަށް ނުޖެހޭނެ
ހައި ކޯޓުގެ ގޮފިތަކަށް ގެނައި ބަދަލު؛ ލިބުނު ހައްލެއް
އާޒިމާގެ ރައްދު: އަބުރުވެރިކަމާއެކު ފައިސާ ދައްކަވާ
އިސްތިއުނާފް މުއްދަތު ކުރު، ދަތުރުކުރަންޖެހޭ މަގު ދިގު