Roadha Mihaaru
ރަސްފަންނުގެ ވެލިމަގު ހުޅުވާލައި ދުއްވޭ ގޮތް ހަދައިފި

ރަސްފަންނުގެ ވެލިމަގު ހުޅުވާލައި މާލެ ވަށައިގެން ދުއްވޭ ގޮތް ހަދައިފި

20 އޯގަސްޓް 2020

ރަސްފަންނު ތަރައްގީކުރި އިރު ވެސްޓް ޕާކާ ދިމާލުން ބޮޑުތަކުރުފާނު މަގުން ބަންދުކޮށް ރަސްފަންނުގެ ބައެއްގެ ގޮތުގައި ހެދި ބައި ނެގުމަށް ފަހު އެ މަގު އަލުން ހުޅުވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރަސްފަންނު ތަރައްގީކުރި އިރު ވެސްޓް ޕާކާ ދިމާލުން ބޮޑުތަކުރުފާނު މަގުން ބަންދުކޮށް ރަސްފަންނުގެ ބައެއްގެ ގޮތުގައި ހެދި ބައި ނެގުމަށް ފަހު އެ މަގު އަލުން ހުޅުވައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މާފަންނު ކޮޅުގައި 2016 ވަނަ އަހަރު ހުޅުވި ބީޗު ތަރައްގީކޮށްފައި އޮތް ގޮތުން މާލެ ވަށައިގެން އުނދުތަކަށް ދުއްވޭނެ ގޮތެއް ނޯވެ އެވެ. ނަމަވެސް އެތަނުގައި އުސްކޮށް އަޅާފައި ހުރި ވެލިތައް ނަގައި މަގު ލެވެލްކޮށް، ގާ އެތުރުމަށްފަހު މި ހަފުތާގެ ކުރީކޮޅު ވަނީ ދުއްވާ އެއްޗިއްސަށް ހުޅުވާލައިފަ އެވެ. ހުޅުވާލި ހިސާބުން މަގުގެ ދެކޮޅަށް ވެސް ވެހިކަލަށް ދުއްވެ އެވެ.

އިށީންނާނެ ޖޯއްޔާއި އުނދޯލިތައް ބަހައްޓައި ކުޑަކުދިންނަށް ކުޅެވޭ ގޮތަށް ރަސްފަންނު ބީޗު ހެދުމަށް، ދައުލަތުގެ ބަޖެޓުން 40 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރި އެވެ. މަގު ހުޅުވާލަން ވެލިތައް ނެގި އިރު އެ ސަރަހައްދަށްވާ ގޮތަށް ހުރި ޖޯއްޔާއި އުނދޯލިތައް ވަނީ ނަގައިފަ އެވެ.

ރަސްފަންނު ވެލި މަގު ކުރިން ހުރިގޮތް.-- ފޮޓޯ: މިހާރު

ރަސްފަންނު ވެލި މަގު ކުރިން ހުރިގޮތް.-- ފޮޓޯ: މިހާރު

ސިޓީ ކައުންސިލުން ބުނީ އެ މަގު އަލުން ހުޅުވާލީ، މަގު ހެދުމުގެ އާ ޕްރޮޖެކްޓުގެ ދަށުން ކަމަށެވެ. މަގުތަކުގައި ފެން ބޮޑުވުމާއި ޕާކިންގެ މައްސަލަ ހައްލުކުރުމާއި ހިނގާ މީހުންނަށް ފަސޭހަވާނެ ގޮތަކަށް އަލުން ގާ އަތުރައި، މަގުތައް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ މޯލްޑިވްސް ރޯޑު ޑިވެލޮޕަމްޓް (އާރުޑީސީ) އިންނެވެ. އެ މަޝްރޫއަށް 462 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވެ އެވެ.

ރަސްފަންނު ކުރިމައްޗަށްވާ މަގު ހުޅުވުމަށް ފަހު، އިތުރަށް ތަރައްގީކުރުމަށް ކަނބާ އައިސަ ރަނި ހިނގުން މަގު ބަންދުކުރާނެ އެވެ.