Roadha Mihaaru

ދިވެހި ސަފީރުގެ ފަތްކޮޅު އިންޑިއާގެ ރައީސަށް އަރުވައިފި

ރާއްޖެ އިން އިންޑިއާ އަށް ކަނޑައެޅި އާ ސަފީރު، އާއިޝަތު އަޒީމާގެ ސަފީރުކަމުގެ ފަތްކޮޅު އެ ގައުމުގެ ރައީސް ދުރުޕަތީ މުރުމު އަށް މިއަދު އަރުވައިފި އެވެ.

ސަފީރުގެ ފަތްކޮޅު އިންޑިއާގެ ރައީސަށް އަރުވައިފި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

17 ފެބުރުއަރީ 2025

ރާއްޖެ އިން އިންޑިއާ އަށް ކަނޑައެޅި އާ ސަފީރު، އާއިޝަތު އަޒީމާގެ ސަފީރުކަމުގެ ފަތްކޮޅު އެ ގައުމުގެ ރައީސް ދުރުޕަތީ މުރުމު އަށް މިއަދު އަރުވައިފި އެވެ.

އެ ރަސްމިއްޔާތު އޮތީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ ރިޔާސީ ގަނޑުވަރު ރާޝްތްރަޕަތީ ބަވަން ގަ މިއަދުގެ މެންދުރު އެވެ.

އެ ރަސްމިއްޔާތަށް ފަހު ދެ ބޭފުޅުން ބޭއްވި ބައްދަލުކުރެއްވުމުގައި އަޒީމާ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ދިވެހިންގެ ފަރާތުން ހެޔޮއެދުންތަކާއި ތަހުނިޔާ އިންޑިއާގެ ރައީސާއި ރައްޔިތުންނަށް ރައްދު ކޮށްދެއްވައިފަ އެވެ. އަދި އަޒީމާ ވަނީ ރާއްޖޭގެ ކުރިއެރުމަށް އިންޑިއާ އިން ދެމުންދާ އެހީތެރިކަން ފާހަގަކުރައްވައި، ދިވެހި ސަރުކާރުގެ ފަރާތުން ޝުކުރު އަދާކުރައްވައިފަ އެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން ވެސް އެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

އަޒީމާއަކީ 1988 ވަނަ އަހަރުން ފެށިގެން ހާރިޖިއްޔާގެ އެކި މަގާމުތަކުގައި ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ކެރިއާ ޑިޕްލޮމެޓެކެވެ. އޭނާ ވަނީ ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމު 2019 ވަނަ އަހަރުން ފެށިގެން 2023 އަށް އަދާކުރައްވައިފަ އެވެ. މިހާރު އެޑިޝަނަލް ސެކްރެޓަރީގެ މަގާމުގައި އޭނާ ހުންނެވީ އިންޑިއާ ޑިވިޝަންގެ ހެޑްގެ ގޮތުގަ އެވެ.

މިއަހަރަކީ ރާއްޖެ އާއި އިންޑިއާ އާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ އަހަރެެވެ. އިންޑިއާ ހިމެނެނީ ރާއްޖޭގެ މިނިވަންކަން އެންމެ ފުރަތަމަ ބަލައިގަތް ގައުމުތަކުގެ ތެރޭގަ އެވެ.