Roadha Mihaaru

ބޯއިކޮޓް ކެމްޕޭނަށް ފަހު ތުރުކީގެ ކޭއެފްސީ އާއި ޕިއްޒާ ހަޓް ބަނގުރޫޓުވެ ބަންދުކޮށްފި

ކޭއެފްސީ އާއި ޕިއްޒާ ހަޓްގެ މައި ކުންފުނި ޔަމް! ބްރޭންޑްސް އިން ތުރުކީގެ އައިއެސް ގީޑާއާ އެކު ހަދާފައިވާ ފްރެންޗައިޒް އެގްރީމެންޓް ނިމުމަކަށް ގެނައުމާ އެކު، ތުރުކީގެ 537 އައުޓްލެޓް ބަންދުކޮށްފި އެވެ.

ތުރުކީގެ ކޭއެފްސީ އާއި ޕިއްޒާ ހަޓް ބަނގުރޫޓުވެ ބަންދު

ކޭއެފްސީ އާއި ޕިއްޒާ ހަޓްގެ މައި ކުންފުނި ޔަމް! ބްރޭންޑްސް އިން ތުރުކީގެ އައިއެސް ގީޑާއާ އެކު ހަދާފައިވާ ފްރެންޗައިޒް އެގްރީމެންޓް ނިމުމަކަށް ގެނައުމާ އެކު، ތުރުކީގެ 537 އައުޓްލެޓް ބަންދުކޮށްފި އެވެ.

މި ތަންތަން ބަންދުކުރީ ފްރެންޗައިޒް އެއްބަސްވުމުގައި ބުނާ، ކުންފުނީގެ ސްޓޭންޑާޓްތަކާ އެއްވަރަށް ހިދުމަތް ނުދެވޭތީ ކަމަށް ޔަމް! ބްރޭންޑްސް އިން ބުނި ނަމަވެސް އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދޭ ހަމަލާތަކާ އެކު، އިޒްރޭލަށް ތާއީދުކުރާ ކުންފުނިތަކާ ދެކޮޅަށް ފެށި ކެމްޕެއިނުގައި ކޭއެފްސީއަށް ތުރުކީގައި ބޮޑު ގެއްލުމެއް ވި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ތުރުކީގައި ކޭއެފްސީ އާއި ޕިއްޒާ ހަޓްގެ ވިޔަފާރި އެ ކެމްޕެއިނާ އެކު 40 ޕަސެންޓް ދަށަށް ދިޔަ އެވެ.

ތުރުކީގައި މި ތަންތަން ހިންގާ އައިއެސް ގީޑާ އިން ވަނީ ކުންފުނީގެ ދަރަނި 7.7 ބިލިއަން ތުރުކީ ލީރާ (214 މިލިއަން ޑޮލަރު) އަށް އަރާފައިވާ ކަމަށާއި އެ ދަރަނި ދެއްކޭނެ ގޮތެއް ނެތި ބަނގުރޫޓުވެފައިވާ ކަމަށް ވެސް އިއުލާނުކޮށްފަ އެވެ.

ގީޑާއިން ވަނީ އައުޓްލެޓްތައް ބަންދުކުރުމުން 7،000 މީހެއްގެ ވަޒީފާ ގެއްލޭނެ ކަމަށް ބުނެފަ އެވެ. އެ މީހުންނަށް ވެސް އަދި ނުދެވޭ މުސާރަ އެބަހުރި ކަމަށާއި އެކަމަކު އެ ފައިސާ ދައްކާނެ ކަމަށް ވެސް ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. އެ ކުންފުނިން ބުނީ މިދިޔަ އަހަރުގެ ނިޔަލަށް މުސާރަ ދީފައިވާނެ ކަމަށާއި ދޭން ޖެހޭނީ ޖެނުއަރީ މަހުގެ މުސާރަ އެކަނި ކަމަށެވެ.

ކޭއެފްސީ އަކީ އިޒްރޭލުގެ އަސްކަރިއްޔާއަށް ވާގިވެރިވާ ބައެއް ކަމަށް ބުނާ ބުނުމަށް އެ ކުންފުނިން އިންކާރު ކުރެ އެވެ. އެކަމަކު ބޯއިކޮޓް ކެމްޕެއިނު ވަރުގަދަވެ އެހެން ބައެއް ގައުމުތަކުގައި ވެސް އެ މީހުންގެ ވިޔަފާރި ދަށްވެ ބައެއް ތަންތަން ވަނީ ބަންދުކުރަން ޖެހިފަ އެވެ.