Roadha Mihaaru

ރެއާލް އަތުން މޮޅުވާން ސިޓީ އަށް އޮތީ އެއް ޕަސެންޓް ފުރުސަތެއް: ގާޑިއޯލާ

ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރުގެ ދެ ވަނަ ލެގުގައި މާދަމާރޭ ރެއާލް މެޑްރިޑާ ކުޅޭ މެޗުގެ ނަތީޖާ އަނބުރާލުމަށް އޭނާގެ ޓީމަށް އޮތީ އެއް ޕަސެންޓް ފުރުސަތު ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ރެއާލް އަތުން މޮޅުވާން ސިޓީ އަށް އޮތީ ހަނި ފުރުސަތެއް

ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރުގެ ދެ ވަނަ ލެގުގައި މާދަމާރޭ ރެއާލް މެޑްރިޑާ ކުޅޭ މެޗުގެ ނަތީޖާ އަނބުރާލުމަށް އޭނާގެ ޓީމަށް އޮތީ އެއް ޕަސެންޓް ފުރުސަތު ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމުގައި މިދިޔަ ހަފުތާގައި ކުޅުނު ފުރަތަމަ ލެގު ރެއާލް ކާމިޔާބުކުރީ 3-2 އިންނެވެ. އެހެންވެ އަމުދުން ރެއާލުގެ ސްޓޭޑިއަމުގައި ދެ ވަނަ ލެގު ކުޅޭއިރު ސިޓީ އަށް އޮތީ އުނދަގޫ ޗެލެންޖެކެވެ.

ގާޑިއޯލާ ބުނީ އެ ނަތީޖާ އަނބުރާލެވޭ ވަރުގެ ނަތީޖާއެއް ރެއާލުގެ ދަނޑުގައި ނެރުމަކީ، ކިހާ އުނދަގޫކަމެއްކަން އެންމެންނަށް އެނގޭނެ ކަމަށެވެ.

"އަހަރެމެން މިދަނީ އެންމެ ޕަސެންޓެއްގެ ފުރުސަތަކާ އެކު. ހަމަގައިމު ވެސް ވަރަށް ކުޑަ ފުރުސަތެއް އޮތީ،" ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ބުނީ ކިތަންމެ ހަނި ފުރުސަތެއް އޮތަސް ސިޓީން މަސައްކަތްކުރާނެ ކަމަށާއި، ނަމަވެސް ހަގީގަތަކީ މި ސީޒަނުގައި އެންމެ އެދެވޭ ގޮތެއްގައި އެކަން ކުރެވިފައި ނެތުން ކަމަށެވެ.

"އަހަރެމެންގެ ކުޅުންތެރިންގެ ހުންނާނީ މޮޅުވުމުގެ ރޫހާއި ވިސްނުން. އެހެންވިޔަސް ހަގީގަތް ގަބޫލުކުރަން ޖެހޭ. މި ސީޒަނުގައި އަހަރެމެން މިއޮތީ މޮޅުވުމުގެ ރޫހާއި ވިސްނުމާ އެތައް މޭލެއް ދުރުގައި. ނަތީޖާ އާއި ކުޅުމަށް ބަލާއިރު ވެސް މި ސީޒަން ވަރަށް ދަށްކޮށް މިދަނީ،" ގާޑިއޯލާ ބުންޏެވެ.

ސިޓިން ސްޕެއިނަށް މިދަނީ ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑް އަތުން 4-0 އިން މޮޅުވެ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން ހޯދި މުހިއްމު މޮޅަކަށް ފަހު އެވެ. މާނައަކީ މާދަމާރޭ މި ސީޒަނުގެ ޗެމްޕިއަންސް ލީގުން ކެޓި ނަމަވެސް އަންނަ ސީޒަނުގެ މުބާރާތުން ޖާގަ ލިބުމަށް މަގުކޮށްފައި އޮތުމެވެ.

"އެއް މެޗަށް ބަލަންޏާ ނިއުކާސަލް މެޗުގައި ވަރަށް މޮޅަށް ކުޅުނު. އެކަމަކު އެ ނަތީޖާ އިން ހަގީގަތެއް ބަދަލެއް ނުވާނެ. އެހެންވިޔަސް ޕޮޒިޓިވް ނަތީޖާއަކާ އެކު ސްޕެއިނަށް ދެވުމަކީ ހިތްހަމަޖެހުމެއް،" ރެއާލްއާ ވާދަވެރި ބާސެލޯނާ އަށް ޗެމްޕިއަންސް ލީގު ދެ ފަހަރު ކާމިޔާބުކޮށްދީފައިވާ ކޯޗު ބުންޏެވެ.

ރެއާލް އާއި ސިޓީ ކުޅޭ މެޗު ފަށާނީ މާދަމާރޭ ރާއްޖެ ގަޑިން މެންދަމު 1 ޖަހާއިރެވެ.