Roadha Mihaaru

އެތުލެޓިކޯގެ މައްޗަށް ރެއާލުން ހަނި އެޑްވާންޓޭޖެއް ނަގައިފި

ވާދަވެރި އެތުލެޓިކޯ މެޑްރިޑް އަތުން 2-1 އިން މޮޅުވެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ޓީމުގެ ބުރުގެ ފުރަތަމަ ލެގުން ރެއާލް މެޑްރިޑް ހަނި އެޑްވާންޓޭޖެއް ހޯދައިފި އެވެ.

އެތުލެޓިކޯގެ މައްޗަށް ރެއާލުން ހަނި އެޑްވާންޓޭޖެއް ނަގައިފި

ވާދަވެރި އެތުލެޓިކޯ މެޑްރިޑް އަތުން 2-1 އިން މޮޅުވެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ޓީމުގެ ބުރުގެ ފުރަތަމަ ލެގުން ރެއާލް މެޑްރިޑް ހަނި އެޑްވާންޓޭޖެއް ހޯދައިފި އެވެ.

އަމިއްލަ ދަނޑުގައި ރެއާލުން ހޯދި މި މޮޅުގެ ސަބަބުން، އަންނަ ހަފުތާގައި އެތުލެޓިކޯގެ ދަނޑުގައި ކުޅޭ ދެ ވަނަ ލެގު އެއްވަރުކޮށްލައިގެން ވެސް ރެއާލަށް ކުއާޓާ ފައިނަލުން ޖާގަ ހޯދޭނެ އެވެ.

އެތުލެޓިކޯ އިން މުޅި މެޗުގައި ވެސް ރެއާލުގެ އެންމެ ނުރައްކާތެރި ދެ ފޯވާޑުން ކަމަށްވާ، ކީލިއަން އެމްބާޕޭ އާއި، ވިނީޝިއަސް ޖޫނިއާ ހިފެހެއްޓުމުގައި ކާމިޔާބު ހޯދި އެވެ. އެކަމަކު އެވަރުން ވެސް ފުދޭ ގޮތެއް ނުވި އެވެ.

ރެއާލުގެ ފުރަތަމަ ގޯލް ހަތަރު ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބްރެޒިލް ފޯވާޑް ރޮޑްރިގޯ އެވެ. އެތުލެޓިކޯ އިން އެއްވަރުކުރީ 32 ވަނަ މިނެޓުގައި ހޫލިއަން އަލްވަރޭޒް އެވެ. މެންޗެސްޓާ ސިޓީ ދޫކޮށް އެތުލެޓިކޯ އަށް ބަދަލުވި އާޖެންޓީނާ ފޯވާޑް މި ގޯލް ވައްދާލީ ދުރުން ޖަހައި، ހަނި އޭންގަލަކުންނެވެ.

ރެއާލުން އަލުން ލީޑު ނެގީ ސަސްޕެންޝަނުގައި ހުރި ޖޫޑް ބެލިންހަމްގެ ބަދަލުގައި އެޓޭކިން މިޑްފީލްޑަރަކަށް ކުޅުނު ބްރަހިމް ޑިއާޒް އެވެ.

ފުރަތަމަ ހާފުގައި އެޓޭކްކުރި އެތުލެޓިކޯ އިން ދެ ވަނަ ހާފުގައި ފަހުން ބޮޑަށް ކުޅުނީ އިތުރު ގޯލެއް ވަނަނުދީ ވޭތޯ އެވެ. އެއީ އެޓޭކަށް އަރައިގެން، ރެއާލުން ކައުންޓާގައި އިތުރު ގޯލުތަކެއް ޖަހައިފި ނަމަ މާ އުނދަގޫވާނެތީވެ އެވެ.

އަލްވަރޭޒް ވެސް މެޗަށް ފަހު ބުނީ އަމިއްލަ ދަނޑުގައި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި އަންނަ ހަފުތާގައި ކުޅޭއިރު އެއް ގޯލުގެ ފަރަގު ނައްތާލެވުމުގެ އިތުބާރު އެބައޮތް ކަމަށެވެ.

ރެއާލުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ އެ ޓީމުގެ އަމާޒަކަށްވީ ހަނި އެޑްވާންޓޭޖެއް ނެގުން ކަމަށާއި، އެކަން ހާސިލްވުމުން ހިތްހަމަޖެހޭ ކަމަށެވެ.

"ފުރަތަމަ ހާފަށް ވުރެ ދެ ވަނަ ހާފުގައި ކުޅުން ރަނގަޅު. ވަރަށް ބުރަކޮށް ކުޅުންތެރިން މަސައްކަތްކުރި. ރަނގަޅަށް ޑިފެންސްކުރި،" އަންޗެލޮޓީ ބުންޏެވެ.