Roadha Mihaaru

ލަންކާގެ ގޭންގް ލީޑަރަކު ކޯޓުތެރޭގައި މަރާލައިފި

ސްރީ ލަންކާގެ ނުރައްކާތެރި ގޭންގް ލީޑަރު އަދި ހަތިޔާރާއި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކުމާރަ ސަމަރަރަތުނަ ކޯޓުގެ އަޑުއެހުމަކަށް ހާޒިރުކޮށްފައި ހުއްޓާ އިއްޔެ ބަޑިޖަހައި މަރާލައިފި އެވެ.

ލަންކާގެ ގޭންގް ލީޑަރަކު ކޯޓުތެރޭގައި މަރާލައިފި

ސްރީ ލަންކާގެ ނުރައްކާތެރި ގޭންގް ލީޑަރު އަދި ހަތިޔާރާއި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކުމާރަ ސަމަރަރަތުނަ ކޯޓުގެ އަޑުއެހުމަކަށް ހާޒިރުކޮށްފައި ހުއްޓާ އިއްޔެ ބަޑިޖަހައި މަރާލައިފި އެވެ.

ގަނޭމުއްލާ ސަންޖީވާގެ ނަމުން މަޝްހޫރު ގޭންގް ލީޑަރު މަރާލީ ލޯޔަރެއް ގޮތަށް ހެދުން އަޅައިގެން ކޯޓަށް ވަން މީހަކު ފިސްތޯލައަކުން ހަމަލާދީގެންނެވެ.

ފުލުހުން ބުނީ ނުވަ މީހެއްގެ މަރުގެ ތުހުމަތު އޮތް ގަނޭމުއްލާ ސަންޖީވާ ކޯޓަށް ހާޒިރުކުރީ އޭނާގެ މައްޗަށް ހިންގަމުންދާ މައްސަލައެއްގެ އަޑުއެހުމަށް ކަމަށެވެ. ފުލުހުން ބުނި ގޮތުގައި ގަނެމުލާ ސަންޖީވާ އަށް ހަމަލާ ދީފައިވަނީ ލޯޔަރެއް ކަމަށް ހެދިގެން ވަން މީހެއް ކަމަށާއި ހަމަލާދޭން ބޭނުންކުރި ފިސްތޯލަ ވެސް ކޯޓު ރޫމް ތެރެއަށް ދޫކޮށްލާފައިވާ ކަމަށެވެ. ކޯޓު ތެރެއަށް އެ ވައްދާފައި ވަނީ ފޮތެއްގެ ގަނޑުތައް ބަޑީގެ ބައްޓަމަށް ކަފައި އެތަނުގެ ތެރޭ ފޮރުވައިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ބަޑި އެތެރެކޮށްދިނީ އަންހެނެއް ކަމަށާއި އެ އަންހެން މީހާ އަކީ ވެސް މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މީހެއް ކަމަށް ފުލުހުން ބުންޏެވެ. އޭނާ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

ހަމަލާ ދިން މީހާ ކޯޓުން ނުކުމެ ފިލައިގެން ދިޔަ ނަމަވެސް މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. ފުލުހުން ބުނީ ވޭނެއްގައި ދަނިކޮށް ސްޕެޝަން ޓާސްކް ފޯހުގެ ޓީމަކުން އެ މީހާ ހައްޔަރުކޮށްފައިވާ ކަމަށާއި އެއީ އުމުރުން 34 އަހަރުގެ، މުހައްމަދު އަޒްމަން ޝަރީފުއްދީން ކިޔާ މީހެއް ކަމަށެވެ.

"ގަނޭމުއްލާ ސަންޖީވާ" މަރާލުމުގައި ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހާއަކީ ދާދި ފަހުން ދެހިވާލާގެ ވަތަރައްޕަލާގައި ދެ މީހަކު މަރާލި ކަމަށް ވެސް ތުހުމަތުކުރެވޭ މީހާ ކަމަށް ފުލުހުން ބުންޏެވެ.

ވާދަވެރި ގޭންގުތަކުން ލަންކާގައި އެއްބަޔަކު އަނެއް ބަޔަކަށް ބަޑީގެ ހަމަލާ ދިނުން ވަނީ ވަރަށް ބޮޑަށް އާންމުވެ ނުރައްކާ ވެފަ އެވެ. މިއަހަރުގެ ފުރަތަމަ 16 ދުވަހުގެ ތެރޭގައި އެކަނި ވެސް ބަޑިޖެހުމުގެ ފަސް ހާދިސާއެއް ހިނގާފައިވާއިރު، މި ހާދިސާތަކުގައި ފަސް މީހަކު މަރުވެ، އިތުރު ހަތަރު މީހަކު ޒަހަމްވެފައިވެ އެވެ. މިފަދަ ހަމަލާތައް ގިނަވެ އާންމު ސަލާމަތަށް ނުރައްކާވަމުން ދާތީ ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ އާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވައި އިދިކޮޅު ލީޑަރު ސަޖިތު ޕްރޭމަދާސާ ބަޔާނެއް ވެސް ވަނީ ނެރުއްވައިފަ އެވެ.