Roadha Mihaaru

އަންހެން ޓީޗަރަކު ފިރިހެން ދަރިވަރަކު ގްރޫމްކުރި މައްސަލައެއް

ސްކޫލެއްގެ އަންހެން ޓީޗަރަކު ދަރިވަރަކު ގްރޫމްކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

އަންހެން ޓީޗަރަކު ދަރިވަރަކު ގްރޫމްކުރި މައްސަލަ ބަލަނީ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

20 ފެބުރުއަރީ 2025

ސްކޫލެއްގެ އަންހެން ޓީޗަރަކު ދަރިވަރަކު ގްރޫމްކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

އެ ސްކޫލްގެ ގްރޭޑް އަށެއްގައި ކިޔަވަމުން އަންނަ ފިރިހެން ދަރިވަރަކު ގްރޫމްކުރި މައްސަލަ ޕޮލިހަށް ހުށަހެޅީ މިދިޔަ މަހުގެ 21ގަ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ބަހެއް ނުލިބޭތީ އެ ޓީޗަރާ މެދު ފިޔަވަޅެއް އެޅިކަން ނުވަތަ ނޫން ކަން އަދި ނޭނގެ އެވެ.

ގްރޫމްކުރުމަކީ ޖިންސީ ގޯނާގެ އަމަލެއް ހިންގަން އެ ކުއްޖާއަށް ފައިސާ ނުވަތަ އެ ނޫން ވެސް މާއްދީ އެއްޗެއް ދީގެން އެ ކުއްޖާއާ ޖަޒުބާތީ ގުޅުމެއް ގާއިމުކޮށް، އެ ކުއްޖާގެ އިތުބާރު ހޯދުމަށް މަސައްކަތްކުރުމެވެ.

އެ ހާދިސާ ހިނގީ ދެކުނުގެ ރަށެއްގަ އެވެ. މިފަދަ މައްސަލަތަކުގައި ކުޑަކުދިންގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން، ރަށުގެ ނަމާއި މައްސަލައިގައި ހިމެނޭ މީހުން ފަދަ، ކުދިންގެ މައުލޫމާތު އެނގިދާނެ އެއްވެސް މައުލޫމާތެއް ހާމަކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމަކަށް ވާތީ އެ ތަފްސީލެއް ފުލުހުން ވެސް ހާމައެއް ނުކުރެ އެވެ.

ގްރޫމްކުރި މައްސަލައެއް ފެންމަތިވެފައި ވާއިރު، މިދިޔަ އަހަރު ވަނީ ސްކޫލް ދަރިވަރުންތަކަކާ އުމުރާ ނުގުޅޭ ވާހަކަ ދައްކައި، ގްރޫމް ކުރި ކަމުގެ ތުހުމަތުގައި ޓީޗަރަކު ހައްޔަރު ކުރުމަށް ފަހު ދޫކޮށްލައިފަ އެވެ. ނަމަވެސް އެ ޓީޗަރަށް ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފުލުހުން ވަނީ ފޮނުވައިފަ އެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރަން ކުއްޖަކު ގްރޫމްކޮށްފި މީހެއްގެ އަދަބަކީ 10 އަހަރުގެ މުއްދަތަކަށް ޖަލަށް ލުމެވެ. ކުއްޖާ ގްރޫމްކުރުމުގެ ކުށްކުރަނީ އެ ކުއްޖާ އިތުބާރުކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު ނަމަ، އެ ކުށުގެ އަދަބަކީ 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.