Roadha Mihaaru

"އިމާރާތްތައް އަލުން ބިނާކުރުމަކުން ނުފުދޭ،" ފަލަސްތީނުގެ ހައްގުތައް ވެސް އިޔާދަކޮށްދޭން ރާއްޖޭން ގޮވާލައިފި

އިޒްރޭލުގެ ލާއިންސާނީ އުދުވާނުތަކުގައި ސުންނާފަތިކޮށްލާފައިވާ އިމާރާތްތައް އަލުން ބިނާކުރުމަކުން އެކަނި ނުފުދޭނެ ކަމަށް ބުނެ، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާއ، އިންސާނީ ކަރާމަތާއި، ދިރިއުޅުން އިޔާދަކޮށްދޭން ރާއްޖޭން މިއަދު ދުނިޔެއަށް ގޮވާލައިފި އެވެ.

ޣައްޒާ ބިނާކުރުމާއެކު ހައްގުތައް ވެސް އިޔާދަކޮށްދޭންޖެހޭ

އިޒްރޭލުގެ ލާއިންސާނީ އުދުވާނުތަކުގައި ސުންނާފަތިކޮށްލާފައިވާ އިމާރާތްތައް އަލުން ބިނާކުރުމަކުން އެކަނި ނުފުދޭނެ ކަމަށް ބުނެ، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާއ، އިންސާނީ ކަރާމަތާއި، ދިރިއުޅުން އިޔާދަކޮށްދޭން ރާއްޖޭން މިއަދު ދުނިޔެއަށް ގޮވާލައިފި އެވެ.

ސްވިޓްޒަލެންޑްގެ ޖެނީވާގައި މިހާރު ކުރިއަށް ގެންދާ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 58 ވަނަ ސެޝަންގެ ހައިލެވެލް ސެގްމަންޓްގައި ތަގުރީރުކުރައްވަމުން، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ، ފަލަސްތީނުގެ ޣައްޒާއަށް 15 މަސް ދުވަސް ވަންދެން ދިން ލާއިންސާނީ އުދުވާނުތައް ކުށްވެރިކުރުމުން ނުފުދޭ ކަމަށެވެ.

ހަލީލް ވިދާޅުވި ގޮތުގައި، މިއަދު ދުނިޔެއިން އަމަލު ކުރާ ގޮތަކީ، މުޅި ދުނިޔެ ތަބާވާންޖެހޭ އދ.ގެ އުސޫލުތަކާއި އިންސާފާއި އިންސާނީ ކަރާމަތް ނަގަހައްޓައި، ހިމާޔަތް ކުރުމުގެ އެންމެ ވަރުގަދަ އިމްތިހާނެވެ.

ޣައްޒާގައި ހަމަލާތައް ހުއްޓައިލަން މިހާރު އަމަލުކުރަމުންދާ އެއްބަސްވުމަށް ރާއްޖޭ މަރުހަބާ ކިޔާ ކަމަށާއި ނަމަވެސް އެއީ މި ކަމުގެ ދާއިމީ ހައްލެއް ނޫން ކަން ވެސް ހަލީލް ފާހަގަކުރެއްވި އެވެ.

"ސުންނާފަތިވެފައިވާ އިމާރާތްތައް އަލުން ބިނާކުރުމުގެ އިތުރަށް ވެސް ބައިނަލްއަގުވާމީ މުޖުތަމައު އިން މަސައްކަތް ކުރަންޖެހޭ. އަޅުގަނޑުމެން އެބަޖެހޭ، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާއި، އިންސާނީ ކަރާމާތާއި ދިރިއުޅުން ވެސް އިޔާދަކޮށްދޭން،" ހަލީލް ގޮވާލެއްވި އެވެ.

އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގައި ފޮރިން މިނިސްޓަރު ހަލީލް މިއަދު ތަގުރީރު ކުރައްވަނީ. --ފޮޓޯ: ފޮރިން މިނިސްޓްރީ

އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގައި ފޮރިން މިނިސްޓަރު ހަލީލް މިއަދު ތަގުރީރު ކުރައްވަނީ. --ފޮޓޯ: ފޮރިން މިނިސްޓްރީ

ރާއްޖޭން އެއްބަސްވެފައިވާ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ މުއާހަދާތަކާއި ދިވެހި ރައްޔިތުންގެ އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގައި މި ސަރުކާރުން މަސައްކަތްކުރާނެކަމުގެ ޔަގީންކަން އެ ތަގުރީރުގައި އޭނާ ދެއްވި އެވެ.

އަދި އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ މެންބަރު ގައުމެއްގެ ހައިސިއްޔަތުން ރާއްޖޭން ކޮށްފައިވާ މަސައްކަތްތަކަށް އަލިއަޅުވާލައްވައި، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ކައުންސިލްގެ މަސައްކަތުގައި ބައިވެރިވުމަށް މަގުފަހިކުރުމަށްޓަކައި ވޮލަންޓްރީ ޓްރަސްޓް ފަންޑެއް ގާއިމުކުރުމާއި ސާފުތާހިރު، ދުޅަހެޔޮ، ދެމެހެއްޓެނިވި ތިމާވެށްޓަކީ އިންސާނީ ހައްގެއްކަން ދުނިޔޭގެ ފެންވަރުގައި ބަލައިގަތުމަށް ރާއްޖޭން އަދާކޮށްފައިވާ އިސް ދައުރު ހަލީލް ފާހަގަކުރެއްވި އެވެ. މިނިސްޓަރުގެ ތަގުރީރުގައި އިންސާނީ ހައްގުތައް ކުރިއެރުވުމަށާއި ހިމާޔަތްކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވައި، މިންތީގެ ހަމަހަމަކަމާއި އެކަށީގެންވާ ބޯހިޔާވަހިކަމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމައުގައި ބައިވެރިކުރުން އިތުރުކުރުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުން ފަދަ އިޖުތިމާއީ ކަންކަމަށް ސަރުކާރުން ދޭ އަހަންމިއްޔަތުގެ މައްޗަށް ވެސް އޭނާ ވާހަކަ ދެއްކެވި އެވެ.

އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 58 ވަނަ ސެޝަން ކުރިއަށް ދަނީ 24 ފެބްރުއަރީ އިން 4 އޭޕްރީލް އަށް ސްވިޓްޒަލޭންޑްގެ ޖެނީވާގަ އެވެ. ރާއްޖެއަކީ 2023 އިން 2025 ވަނަ އަހަރުގެ ނިޔަލަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ މެމްބަރު ގައުމެކެވެ.