ކުރިއަށް އޮތް ދުވަސްތަކުގައި މަސްވެރިންނަށް ވެސް ރޯދަ އިނާޔަތް ދެއްވަން ބޭނުންފުޅުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
25 ފެބުރުއަރީ 2025
ކުރިއަށް އޮތް ދުވަސްތަކުގައި މަސްވެރިންނަށް ވެސް ރޯދަ އިނާޔަތް ދެއްވަން ބޭނުންފުޅުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދ. މީދޫގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންނަށް ރޯދަ އިނާޔަތް ލިބޭނެ ގޮތް ހަމަޖެއްސުމަކީ އެމަނިކުފާނުގެ ވައުދެއް ކަމަށެެވެ. އެހެންވެ، އެކަމަށް އޮތް ގާނޫނީ ހުރަސްތައް ނައްތާލައި މި އަހަރަކީ ފުރަތަމަ ފަހަރަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މީހުންނަށް އިނާޔަތް ލިބޭ އަހަރު ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ފިނޭންސް މިނިސްޓްރީން މިހާރު ވަނީ ރޯދަ އިނާޔަތް ދިނުމަށް ކައުންސިލުތަކަށް ވެސް އަންގައިފަ އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އަންހެނަކަށް ވިޔަސް އަދި ފިރިހެނަކަށް ވިޔަސް ތަފާތު ކުރުމުގެ ވިސްނުމަކީ އެމަނިކުފާނު ގެންގުޅުއްވާނެ ސިޔާސަތެއް ނޫނެވެ.
ރައީސް ވިދާޅުވީ މި ރޯދައިގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންނަށް ރޯދަ އިނާޔަތް ލިބުނަސް އެމަނިކުފާނު ބޭނުންފުޅުވަނީ އެކި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދެއްވަން ކަމަށެވެ.
"ކުރިއަށް އޮތް ތަނުގައި އެހެން ފަންނުތަކުގައި ތިބި ފަރާތްތަކަށް ވެސް، މިސާލަކަށް ގާނޫނީ ގޮތުން ކަންކަން ފަހިކޮށްގެން، ކުރިއަށް އޮތްތަނުގައި މަސްވެރިންނަށް ވެސް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އަޅުގަނޑު ބޭނުންވަނީ ރޯދަ އިނާޔަތް ލިބޭ ގޮތް ހަދަން،" ރައީސް ވިދާޅުވި އެވެ.
އޭގެ ތެރެއިން އެއް ދާއިރާއަކީ މަސްވެރިންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މަސްވެރިންގެ ދަފްތަރެއް ވެސް އެކުލަވާލުމުގެ މަސައްކަތްކުރަމުން އަންނަނީ ގާނޫނީ ގޮތުން ބަލައިގަންނަ ދާއިރާއަކަށް އެކަން ހެދުމަށް ކަމަށެވެ.
"ކުރިއަށް އޮތް ދުވަސްތަކުގައި މަރުހަލާތަކުން ގޮސް އަޅުގަނޑު އުއްމީދުކުރަނީ، އަޅުގަނޑު ދެކެން ބޭނުންވަނީ އިރާދަކުރެއްވިއްޔާ މާ ލަސްތަކެއް ނުވެ ހަމަ ރޯދަ އިނާޔަތް ވެސް ލިބޭ ބަޔަކަށް [މަސްވެރިން] ހަމަޖެއްސޭނެ ކަމަށް. ހަމައެއާ އެކު ދެން ހުރި ދާއިރާތައް ވެސް،" ރައީސް ވިދާޅުވި އެވެ.
އެ ދަފްތަރުގައި ޖެހޭ މީީހުންނަށް ލޯނު ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ އިރު އުއްމީދަކީ ރޯދަ އިނާޔަތް ވެސް އެ ފަރާތްތަކަށް ލިބުން ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތަކީ ނިޒާމުގެ ތެރެއިން މަސައްކަތެއް ކުރާ މީހެއް ވިއްޔާ، ދިވެއްސެއް ވިއްޔާ، މުސްލިމެއް ވިއްޔާ ރޯދަ އިނާޔަތް ދޭން ޖެހޭނެ. އެކަމަށް ވާސިލުވުމަށް ކުރެވޭނެ ކަންކަން ކުރަމުން މިދަނީ." ރައީސް ވިދާޅުވި އެވެ.
މިމަހުގެ 18 ގައި ރައްޔިތުންގެ މަޖިލީހުން ވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެންނަން ފާސްކޮށްފަ އެވެ. އެ އިސްލާހުގައި ވަނީ ޑަބްލިއުޑީސީތަކުގެ މެންބަރުން ވެސް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ލަފާގެ މަތިން ނެޝަނަލް ޕޭ ކޮމިޝަންގައި ހިމަނައިގެން މުސާރަ ދިނުމަށް ހިމަނައިފަ އެވެ. އޭގެ ދަށުން ރޯދަމަހު ދޭ އެލަވަންސް ވެސް ޑަބްލިއުޑީސީ އަށް ލިބެން ވާނެ ކަމަށް އިސްލާހުގައި ވެ އެވެ.
ރޯދަމަހުގެ އިނާޔަތުގެ ގޮތުގައި ގާނޫނުން ކަނޑައަޅާފައި އޮންނަނީ ކޮންމެ މުވައްޒަފަކަށް 3،000ރ. އެވެ.
މަސްވެރިންގެ ދަފްތަރާ ގުޅޭ ގަވާއިދު ގެޒެޓްކުރަނީ
ބޭނުންވަނީ މަސްވެރިންނަށް ބާރު ދޭން: ރައީސް
ލޭނު މަސްވެރިކަމަށް ހުއްދަ ނުދޭން ރައީސް ނިންމަވައިފި
މަސްވެރިންގެ ބެކްލޮގް އެއްކޮށް ކްލިއާ ކުރެވިއްޖެ:ރައީސް
ފައިސާ ހުރެ، ގަސްދުގައި ނުދީ ނުތިބޭނަން: ރައީސް
ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިޝަރީޒް ކޮލެޖެއް ހުޅުވަނީ
އިހަވަންދޫ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އަޅައިފި
މުއްސަނދިކަން ލިބޭނެ ސިނާއަތަކަށް މަަސްވެރިކަން ހެދޭނެ
މިފްކޯގެ ކޮރަޕްޝަން މުލުން ލުހެލާނަން: ރައީސް
ފިޔޯރީގައި މަސްކާރުހާނާއެއް ހަދަން ސޮއިކުރަނީ