Roadha Mihaaru

އަގު ދަށް، ކުދިމަސް ކަމަަށް ބަލާ މިންގަނޑު މަތިކުރުމުން މަސްވެރިންގެ ޝަކުވާ

ދައުލަތުގެ މަސްކުންފުނި މިފްކޯ އަށް ގަންނަ ކަޅުބިލަމަހުގެ ތެރެއިން ރަނގަޅު އަގު ލިބޭ، ސައިޒުގެ މަހަކީ 1.5 ކިލޯ ކަމަށް ކަނޑައެޅުމުން މަސްވެރިންގެ ޝަކުވާ ރައީސް ޑރ. މުހައްމަދު މުއިއްޒާ ހަމައަށް މިއަދު ގެންގޮސްފި އެވެ.

ކުދިމަސްކަމަށް ބަލާ މިންގަނޑު މަތިކުރުމުގެ ޝަކުވާ
މުހައްމަދު ނަސީމް
ރ. ދުވާފަރުން މުހައްމަދު ނަސީމް

13 ޑިސެމްބަރ 2025

ދައުލަތުގެ މަސްކުންފުނި މިފްކޯ އަށް ގަންނަ ކަޅުބިލަމަހުގެ ތެރެއިން ރަނގަޅު އަގު ލިބޭ، ސައިޒުގެ މަހަކީ 1.5 ކިލޯ ކަމަށް ކަނޑައެޅުމުން މަސްވެރިންގެ ޝަކުވާ ރައީސް ޑރ. މުހައްމަދު މުއިއްޒާ ހަމައަށް މިއަދު ގެންގޮސްފި އެވެ.

މި އަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރާ ރ. ދުވާފަރަށް ރައީސް މިއަދު ވަޑައިގެން މަސްވެރިންނާ އެކު ބޭއްވެވި ބައްދަލުވުމުގައި ބައެއް މަަސްވެރިން ބުނީ، މަހުން ރަނގަޅު އަގެއް ނުލިބުމަކީ އަބަދު ވެސް އެ މީހުންގެ ޝަކުވާ ކަމަށެވެ.

ގދ. ފަރެސްމާތޮޑާ ކެޔޮޅަކު އެ ބައްދަލުވުމުގައި ބުނީ، އެއް ކިލޯ އަށް ވުރެ ބަރު މަހަކީ ރަނގަޅު އަގު ދޭ ކެޓަގަރީ ކަމަށް އަމިއްލަ ކުންފުނިތަކުން ވެސް ބަލާ ކަމަށެވެ.

މިފްކޯއިން މިހާރު ރޯ ކަޅުބިލަމަހާއި ކުދި ކަންނެއްޔަށް ދޭ އެންމެ ބޮޑު އަގަކީ ކިލޯއަކަށް 16 ރުފިޔާ އެވެ. ކުދިމަސް ކަމަށް ބަލާ މިންގަނޑު މަތިކުރުމުން ޝަކުވާކުރި މަސްވެރިއަކު މިއަދު ބުނީ މިދިޔަ ދެ އަހަރު ދުވަސް ދިޔައީ މަސްވެރިންނަށް ވަރަށް ދަތިކޮށް ކަމަށެެވެ.

ދުވާފަރުގައި މިއަދު މަސްވެރިންނާ އެކު ބޭއްވެވި ބައްދަލުވުމަށް ފަހު، ރައީސް މުއިއްޒު މަސްވެރިއެއްގެ ވާހަކަ އަޑުއްސަވަނީ.---ފޮޓޯ: ރައީސް އޮފީސް

ދުވާފަރުގައި މިއަދު މަސްވެރިންނާ އެކު ބޭއްވެވި ބައްދަލުވުމަށް ފަހު، ރައީސް މުއިއްޒު މަސްވެރިއެއްގެ ވާހަކަ އަޑުއްސަވަނީ.---ފޮޓޯ: ރައީސް އޮފީސް

"އަޅުގަނޑުނެން އަބަދުވެސް ރައީސް އަރިހުން މި އެދެނީ މަހަށް ރަގަޅު އަގެއް ލިބިދޭން،" އޭނާ ބުންޏެވެ.

މަސްވެރިންގެ ދުވަހަށް ދުވާފަރަށް އައިސް ހުރި އައްޑޫ ދޯންޏެއްގެ ކެޔޮޅަކު ބުނީ 1.5 ކިލޯއިން ދަށަކީ ކުދިމަސް ކަމަށް މިފްކޯ އިން ކަނޑައަޅާފައި ވާއިރު ކުދިމަސް ކިލޯއަކަށް ދެނީ އެންމެ ހަތް ރުފިޔާ ކަމަށެވެ.

"މި ރޭޓުގައި އަގު ހުންނަ އިރު މީހާ އަށް ކައިގެން ބޮއެގެން ދުނިޔޭގައި އުޅެން ބޮޑެތި ދަތިތަކާ ކުރިމަތިވޭ،" އައްޑޫ ދޯންޏެއްގެ ކެޔޮޅުގެ ހައިސިއްޔަތުން ވާހަކަ ދެއްކި ހަސަން ނަސްރު ބުންޏެވެ.

އޭނާ ބުނި ގޮތުގައި މަސްދޯނިފަހަރު ދޫކޮށް ދިވެހިން އެހެން މަސައްކަތްތަކަށް އެނބުރެނީ މަސްވެރިކަމުން ލިބޭ އާމްދަނީ ދަށްކަމުންނެވެ.

އައްޑޫން އައިސް ހުރި އެހެން ކެޔޮޅަކު ބުނީ މަސްވެރިން އެދެނީ މަސްކިރާނެ ތަންތަން ރާއްޖޭގައި އިތުރުކޮށްދޭން ކަމަށެވެ. އަދި މަސް ގަންނަ އަދަދު އިތުރު ކުރުމަށްޓަކައި މިފްކޯގެ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކޮށްދް ވެސް އޭނާ އެދުނެވެ.

ރައީސް މުއިއްޒު ދުވާފަރުގައި މިއަދު މަސްވެރިންނާ އެކު ބޭއްވެވި ބައްދަލުވުމުގައި މަސްވެރިއެއްގެ ކަންބޮޑުން ފާޅުކުރަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު ދުވާފަރުގައި މިއަދު މަސްވެރިންނާ އެކު ބޭއްވެވި ބައްދަލުވުމުގައި މަސްވެރިއެއްގެ ކަންބޮޑުން ފާޅުކުރަނީ.---ފޮޓޯ: ރައީސް އޮފީސް

މިއަދުގެ ފޯރަމްގައި ދުވާފަރު މަސްވެރިންގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުން މަސްވެރިން ބައިވެރިވި އެވެ. މަސްވެރިން ކުރި އެހެން ޝަކުވާތަކުގެ ތެރޭގައި، މަސްވެރިކަން ރަނގަޅު ދުވަސްވަރު މަސް ފެކްޓަރީތަކަށް ބާރު ބޮޑުވެ، މަސް ވިއްކަން ދޯނިތައް ކިއުގައި ތިބެން ޖެހުން ހިމެނެ އެވެ. އެއާ އެކު، އެންމެން ވެސް ބުނީ މިރޭ ދުވާފަރުގައި ބާއްވާ ޖަލްސާގައި ރައީސް މުއިއްޒު މަސްވެރިންނަށް އުފާވެރި ހަބަރެއް ދެއްވާމެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

މަސްވެރިންގެ ސުވާލުތަކާއި ޝަކުވާތަކަށް ފަހު ރައީސް ވިދާޅުވީ ބައެއް ކަންތައްތަކަށް ވަގުތު ނަގަނީ އެއީ އިގުތިސާދު ކުރިއަރައިގެންދާ ގޮތަށް ބަލައިގެން ކުރަން ޖެހޭ ކަންތައްތަކަށް ވާތީ ކަމަށެވެ. ރައީސް ވިދާޅުވީ، އެއްވެސް ކަމެއް ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ނުގެންދެވޭނެ ގޮތަށް ފައްޓަވަން ނުވަތަ ނަމަކަށް އިއުލާންކުރާ ކަމަކަށް ހައްދަވަން ބޭނުންފުޅު ނުވާ ކަމަށެވެ.