Roadha Mihaaru

ފަނޑިޔާރުން ސަސްޕެންޑް ކުރަން ވަކީލުންގެ މެންބަރު ވޯޓު ދިން ގޮތް ހޯދަން ޖޭއެސްސީ އަށް

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރަން ނިންމި ނިންމުމުގައި ވަކީލުން ތަމްސީލް ކުރާ މެންބަރު އަލީ އަބްދުއްލަތީފު ވޯޓު ދެއްވި ގޮތް ހޯދަން ބައެއް ގާނޫނީ ވަކީލުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މިއަދު ހިނގައްޖެ އެވެ.

ކަންބޮޑުވުންތަކާ އެކު ވަކީލުން ޖޭއެސްސީ އަށް
ނާޒިމް ހަސަން
ނާޒިމް ހަސަން

27 ފެބުރުއަރީ 2025

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރަން ނިންމި ނިންމުމުގައި ވަކީލުން ތަމްސީލް ކުރާ މެންބަރު އަލީ އަބްދުއްލަތީފު ވޯޓު ދެއްވި ގޮތް ހޯދަން ބައެއް ގާނޫނީ ވަކީލުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މިއަދު ހިނގައްޖެ އެވެ.

މިއަދު ހެނދުނު ޖޭއެސްސީ އަށް ވަކީލުން ދިޔަ ގޮތަށް އަދިވެސް އެ ވަކީލުން ތިބީ އެ ތަނުގަ އެވެ. ވަކީލުން މަސައްކަތް ކުރަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ހުސްނުއްސުއޫދާއި ޑރ. އަޒްމިރަލްދާ ޒާހިރު އަދި މަހާޒު އަލީ ޒާހިރު ސަސްޕެންޑް ކުރަން ޖޭއެސްސީން ނެގި ވޯޓުގައި ވަކީލުން ތަމްސީލް ކުރާ މެންބަރު ވޯޓު ދެއްވި ގޮތަށް ހޯދުމަށެވެ.

އޭގެ ތަފްސީލް ދިނުމަށް އެދި ގަނޑެއްގައި ސޮއިކޮށް ވަކީލުން ވަނީ ޖޭއެސްސީ އަށް ހުށަހަޅައިފަ އެވެ.

ބާ ކައުންސިލުން އިއްޔެ ނެރެނު ބަޔާނެއްގައި ވެސް ބުނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް މަދުކުރަން ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ފާސްކުރި ބިލަކީ ގާނޫނުއަސާސީއާ ހިލާފު ބިލެއް ކަމެއް ކަމަށެވެ. އެ ބިލްގެ ދަށުން ނިންމާ އެއްވެސް ނިންމުމެއްގައި ބައިވެރިނުވުމަށް ވެސް ވަކީލުންގެ ފަރާތުން ޖޭއެސްސީގައި އިންނަވާ މެންބަރަކަށް ގޮވާލާފައިވެ އެވެ.

ޖޭއެސްސީން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ސުއޫދާއި އަޒްމިރަލްދާ އަދި މަހާޒު ސަސްޕެންޑް ކޮށްފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ޖޭއެސްސީއަށް ދިޔަ ބައެއް ވަކީލުން އެ ތަނުގައި މަޑުކޮށްލައިގެން: ވަކީލުންގެ މެންބަރު ވޯޓު ދިން ގޮތް ހޯދަން ވަނީ ހުށަހަޅާފައި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ޖޭއެސްސީއަށް ދިޔަ ބައެއް ވަކީލުން އެ ތަނުގައި މަޑުކޮށްލައިގެން: ވަކީލުންގެ މެންބަރު ވޯޓު ދިން ގޮތް ހޯދަން ވަނީ ހުށަހަޅާފައި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ނަމަވެސް، އެ މައްސަލައިގެ ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

ޖޭއެސްސީން މި ތިން ފަނޑިޔާރުން ވެސް ސަސްޕެންޑުކޮށްފައިވަނީ އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ހަތަކުން ފަހަކަށް މަދުކުރަން ރައްޔިތުންގެ މަޖިލީހުން ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސްކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގަ އެވެ.

އޭގެއިތުރުން ޖޭއެސްސީން ވެސް ވަނީ ތިން ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ބަލަން ފަށައިފަ އެވެ. އެނގިފައިވާ ގޮތުގައި ޖޭއެސްސީން ބަލަމުން އަންނަނީ އޮކްޓޫބަރު 2022 ގައި ހައި ކޯޓުގެ ކުރީގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ހުތުރު ބަހުން ވާހަކަ ދައްކަވާފައިވާ ކަމަށް ބުނާ މައްސަލައެކެވެ.

ފަނޑިޔާރު އަޒްމިރާލްދާ އަދި މަހާޒު އާ ގުޅޭ ގޮތުން ޖޭއެސްސީން ބަލަމުން ގެންދަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ގުޅައި ނުފޫޒު ފޯރުވި ކަމަށް ބުނެ އަމިއްލަ ފަރާތަކުން ޖޭއެސްސީއަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށް އެނގިފައިވެ އެވެ.

ބެންޗު ކުޑަކުރާ ބިލް ފާސްކުރީ ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް މަޖިލީހުން ގެނެސްފައިވާ އިސްލާހު ބާތިލް ކުރުމުގެ މައްސަލަ ވެސް ސުޕްރީމް ކޯޓުގައި ކުރިއަށްދާ ދަނޑިވަޅެއްގަ އެވެ. އެ ތިން ފަނޑިޔާރުން ސަސްޕެންޑްކުރީ އެ މައްސަލާގެ އަޑުއެހުމެއް އިއްޔެ ހެނދުނު ތާވަލް ކޮށްފައި ވަނިކޮށް، އެ އަޑުއެހުން ފެށުމުގެ އިރުކޮޅެއް ކުރިން ޖޭއެސްސީން ބޭއްވި ކުއްލި ބައްދަލުވުމެއްގަ އެވެ.

ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުގައި ފަނޑިޔާރުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތަކާއި އުސޫލުތަކުން ބޭރުނުވެ މަސައްކަތް ކުރާހާ ހިނދަކު ފަނޑިޔާރަކު މަގާމުން ވަކިކޮށްގެން ނުވާނެ އެވެ. އަދި ޖޭއެސްސީއަށް ސުލޫކީ މައްސަލައެއް ސާބިތުވެ، މަޖިލީހުގެ ވޯޓުގައި ބައިވެރިވާ މެންބަރުންގެ ތިންބައިކުޅަ ދެބައި ވޯޓު ލިބިގެން މެނުވީ ފަނޑިޔާރަކު ވަކި ނުކުރެވޭނެ އެވެ.