Roadha Mihaaru

ބޯލިން ފަދަ ކުޅިވަރުތަކާ އެކު ސަލްޓަން ޕާކު އަލުން ތަރައްގީ ކުރަނީ

ދިވެހިވަންތަކޮށް، އާ ކުޅިވަރުތަކާ އެކު ސަލްޓަން ޕާކު އަލުން ތަރައްގީ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ސަލްޓަން ޕާކު އަލުން ތަރައްގީ ކުރަނީ
ނާޒިމް ހަސަން
ނާޒިމް ހަސަން

27 ފެބުރުއަރީ 2025

ދިވެހިވަންތަކޮށް، އާ ކުޅިވަރުތަކާ އެކު ސަލްޓަން ޕާކު އަލުން ތަރައްގީ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ރަސްމީ ފަލަން އަލުން ތަރައްގީކޮށް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ސަލްޓަން ޕާކު އޮތީ އެއްވެސް ވަރަކަށް އަޅާނުލާ ދޫކޮށްލާފައި ކަމަށާއި ސަރުކާރުން މިހާރު އެތަނާ ހަވާލުވެފައިވާ ކަމަށެވެ. މީގެކުރިން އެ ތަން ބަލަހައްޓަމުން ދިޔައީ މާލޭ ސިޓީ ކައުންސިލުންނެވެ.

ރައީސް ވިދާޅުވި ގޮތުގައި ސަލްޓަން ޕާކު އަލުން ތަރައްގީކުރަން ސަރުކާރުން ނިންމާފައިވާ ކަމަށާއި އެ ތަން ތަރައްގީކުރާނީ ދިވެހިންގެ އައިޑެންޓިޓީ އާއި ރާއްޖޭގެ ތާރީހު ދައްކުވައިދޭ ގޮތަށެވެ.

"ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އަޅުގަނޑުމެންގެ ޅަ ދަރިންނަށް ޒުވާނުންނަށް އެ ފަރާތްތައް ހިތްހަމަޖެހޭ ޝައުގުވެރިކަމާ އެކު ދަސްވާނެ ގޮތަށް ބައްޓަން ކުރެވިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

އަދި ކުޑަކުދިންނާ އެކު ހިތްހަމަޖެހިލައިގެން ވަގުތު ހޭދަކުރެވޭނެ ގޮތްތައް ޕާކަށް އިތުރު ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެއިތުރުން ބޯލިން ފަދަ ކުޅިވަރުތައް ކުޅެވޭ ތަންތަން ވެސް ޕާކް ތެރޭގައި ހަދާނެ ކަމަށް ވިދާޅުވި އެވެ.

ރަސްމީ ފާލަން އާ ޑިޒައިނަކަށް ތަރައްގީކޮށް، ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު. --ފޮޓޯ: ރައީސް އޮފީސް

ރަސްމީ ފާލަން އާ ޑިޒައިނަކަށް ތަރައްގީކޮށް، ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު. --ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވި ގޮތުގައި ސަލްޓަން ޕާކު ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށް ހަ މަސް ތެރޭގައި ފެށޭނެ އެވެ. އެ މަޝްރޫއު ނިމުމުން ސަލްޓަން ޕާކު ސަރަަހައްދަކީ ވަގުތު ހޭދަކޮށްލަން އެންމެ ހިތްފަސޭހަ އެންމެ ގިނަ ކަންކަން ކުރެވޭ ސަރަަހައްދަށް ހެދިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ސަލްޓަން ޕާކު މިހާރު އޮތް ގޮތަށް ތަރައްގީ ކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރު ހައުސިން މިނިސްޓަރުކަމުގައި ހުންނެވި ރައީސް މުއިއްޒުގެ ބެއްލެވުމުގެ ދަށުންނެވެ. އެ ތަން ތަރައްގީ ކުރީ ސްނޯ ޕާކަކާ ވެސް އެކު އެވެ. ނަމަވެސް، މިހާރު އެ ތަން ވަނީ ބަންދުކޮށްފަ އެވެ.

މިފަހުން ރައީސް ވަނީ ސަލްޓަން ޕާކު އޮތް ހާލަތާ މެދު ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. ސަރުކާރުން އެ ތަނާ ހަވާލުވެފައިވަނީ އޭގެ ފަހުންނެވެ.