Roadha Mihaaru

އެންމެ މާތް މައްސަރަށް އަޒުމްތަކެއް ކަނޑައަޅައިގެން ތައްޔާރުވޭ

މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް މާދަމާ ފަށާނެ އެވެ. އެއީ އެ މަހުގެ ދުވަސްތަކާއި ރޭތަކުގައި އިންސާނާ ކުރާ ހެޔޮ ޢަމަލުތައް އެހެން ދުވަސްތަކުގައި ކުރާ ޢަމަލުތަކަށް ވުރެ މާތް ވެގެންވާ މަހެކެވެ. މިކަން ކީރިތި ޤުރުއާނުންނާއި މާތް ނަބިއްޔާ ﷺ ގެ ސުންނަތުން އެނގެ އެވެ. ޤުރުއާނާއި ސުންނަތުގެ ނައްޞުތަކަށް ބަލާއިރު ރަމަޟާން މަހަކީ ބަރަކާތާއި ރަހުމަތާއި ފާފަ ފުއްސެވުމުގެ މަހެކެވެ. އެއީ ﷲ ގެ ހަޒުރަތުގައި އެންމެ މާތް މަހެވެ. އެ މަހުގެ ދުވަސްތަކަކީ އެންމެ މާތް ދުވަސްތަކެވެ. އެ މަހުގެ ރޭތަކަކީ އެންމެ މާތް ރޭތަކެވެ. އެ މަހުގެ ގަޑިތަކަކީ އެންމެ މާތް ގަޑިތަކެވެ. އެއީ ރަޙްމާންވަންތަ މާތް ﷲ ގެ ޚާއްސަ މެހުމާނަކަށް ވުމަށް ދައުވަތު ދެވިފައިވާ މަހެކެވެ. އެކަލާނގެ ހަޒުރަތުން ކަރާމަތްތެރިކަން ލިބެނިވި މަހެކެވެ. ޢަމަލުތައް ގަބޫލުވެވިގެންވާނެ މަހެކެވެ. ދުއާތައް އިޖާބަ ކުރެވިގެން ވާނެ މަހެކެވެ.

އެންމެ މާތް މައްސަރަށް އަޒުމްތަކާ އެކު ތައްޔާރުވޭ
ޑރ. ސަޢުދުﷲ ޢަލީ
ޑރ. ސަޢުދުﷲ ޢަލީ

28 ފެބުރުއަރީ 2025

މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް މާދަމާ ފަށާނެ އެވެ. އެއީ އެ މަހުގެ ދުވަސްތަކާއި ރޭތަކުގައި އިންސާނާ ކުރާ ހެޔޮ ޢަމަލުތައް އެހެން ދުވަސްތަކުގައި ކުރާ ޢަމަލުތަކަށް ވުރެ މާތް ވެގެންވާ މަހެކެވެ. މިކަން ކީރިތި ޤުރުއާނުންނާއި މާތް ނަބިއްޔާ ﷺ ގެ ސުންނަތުން އެނގެ އެވެ. ޤުރުއާނާއި ސުންނަތުގެ ނައްޞުތަކަށް ބަލާއިރު ރަމަޟާން މަހަކީ ބަރަކާތާއި ރަހުމަތާއި ފާފަ ފުއްސެވުމުގެ މަހެކެވެ. އެއީ ﷲ ގެ ހަޒުރަތުގައި އެންމެ މާތް މަހެވެ. އެ މަހުގެ ދުވަސްތަކަކީ އެންމެ މާތް ދުވަސްތަކެވެ. އެ މަހުގެ ރޭތަކަކީ އެންމެ މާތް ރޭތަކެވެ. އެ މަހުގެ ގަޑިތަކަކީ އެންމެ މާތް ގަޑިތަކެވެ. އެއީ ރަޙްމާންވަންތަ މާތް ﷲ ގެ ޚާއްސަ މެހުމާނަކަށް ވުމަށް ދައުވަތު ދެވިފައިވާ މަހެކެވެ. އެކަލާނގެ ހަޒުރަތުން ކަރާމަތްތެރިކަން ލިބެނިވި މަހެކެވެ. ޢަމަލުތައް ގަބޫލުވެވިގެންވާނެ މަހެކެވެ. ދުއާތައް އިޖާބަ ކުރެވިގެން ވާނެ މަހެކެވެ.

މިފަދަ މަތިވެރި ދުވަސްތަކެއް ކަމުގައި ރަމަޟާން މަހުގެ ދުވަސްތައް ވާއިރު މި މައްސަރާ ކުރިމަތިލާ ހިނދު މުހިންމު އަޒުމްތަކެއް ކަނޑައަޅަން ޖެހެ އެވެ. މިގޮތުން އަންނަނިވި އަޒުމްތައް ކަނޑައެޅިދާނެ އެވެ.

1- އެ މަހުގެ އަޅުކަމުގައި ތައުފީޤު ދެއްވުމަށް އެދި ﷲގެ ހަޒުރަތުގައި ތެދުވެރި ނިޔަތަކާއި ތާހިރު ހިތަކާ އެކު ދުއާ ކުރުމުގެ އަޒުމް ކަނޑައެޅުމެވެ. އެއީ މާތް ﷲ ގެ ރަހުމަތާއި ފުއްސެވުމުން މަހުރޫމު ވުމުގެ ސަބަބުން އަބާއްޖަވެރިއަކަށްވެ ނުދިއުމަށްޓަކައެވެ.

2- އެ މަހުގެ ދުވާލުގެ ވަގުތުތަކުގައި ރޯދައިގެ ސަބަބުން ލިބޭ ހައިކަމާއި ކަރުހިއްކުން އެއީ ގިޔާމަތުގެ ހަނދާންކުރަން ލިބޭ ފުރުސަތެއް ކަމަށް މިހާރުއްސުރެ ގަބޫލުކޮށް، އެ ކާމިޔާބު ހޯދުމަށްޓަކައި މަސައްކަތް ކުރުމުގެ އަޒުމް ކަނޑައެޅުން.

3- ފަގީރުންނާއި މިސްކީނުންނަށް އެހީ ފޯރުވަން އާދަކުރުމުގެ އަޒުމް ކަނޑައެޅުން.

4- ބޮޑެތި މީހުންނަށް އިހުތިރާމްކޮށް ކުޑަކުދިންނަށް އޯގާތެރިވުމުގެ އަޒުމް ކަނޑައެޅުން.

5- ރަހިމުގެ ގުޅުންތައް ވާސިލުކުރުމަށް އަޒުމް ކަނޑައެޅުން.

6- ދުލުގެ އެންމެހާ އާފާތްތަކުން ސަލާމަތްވެގެން ހުރުމުގެ އަޒުމް ކަނޑައެޅުމެވެ. ދޮގުހެދުމާއި ދޮގުހެކި ދިނުމާއި ހުތުރު ބަސްތައް ބޭނުން ކުރުމާއި މަލާމާތް ކުރުމާއި ނެތިނުބައި މޮށުމާއި ދެބައުޑުވުމާއި އަދި މި ނޫން ވެސް ދުލުގެ އެހެން އާފާތްތަކުން ދޫ ރައްކާތެރި ކުރަން ރަމަޟާން މަހުގެ ތެރޭގައި ފަރިތަކޮށް އެ މަސް ނިމިގެންދާއިރު އެކަމަކީ ދިރިއުޅުމުގެ އާދައެއް ކަމުގައި ހެދުމުގެ އަޒުމް އާ ކުރަން ޖެހޭ.

7- ލޮލާއި ކަންފަތުން ކުރެވޭ ފާފަތަކުން ދުރުހެލިވުމުގެ އަޒުމް ކަނޑއެޅުން. ބެލުން ހުއްދަ ނޫން ބެލުންތަކާއި އަޑުއެހުން ހުއްދަ ނޫން އެންމެހާ އަޑުތަކުން ރައްކާތެރިވުމަށް ނިޔަތްގަންނަން ޖެހޭ.

8- އެންމެހާ ފާފަތަކުން ސަލާމަތްވުމަށްޓަކައި ފުރިހަމަ ތައުބާއަކުން ތައުބާވެ އަދި އޭގެ ފަހުގައި ތައުބާވުން އިތުރުކޮށް ފާފަ ފުއްސެވުމަށް އެދި ދުއާ ކުރުން ގިނަ ކުރުމަށް އަޒުމް ކަނޑައެޅުން. ފާފަ ފުއްސެވުމަށް އެދި ދުއާ ކުރުން ނުވަތަ އިސްތިޣުފާރު ކުރުމަކީ އިންސާނާގެ ޢަމަލުތަކުން ރަހުނު ކުރެވިގެންވާ އޭނާގެ ނަފްސުގެ ރަހުނު ފިލުވާލުމަށް އޮތް މަގެއް.

9- ޤިޔާމަތް ދުވަހު އިންސާނާ އުފުލަން ޖެހިދާނެ ބުރަ ފާފަތައް ލުއި ކުރެވޭތޯ މަސައްކަތް ކުރުމަށް އަޒުމް ކަނޑައެޅުން.. ރުކޫޢާއި ސުޖޫދު (ނުވަތަ ނަމާދު) އަކީ ފާފަތައް ލުއިކުރެވިދާނެ އެއް މަގެވެ. ރޯދަމަހު ނިކަމެތި މުއުމިނަކަށް ރޯދަވީއްލައިދޭން އެހީވުމަކީ އަޅަކު މިނިވަން ކުރުން ފަދަ ކަމެކެވެ. އެކަމަށް ކުޅަދާނަ ނުވާ މީހާ އެންމެ ކަދުރު ފަޅިއެއްގެ މިންވަރުން ވެސް އެހީ ވެވިދާނެ އެވެ. ރޯދަ ވީއްލަން ދިނުމުގެ އިތުރުން ވެސް ސަދަގާތް ކުރުމަކީ ފާފަތައް ލުއިވާނެ ކަމެކެވެ.

ރަމަޟާން މަހުގެ ރޭގަނޑުގެ ހުރިހާ ވަގުތުތައް "ނިދުމުގައި" ދުވާލުގެ ހުރިހާ ވަގުތުތައް ޣާފިލުކަންމަތީގައި ހޭދަ ވިޔަ ނުދޭން މަސައްކަތް ކުރަން ޖެހެ އެވެ. ރޯދަވެރިއެއްގެ ގޮތުގައި ފަތިހު ފެށީއްސުރެ އިރުއޮއްސެންދެން ދުރުހެލިވާން ޖެހޭނީ ހަމައެކަނި ކެއިންބުއިމާއި ރޯދަ ގެއްލޭ އެހެން ކަންކަމުން އެކަންޏެއް ނޫނެވެ.

ރަމަޟާން މަހަކީ އެ މަހުގައި އުޑުތަކާއި ސުވަރުގެއާއި ރަހުމަތުގެ ދޮރުތައް ހުޅުވިގެންދާ މަހެކެވެ. ނަރަކައިގެ ދޮރުތައް ބަންދުކުރެވޭ މަހެކެވެ. އެކަމަކު ކޮންމެ ކޮންމެ މީހަކަށް ނޫނެވެ. އީމާންތެރިކަމާ އެކު ފުރިހަމަ އަށް އަޅުކަން ކުރާ އަދި އެކަމަށް ޝައުގުވެރިވެ އަޒުމް ކަނޑައަޅާ އަޅުވެރިންނަށެވެ. އެއްހާސް މައްސަރަށް ވުރެ ހެޔޮ ރެއެއް އެ މަހެއްގައި ވަނީ ވެސް ހަމަ މި ބަރަކާތްތެރި ރަމަޟާން މަހު އެވެ.

އެހެންކަމުން ކުރިން މި ފާހަގަ ކުރި އަޒުމްތަކުގެ އިތުރުން އެ މަހުގެ ރޭތަކާއި ދުވަސްތައް ވޭތު ކުރާނެ ގޮތަކާ މެދު ވިސްނައި ރޭވުމަށާއި އަދި އެ ރޭވުމާ އެއްގޮތަށް މަސައްކަތް ކުރުމުގެ އަޒުމް ވެސް ކަނޑައަޅަން ޖެހެ އެވެ. ރަމަޟާން މަހުގެ ރޭގަނޑުގެ ހުރިހާ ވަގުތުތައް "ނިދުމުގައި" ދުވާލުގެ ހުރިހާ ވަގުތުތައް ޣާފިލުކަންމަތީގައި ހޭދަ ވިޔަ ނުދޭން މަސައްކަތް ކުރަން ޖެހެ އެވެ. ރޯދަވެރިއެއްގެ ގޮތުގައި ފަތިހު ފެށީއްސުރެ އިރުއޮއްސެންދެން ދުރުހެލިވާން ޖެހޭނީ ހަމައެކަނި ކެއިންބުއިމާއި ރޯދަ ގެއްލޭ އެހެން ކަންކަމުން އެކަންޏެއް ނޫނެވެ. މީގެ އިތުރުން އެހުމާއި ބެލުމާއި އެ ނޫން ވެސް ހުރިހާ ގުނަވަންތަކުން ވެސް "ރޯދަ" ހިފަން ޖެހޭނެ އެވެ. އެބަހީ ހަރާމް ވެގެންވާ ހުރިހާ ކަންކަމުން ދުރުހެލިވުން ލާޒިމުވާނެ އެވެ. މަކްރޫހަ ކަންކަމުން ވެސް ދުރުހެލިވެ ހުންނަން މަސައްކަތް ކުރަން ޖެހޭނެ އެވެ.

ދުލުގެ އާފާތްތަކުން ދުރުހެލިވުމުގެ އިތުރުން ވިސްނުމާއި ފިކުރާއި ނިޔަތުން ވިޔަސް ކުރެވިދާނެ އެންމެހާ ފާފަތަކުން ވެސް ދުރުހެލިވާން ޖެހޭނެ އެވެ. ދެކޮޅުވެރިވުމާއި ހަސަދަވެރި ވުމާއި އެކަކު އަނެކަކަށް ނަފުރަތު ކުރުމާއި އަނިޔާވެރިވުން ފަދަ ކަންކަމުން ސަލާމަތްވެ ހުންނަން ޖެހޭނެ އެވެ. މާތް ﷲ ހަނދުމަ ކުރުމާއި ނަމާދު ކުރުމުން ޣާފިލު ވެގެން ނުވާނެ އެވެ. ކެތްތެރިކަމާއި ތެދުވެރިކަމާއި ހިތްވަރު ގަދަކަން އިތުރު ކުރަން މަސައްކަތް ކުރަންޖެހޭނެ އެވެ.

ރޯދައިގެ އަޅުކަމުން ދަސްކޮށްދޭ ވަރަށް މުހިންމު އެއް ކަމަކީ ކެތްތެރިވުން ކަމަށް ވާއިރު، ރޯދައިގެ މަދަރުސާއިން ދަސްވެނިވާ އިރު ކެތްތެރިވާން ދަސްކުރުމުގެ އަޒުމް ކަނޑައެޅުމަކީ ވެސް މި ބަރަކާތްތެރި މައްސަރަށް އަމާޒުކޮށް ކަނޑައަޅާ އަޒުމްތަކުގެ ތެރޭގައި ހިމެނޭނެ ވަރަށް މުހިންމު ކަމެކެވެ.

ވީމާ ކޮންމެ މުސްލިމަކު ވެސް މި އިޝާރާތް ކުރި ކަންކަމާއި އަދި މިނޫން ވެސް މިފަދަ އެހެން ކަންކަން ހާސިލު ކުރުމުގެ އަޒުމް މިހާރުއްސުރެ ކަނޑައަޅަންވީ އެވެ. އެ އަޒުމްތަކަށް މަގުފަހިވާ ފަދަ ހެޔޮކަންކަން ބާކީ މިއޮތް ކުޑަދުވަސްކޮޅުގެ ތެރޭގައި ކުރަންވީ އެވެ. ރަމަޟާން މަހު ހާސިލުކުރަން މި ކަނޑައަޅާ އަޒުމްތައް ހަގީގަތަކަށް ނުވެއްޖެ ނަމަ ހަމައެކަނި ނުކައި ނުބޮއެ ހުރެގެން ހިފާ ރޯދައަކުން ރޯދަމަހުގެ ބަރަކާތްތެރިކަން ހާސިލެއް ނުވާނެ އެވެ. މާތް ﷲ ގެ ތަނަވަސް ރަހުމަތުން އެކަށޭނަ ނަސީބެއް ނުލިބޭނެ އެވެ. އަދި އާޚިރަތުގައި ﷲ ގެ ފުއްސެވުން ވެސް ނުލިބޭނެ އެވެ.