Roadha Mihaaru

އޯވަލް އޮފީހުގައި މީޑިއާ ކުރިމަތީ އެމެރިކާ އާއި ޔުކްރެއިންގެ ރައީސްގެ ބޮޑު ޒުވާބެއް

އެމެރިކާ އާއި ޔުކްރެއިންގެ ވެރިން ވައިޓް ހައުސްގެ އޯވަލް އޮފީހުގައި މީޑިއާ ކުރިމަތީގައި ބޮޑު ޒުވާބެއް ކޮށްފި އެވެ.

ޓްރަމްޕާއި ޒެލެންސްކީ މީޑިއާ ކުރިމަތީގައި ޒުވާބުކޮށްފި

އެމެރިކާ އާއި ޔުކްރެއިންގެ ވެރިން ވައިޓް ހައުސްގެ އޯވަލް އޮފީހުގައި މީޑިއާ ކުރިމަތީގައި ބޮޑު ޒުވާބެއް ކޮށްފި އެވެ.

ޔުކްރެއިން އާއި ރަޝިޔާގެ ގެއްލުން ބޮޑު ހަނގުރާމައިގައި އެމެރިކާއިން ޔުކްރެއިނާ އެއްކޮޅަށް އޮވެ އެހީވަމުން ގެންދިޔަ ސިޔާސަތު ޓްރަމްޕް ވެރިކަމަށް ވަޑައިގަތުމާ އެކު ބަދަލުކުރުމުން އުފެދިފައިވާ ނުތަނަވަސްކަމުގައި ޔުކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވާހަކަ ދެއްކެވީ ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިން އަކީ "ގާތިލެއް" ކަމަށް ވިދާޅުވެ އެވެ.

"ބައެއް ކަންކަމުގައި ގޮތް ދޫނުކޮށް އެއްވެސް އެއްބަސްވުމެއް ނުހެދޭނެ. އެހެންވެ [ޒެލެންސްކީ] އެގޮތަށް އަމަލުކުރައްވާނެކަން ޔަގީން. އެކަމަކު ބައެއް މީހުން ހީކުރާ ގޮތަށް އެއީ މާބޮޑު ދޫދިނުންތަކެއް ނޫން،" ނޫސްވެރިންގެ ކުރިމަތީ ޓްރަމްޕް ވިދާޅުވި އެވެ.

އެކަމަކު ހަނގުރާމައިގެ ކުރީކޮޅު އެމެރިކާއިން އަމަލުކުރި ގޮތާއި ޓްރަމްޕުގެ ވެރިކަމުގެ ފުރަތަމަ ދައުރު ކަން ހިނގި ގޮތާއި ހަނގުރާމައިގެ އަނިޔާވެރިކަން ސިފަކޮށްދެއްވަމުން ޔުކްރެއިންގެ ރައީސް ވޮލްޑޮމީރް ޒެލެންސްކީ ވިދާޅުވީ "އަހަރެމެންގެ ގައުމުގެ ރައްޔިތުން މަރާ ގާތިލެއްގެ ކުރިމަތީ ދޫދިނުމެއް ނޯންނާނެ" ކަމަށެވެ. ރަޝިޔާގެ "މޮޔައިން" ޔުކްރެއިންގެ ކުޑަކުދިންނާއި އަންހެނުން ޑީޕޯޓްކުރަމުންދާ ކަމަށާއި ހިންގަނީ ހަނގުރާމައިގެ ޖަރީމާތައް ކަމަށް ވިދާޅުވެފަ އެވެ.

އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް، ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ޔުކްރެއިންގެ ރައީސް ވޮލްޑޮމީރް ޒެލެންސްކީ ހޫނު ޒުވާބުގައި. -- ފޮޓޯ: އޭއެފްޕީ

އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް، ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ޔުކްރެއިންގެ ރައީސް ވޮލްޑޮމީރް ޒެލެންސްކީ ހޫނު ޒުވާބުގައި. -- ފޮޓޯ: އޭއެފްޕީ

ޒެލެންސްކީގެ ވާހަކަތަކާ އެކު ޓްރަމްޕް ވަނީ ޒެލެންސްކީ ޝުކުރުވެރިނުވާ ކަމަށާއި އަމަލުކުރައްވަނީ ވެސް ރީއްޗަށް ނޫން ކަމަށް ވިދާޅުވެ ހަމަލާ ދެއްވައިފަ އެވެ.

"ތިޔަ ކުޅެނީ އެތައް މިލިއަން ބައެއްގެ ފުރާނަޔާ،" ޓްރަމްޕް ވިދާޅުވި އެވެ. "ފުރުސަތު ހުޅުވާލަން ތިޔަ އުޅެވެނީ ތިން ވަނަ ބޮޑު ހަނގުރާމައަށް. އަމަލުތައް ތިޔަ ހުރީ ގައުމަށް އިހުތިރާމެއް ނެތް ގޮތަށް -- މި ގައުމަށް."

އެމެރިކާގެ ސިޔާސަތުގެ ސަބަބުން ވާނެ ގޮތް އަދި އިހުސާސްވާނެ ކަމަށް ޒެލެންސްކީ ވިދާޅުވުމާ އެކު ޓްރަމްޕް ވަނީ ޒެލެންސްކީ އެމެރިކާއަށް "ޝުކުރުވެރިވާން ޖެހޭ" ކަމަށް ވިދާޅުވެފަ އެވެ. އަދި ޒެލެންސްކީ ހުންނެވީ "އެމެރިކާއަށް އިހްސާސްވާނެ ގޮތް ކިޔައިދެވޭނެ މަގާމެއް ނޫން" ކަމަށް ރުޅިވެރިކަމާ އެކު ވިދާޅުވި އެވެ.

ހަމަ މި ހޫނުގައި ޓްރަމްޕް ވިދާޅުވީ ރަޝޔާއާ އެކު އެއްބަސްވުމަކަށް އައިސް މައްސަލަ ހައްލުކުރުން ނުވަތަ މިކަމުގައި އެމެރިކާގެ އެހީ ކަނޑާލުން ނޫން ގޮތެއް ނޯންނާނެ ކަމަށެވެ.

އަރިހުގައި އިންނެވި ނައިބު ރައީސް ވެންސް ޒެލެންސްކީއާ ދިމާލަށް ވަނީ ޓްރަމްޕަށް އިހުތިރާމެއް ވެސް ނުކުރާ ކަމަށް ވިދާޅުވެ ރައްދު ދެއްވައިފަ އެވެ. އެއާ އެކު ޒެލެންސްކީ ވާހަކަ ދައްކަވަން މަސައްކަތްކުރެއްވި ނަމަވެސް އެ ފުރުސަތެއް ނުދެއްވި އެވެ.

ރަޝިޔާގެ ކުރިމަތީ ގޮތް ދޫކޮށް ބައެއް ކަންކަމުގައި ފަހަތަށް ޖެހި ތިން އަހަރުވީ ހަނގުރާމާގައި ސުލަހަވާން ޔުކްރެއިންގެ ކިބައިން އެދިފައި ވިޔަސް ޒެލެންސްކީ ވަނީ އެމެރިކާ ދަތުރުގައި އެގޮތަށް އެއްބަސްވާން ދެކޮޅު ހައްދަވައިފަ އެވެ. އަދި މި ހިނގި ބޮޑު ޒުވާބަށް ފަހު ޔުކްރެއިން އާއި ޔޫރަޕްގައި ދަނީ ޒެލެންސްކީ އަށް ތާއީދުކޮށް ވާހަކަ ދައްކަމުންނެވެ.

މި ހާދިސާގެ ފަހުން ޒެލެންސްކީ މީޑިއާތަކަށް ދެއްވި އިންޓަވިއުތަކުގައި އެމެރިކާއާ އެކު އަދި މައްސަލަ ހައްލުކުރެވިދާނެ ކަމަށް ވިދާޅުވެ ވަނީ ވާހަކަ ދައްކަވައިފަ އެވެ.