Roadha Mihaaru
ކަރަންޓް ވިއުގައިގެ މަސައްކަތަށް ފުރުސަތު ހުޅުވާލައިފި

މާލެ-ހުޅުމާލެ ކަރަންޓް ވިއުގަ އިން ގުޅާލުމަށް ޝައުގުވެރިކަން ފާޅު ކުރުމުގެ ފުރުސަތު ހުޅުވާލައިފި

13 މާޗް 2017

ހުޅުލެ އާއި މާލެއާ ދެމެދު އަޅަމުންދާ ބްރިޖް މެދުވެރިކޮށް، މާލެ އާއި ހުޅުލެ އާއި ހުޅުމާލޭގެ ކަރަންޓް، އެއް ވިއުގައަކުން ގުޅާލުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިކަން ފާޅު ކުރުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހުޅުލެ އާއި މާލެއާ ދެމެދު އަޅަމުންދާ ބްރިޖް މެދުވެރިކޮށް، މާލެ އާއި ހުޅުލެ އާއި ހުޅުމާލޭގެ ކަރަންޓް، އެއް ވިއުގައަކުން ގުޅާލުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިކަން ފާޅު ކުރުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައިވާ ގޮތުން އެ މަޝްރޫއަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ ތިން ވަނަ ދުވަހާ ހަމަ އަށް އޮންނާނެ އެވެ. ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހިންގާ އެ މަޝްރޫއަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތަކީ އެ މަޝްރޫއު ހިންގޭ ފަދަ މާލީ ގާބިލްކަން ހުރި ފަރާތަކަށް ވާންޖެހޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ.

ޝައުގުވެރިކަން ފާޅުކުރާ ފަރާތަކީ ހައި ވޮލްޓޭޖް އިލެކްޓްރިކް ނެޓްވޯކް އެޅުން ފަދަ މަސައްކަތް ކޮށްފައިވާ ފަރާތަކަށް ވުމާއި އެކަމަށް ބޭނުންވާ ފައިސާ ހޯދުމުގެ ގާބިލްކަން އެ ފަރާތެއްގެ ކިބައިގައި ހުރިކަން ސާބިތުކޮށްދޭން ޖެހޭނެ ކަމަށް ފިނޭންސްގެ އިއުލާނުގައިވެ އެވެ. އަދި މަޝްރޫއު ކުރިއަށް ގެންދަން ބޭނުންވާ ގޮތުގެ ޚުލާސާއެއް ވެސް ހުށަހަޅަން ޖެހޭނެ އެވެ.

ސަރުކާރުން ނިންމާފައިވަނީ ބްރިޖް މެދުވެރިކޮށް ގާއިމުކުރާ ކަރަންޓު ވިއުގަ މެދުވެރިކޮށް ކަރަންޓް ދޭ އިންޖީނުގެ ހުޅުމާލޭގައި ބެހެއްޓުމަށެވެ. އެ މަސައްކަތް މިދިޔަ އަހަރު ފަހުކޮޅު ވަނީ ފަށައިފަ އެވެ.

ޗައިނާ ކުންފުންޏަކާ ހަވާލު ކޮށްގެން ކުރަމުންދާ ބްރިޖްގެ މަސައްކަތް ތާވަލަށް ވުރެ ބާރަށް ދަނީ ކުރަމުންނެވެ. އެ ބްރިޖް އަންނަ އަހަރުގެ މެދު ތެރޭގައި ހުޅުވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.