Roadha Mihaaru

ވިއްސާރައިގެ ގެއްލުންތަކުން ރައްކާތެރިވާން މުޅި ރާއްޖޭގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފި

ރާއްޖެއަށް ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ވަރަށް ގޯސްވާނެ ކަމަށް ލަފާކޮށްފައި ވާތީ، ވިއްސާރާގައި ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވާން ފުލުހުންނާއި ސިފައިން އަދި ކަމާ ބެހޭ އެހެން އިދާރާތައް ގުޅިގެން ޖޮއިންޓް އޮޕަރޭޝަނެއް މިއަދު ފަށައިފި އެވެ.

ވިއްސާރައިގެ ގެއްލުންތަކުން ރައްކާތެރިވާން އޮޕަރޭޝަނެއް
އިފްރާޒް އަލީ
އިފްރާޒް އަލީ

13 ޖެނުއަރީ 2025

ރާއްޖެއަށް ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ވަރަށް ގޯސްވާނެ ކަމަށް ލަފާކޮށްފައި ވާތީ، ވިއްސާރާގައި ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވާން ފުލުހުންނާއި ސިފައިން އަދި ކަމާ ބެހޭ އެހެން އިދާރާތައް ގުޅިގެން ޖޮއިންޓް އޮޕަރޭޝަނެއް މިއަދު ފަށައިފި އެވެ.

ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން "މިހާރު" އަށް ވިދާޅުވީ މި ޖޮއިންޓް އޮޕަރޭޝަނަކީ ވިއްސާރާގައި ލިބޭ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން، ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން މުޅި ރާއްޖޭގައި ފަށާ އޮޕަރޭޝަނެއް ކަމަށެވެ.

"ޖޮއިންޓް އޮޕަރޭޝަނެއް، ފުލުހުންނާއި ސިފައިންނާއި އެންޑީއެމްއޭ ގުޅިގެން ކުރިއަށް ގެންދާނީ،" ޣައްސާން ވިދާޅުވި އެވެ.

ރާއްޖެ ސަރަހައްދުގައި މި ވަގުތު އުފެދިފައިވާ ކޮޅިގަނޑު ހަ ދުވަހަށް ދެމިގެންދާނެ ކަމަށް މޫސުމާ ބެހޭ އިދާރާ، މެޓުން އޮފީހުން ލަފާކޮށްފައިވާއިރު، ކޮޅިގަނޑުގެ ސަބަބުން އާންމުކޮށް ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށާއި އުތުރާއި މެދު ރާއްޖެ ތެރޭގެ ބައެއް ރަށްތަކަށް އުދައެރުން ވެސް އެކަށީގެންވާ ކަމަށް ވަނީ ބުނެފަ އެވެ.

މިއަދުން ފެށިގެން އަނެއްކާވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައި ވާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެންޑީއެމްއޭ އިން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

މި މަހު ކުރީކޮޅު ވެސް ރާއްޖެއަށް ވަރަށް ބޮޑަށް މޫސުން ގޯސްވި އެވެ. ވިއްސާރާގައި މާލެ އާއި ރަށްރަށުގައި ވަރަށް ބޮޑަށް ފެންބޮޑުވެ، ބޮޑެތި ގެއްލުންތައް ލިބުނެވެ.

މި މަހުގެ ތިންވަނަ ދުވަހު މާލެއަށް ވަރަށް ބޯކޮށް ވާރޭ ވެހި، ގިނަ މަގުތަކުގައި ފެން ބޮޑުވެ، ގޭގެއަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބުނެވެ. އެންޑީއެމްއޭ އިން ކުރިން ބުނި ގޮތުގައި، އެ ފަަހަރު ލިބުނު ގެއްލުން 2.2 މިލިއަން ރުފިޔާއަށް އަރަ އެވެ. އަދި އެއީ މިހާތަނަށް ވިއްސާރާގައި މާލެއަށް އެންމެ ގެއްލުން ބޮޑުވި ފަހަރެވެ.