Roadha Mihaaru

ޑްރަގު އެެތެރެކުރި މީހަކު 12 އަހަރަށް ޖަލަށްލައި، 50،000ރ. އިން ޖޫރިމަނާކޮށްފި

ރާއްޖެއަށް ކިލޯއެއްހާ ޑްރަގް އެތެރެކުރި ދިވެއްސަކު 12 އަހަރަށް ޖަލަށްލައި، 50،000ރ. އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ޑްރަގު އެެތެރެކުރި މީހަކު 12 އަހަރަށް ޖަލަށް
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

03 މާޗް 2025

ރާއްޖެއަށް ކިލޯއެއްހާ ޑްރަގް އެތެރެކުރި ދިވެއްސަކު 12 އަހަރަށް ޖަލަށްލައި، 50،000ރ. އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މިދިޔަ ހަފުތާގައި ހުކުމްކުރީ ބުނީ ޖުލައި، 2023 ގައި ވައިގެމަގުން ރާއްޖެއަށް ޑްރަގް އެތެރެކުރި މީހެއްގެ މައްޗަށެވެ. އޭނާ ގެނައި ކަރުދާސް ފޮށިގަނޑެއް ބަލައި ފާސްކުރިއިރު އެ ފޮށިގަނޑުގައި އޮތް ފުޅިއެއްގެ ތެރެއިން 480.8 ގްރާމުގެ ކެނެބިސް އާއި އިތުރު ފުޅިއެއްގެ ތެރެއިން 481.9 ގްރާމު ކެނެބިސް ފެނިފައިވެ އެވެ.

އެ ކުށުގެ އަސްލު އަދަބަކީ އުމުރަށް ޖަލަށްލުމާއެކު އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުން ކަމަށް ވިޔަސް، އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 12 އަހަރާއި ހަ މަސް ދުވަހުގެ މުއްދަތަކަށް ޖަލަށްލުމާ އެކު 50،000ރ. އިން ޖޫރިމަނާ ކުރުމަށެވެ.

އެގޮތަށް ހުކުމްކުރީ ދައުލަތާއި އެ މީހާއާ ދެމެދު ހެދި އިއުތިރާފްގެ އެއްބަސްވުމުގެ ދަށުން، އޭނާ ކުށަށް އިއުތިރާފްވުމުންނެވެ.

އޭނާ 12 އަހަރަށް ޖަލަށްލިޔަސް، ތަހުގީގާއި ޝަރީއަތުގެ މަރުހަލާގައި އެއް އަހަރާއި ހަތް މަސް ދުވަހު ބަންދުގައި ހޭދަކޮށްފައިވާތީ އެ މުއްދަތު ހުކުމުން މުއްދަތުން އުނިކުރުމުން އޭނާ ޖަލުގައި ހޭދަކުރާނީ 10 އަހަރާއި 11 މަސް ދުވަހުުގެ ޖަލު ހުކުމެކެވެ.

ޖޫރިމަނާ އަދަބެއްގެ ގޮތުގައި ކަނޑައެޅި 50،000ރ. ދައުލަތަށް އެއް އަހަރު ތެރޭގައި ދެއްކުމަށް ހުކުމުގައި އަންގާފައިވެ އެވެ.