Roadha Mihaaru

ތިން ދުވަސް ތެރޭ ފްލެޓް ލިސްޓާ ގުޅޭ 700 އެއްހާ ޝަކުވާ

މިދިޔަ ބުރާސްފަތިދުވަހު އާންމުކުރި ފްލެޓް ލިސްޓަށް މިހާތަނަށް 700 އެއްހާ ޝަކުވާ ލިބިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެެ.

3 ދުވަސް ތެރޭ ފްލެޓް ލިސްޓާ ގުޅޭ 700އެއްހާ ޝަކުވާ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

04 މާޗް 2025

މިދިޔަ ބުރާސްފަތިދުވަހު އާންމުކުރި ފްލެޓް ލިސްޓަށް މިހާތަނަށް 700 އެއްހާ ޝަކުވާ ލިބިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެެ.

ފްލެޓް ލިސްޓަށް ޝަކުވާއަށް ހުޅުވާލީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

ހައުސިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވި ގޮތުގައި މިހާތަނަށް އެ ލިސްޓަށް 675 ޝަކުވާ ލިބިފައިވެ އެވެ. އެއީ ތިން ކޮޓަރީގެ ފްލެޓް ލިސްޓާ ގުޅޭ 452 ޝަކުވާ އާއި ދެ ކޮޓަރީގެ ފްލެޓް ލިސްޓަށް ހުށަހަޅާފައިވާ 223 ޝަކުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނީ މި މަހުގެ 31 ގެ ނިޔަލަށެވެ.

ފޯމު ހުށަހަޅާފައިވާ މީހެއް ނަމަ، އެ މީހެއްގެ ފޯމާ ގުޅޭ ޝަކުވާ "ގެދޮރުވެރިޔާ ޕޯޓަލް" މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

މިނިސްޓްރީން ބުނެފައިވާ ގޮތުގައި ލިސްޓުގައިވާ މީހަކާ ގުޅޭ ޝަކުވާއެއް އޮތް ނަމަ، އީމެއިލް މެދުވެރިކޮށް ނުވަތަ މިނިސްޓްރީއަށް އެޑްރެސްކޮށް ސިޓީއަކުން ހުށަހެޅޭނެ އެވެ. ޝަކުވާ ހުށަހެޅުމުގެ މުއްދަތުގެ ތެރޭގައި ޝަކުވާ ހުށަހެޅުމުގެ ކަންކަން ކުރިއަށް ގެންދާ ގޮތާއި ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް 4004911 އަދި 4004910 އަށް ގުޅޭ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 4000 ފްލެޓް ލިބޭ ކަމަށް ކުރީގެ ސަރުކާރުން އިއުލާންކުރި ލިސްޓް ރިވިއުކޮށް، އެ 4،000 އިން ޝަރުތު ހަމަވާ ކަމަށް މި ސަރުކާރުން ނެރުނު ލިސްޓުގައި ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައި ވަނީ 1،820 މީހެކެވެ.

ތިން ކޮޓަރީގެ ފްލެޓް ލިބޭ މީހުންގެ ތެރެއިން ޝަރުތު ހަމަވެގެން ލިސްޓުގައި ހިމެނެނީ 1،423 މީހެކެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވީ 397 މީހެކެވެ.

މިނިސްޓްރީން ބުނެފައިވާ ގޮތުގައި 2،695 މީހެއްގެ ފޯމް ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވެ އެވެ. އަދި 424 ފަރާތެއްގެ ޕޮއިންޓުތަކަށް އައި ބަދަލާ އެކު ފްލެޓް ލިބޭ މީހުންގެ ލިސްޓުން އެ މީހުން އުނިވި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުން އަންނަ މި ފްލެޓުތަކުގެ ތެރޭގައި ހިމެނެނީ ތިން ކޮޓަރީގެ 2،750 ފްލެޓާއި ދެ ކޮޓަރީގެ 1،250 ފްލެޓުތަކެވެ.

މިހާރު ގާތްގަނޑަކަށް ނިމެން ގާތްވެފައިވާ އެ މަޝްރޫއުއަކީ މާލޭގައި މެދުކެނޑުމެއް ނެތި ދިރިއުޅެމުން އަންނަތާ 15 އަހަރުވެފައިވާ މީހުންނަށް ހުޅުވާލި މަޝްރޫއުއެކެވެ. އެކަމަކު އެ މުއްދަތުގައި މާލޭގައި ނޫޅޭ ގިނަ ބަޔަކު ވަނީ ކައުންސިލްތައް މެދުވެރިކޮށް ދޮގު ލިޔުން ހޯދައިގެން މި މަޝްރޫއު އަށް ކުރިމަތިލާފައި ކަމަށް އޭސީސީ އާއި ހައުސިން މިނިސްޓްރީން ވެސް ބުނެ އެވެ.