Roadha Mihaaru

ޓްރީ ޓޮޕް ހޮސްޕިޓަލްގެ އަހަރީ ދުވަހަށް މުޅި މަހަށް ޑިސްކައުންޓުތަކެއް

ޓްރީ ޓޮޕް ހޮސްޕިޓަލުން މި މަހުގެ އެއް ވަނަ ދުވަހު ފާހަގަކުރި ހަތް ވަނަ އަހަރީ ދުވަހާ ގުޅިގެން މުޅި މަހުގެ އެކި ދުވަސްތަކަށް ބަހާލައި ގިނަ ހިދުމަތްތަކަކުން ޑިސްކައުންޓު ލިބޭ ޕްރޮމޯޝަނެއް ތައާރަފްކޮށްފި އެވެ.

ޓްރީ ޓޮޕްގެ އަހަރީ ދުވަހަށް މުޅި މަހަށް ޑިސްކައުންޓު
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

04 މާޗް 2025

ޓްރީ ޓޮޕް ހޮސްޕިޓަލުން މި މަހުގެ އެއް ވަނަ ދުވަހު ފާހަގަކުރި ހަތް ވަނަ އަހަރީ ދުވަހާ ގުޅިގެން މުޅި މަހުގެ އެކި ދުވަސްތަކަށް ބަހާލައި ގިނަ ހިދުމަތްތަކަކުން ޑިސްކައުންޓު ލިބޭ ޕްރޮމޯޝަނެއް ތައާރަފްކޮށްފި އެވެ.

އެ ޕްރޮމޯޝަނުގައި މި މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ސީޓީ ސްކޭން އަދި އެމްއާރްއައި ހިދުމަތުން 15 ޕަސެންޓު އަދި ބޯން މިނަރަލް ޑެންސިޓީ ޓެސްޓްތަކުން 10 ޕަސެންޓު ޑިސްކައުންޓު ލިބޭނެ އެވެ. މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް ސްކިން ރެޖޫވިނޭޝަން، އެކްނީ ސްކާ ޓްރީޓްމަންޓު އަދި ޓެޓޫ ރިމޫވަލް ހިދުމަތުން 20 ޕަސެންޓު ޑިސްކައުންޓު ލިބޭނެ ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުންޏެވެ.

ޕްރޮމޯޝަނުގެ ދަށުން ދަތް ސާފުކުރުމާއި ދަތް ބްލީޗު ކުރުމާއި ފުޓުނި އެޅުމުގެ ހިދުމަތުން 15 ޕަސެންޓުގެ ޑިސްކައުންޓެއް މި މަހުގެ 15 ވަނަ ދުވަހުން 31 ވަނަ ދުވަހުގެ ނިޔަލަށް ލިބޭނެ އެވެ.

މިދިޔަ ހަތް އަހަރަކީ ޓްރީ ޓޮޕް ހޮސްޕިޓަލަށް ކާމިޔާބު އަހަރު ތަކެއްގެ ގޮތުގައި އެ ހޮސްޕިޓަލުން ސިފަކުރެ އެވެ. އެ ހަތް އަހަރުގެ ތެރޭގައި ރާއްޖޭގެ ސިއްހީ ދާއިރާ އަށް އިތުރު ކުރިއެރުންތަކެއް ގެނެސް އެކި ހިދުމަތްތައް ތައާރަފްކުރިކަން ވެސް ފާހަގަކުރި އެވެ. އެ ހޮސްޕިޓަލުން މިދިޔަ ހަތް އަހަރުގެ ތެރޭގައި ހޯދި އެންމެ ބޮޑު ކާމިޔާބީތަކުގެ ގޮތުގައި ފާހަގަކުރަނީ:

- ރާއްޖޭގައި އައިވީއެފްގެ ހިދުމަތް ތައާރަފްކޮށް، އެ ހިދުމަތް ކާމިޔާބުވެ، އައިވީއެފް މެދުވެރިކޮށް ކުއްޖަކު ވިހެއުން

- ކަކުލު ހުޅު ބަދަލުކުރުމުގެ ހާހަކަށް ވުރެ ގިނަ ސާޖަރީ ކާމިޔާބުކަމާ އެކު ކުރުން.

- ރާއްޖޭގައި ފުރަތަމަ ފަހަރަށް ލެޑްލެސް ޕޭސްމޭކަރެއް ލެއްވުން

- އާދަޔާ ހިލާފަށް ބޮޑު ޕެރޯޓިޑް ޓިއުމަރެއް ނައްތާލުމަށް ކޮމްޕްލެކްސް ސާޖަރީއެއް ކާމިޔާބުކަމާ އެކު ހެދުން.

- ފުރަތަމަ ފަހަރަށް ރީނަލް އެންޖިއޯޕްލާސްޓީ (ބެދިފައި ނުވަތަ ބްލޮކްވެފައިވާ ހިތުގެ ލޭހޮޅި ފުޅާކުރާ) ޕްރޮސީޖަރު ކާމިޔާބުކަމާ އެކު ކުރުން.

- ގޭގެ އަށް ގޮސް ދޭ ހޯމްކެއާ ފިޒިއޯތެރަޕީ ހިދުމަތް ތައާރަފް ކުރުން.

- ގޭގައި ތިބެގެން ހެދޭ ޑަޔަލިސިސް (ޕެރިޓޯނިއެލް ޑަޔަލިސިސް) ތައާރަފް ކުރުން.

- ޕްރައިމަރީ ހެލްތު ކެއާ ނުވަތަ ފެމިލީ މެޑިސިން ހިދުމަތް ޓީޓީއެޗް މާލެ ކްލިނިކަށް ފުޅާކުރުން.

- ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހެލްތު ކޭމްޕް ބާއްވައި 1،500 އަށް ވުރެ ގިނަ މީހުންނަށް ސިއްހީ ހިދުމަތް ފޯރުކޮށްދިނުން.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގައި ހުޅުވި ފުރަތަމަ ޓާޝިއަރީ ފެންވަރުގެ ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލުގައި 30 އަށް ވުރެ ގިނަ ސްޕެޝަލިސްޓު ދާއިރާތަކުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމެއް މަސައްކަތް ކުރެ އެވެ. އައިސީޔޫ، ކެތް ލެބް، އެންއައިސީޔޫ، އެޗްޑީޔޫ، ފާޓިލިޓީ ސެންޓަރު، ޑަޔަލިސިސް އަދި ކީމޯތެރަޕީގެ ހިދުމަތް ދޭ އެ ހޮސްޕިޓަލުގައި 210 އެނދުގެ ކެޕޭސިޓީ ހުރެ އެވެ.