Roadha Mihaaru

ސުއޫދުގެ އިސްތިއުފާގެ ސިޓީ ޖޭއެސްސީއަށް ފޮނުވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދުގެ އިސްތިއުފާގެ ސިޓީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ނުލިބޭ ކަމަށް ބުނެ އޭނާގެ މައްސަލަތައް ކުރިއަށް ގެންދަން ނިންމާފައި ވަނިކޮށް، އެ ކޮމިޝަނަށް އެޑްރެސްކޮށް ފަނޑިޔާރު ސުއޫދު އިސްތިއުފާގެ ސިޓީ ފޮނުއްވައިފި އެވެ.

ސުއޫދުގެ އިސްތިއުފާގެ ސިޓީ ޖޭއެސްސީއަށް ފޮނުވައިފި
ނާޒިމް ހަސަން
ނާޒިމް ހަސަން

04 މާޗް 2025

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދުގެ އިސްތިއުފާގެ ސިޓީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ނުލިބޭ ކަމަށް ބުނެ އޭނާގެ މައްސަލަތައް ކުރިއަށް ގެންދަން ނިންމާފައި ވަނިކޮށް، އެ ކޮމިޝަނަށް އެޑްރެސްކޮށް ފަނޑިޔާރު ސުއޫދު އިސްތިއުފާގެ ސިޓީ ފޮނުއްވައިފި އެވެ.

ޖޭއެސްސީގެ ރައީސް ހުސެއިން ރިޒާއަށް އެޑްރެސް ކުރައްވައި، ސުއޫދު ފޮނުއްވި ސިޓީގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގޮނޑިއާ ގުޅޭ ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓަށް ބެލޭނެ ކަަމަށް ކަނޑައެޅުމާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ.

އެގޮތުން ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑްކޮށް، ކޯޓުގެ ބެންޗުން ދެ ފަނޑިޔާރުން ވަކިކުރަން ޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ގެނެސްފައިވާކަން ސުއޫދު ފާހަގަ ކުރެއްވި އެވެ. ސުއޫދު ފާހަގަ ކުރެއްވި ގޮތުގައި އެކަމަކީ ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ބިރު ދައްކައި، ނުފޫޒު ފޯރުވަން ކުރި ކަމެކެވެ.

އެހެންވެ، އެކަމާ އިހުތިޖާޖު ކުރުމުގެ ގޮތުން މިވަގުތުން ފެށިގެން މަގާމުން އިސްތިއުފާ ދެއްވާ ކަމަށް މީގެ އިރުކޮޅެއް ކުރިން ޖޭއެސްސީއަށް ސުއޫދު ފޮނުއްވި ސިޓީގައިވެ އެވެ. ސުއޫދު ވަނީ މިއަދު ހެނދުނު މި ސިޓީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް ފޮނުއްވައިފަ އެވެ.

ނަމަވެސް، ގާނޫނުގައި ބުނާ ގޮތުން ފަނޑިޔާރަކު އިސްތިއުފާ ދެއްވާ ނަމަ، އިސްތިއުފާގެ ސިޓީ ފޮނުވަން ޖެހެނީ ޖޭއެސްސީއަށެވެ.

އެހެންވެ، ގާނޫނު ބުނާގޮތަށް ޖޭއެސްސީއަށް ސިޓީ ލިބިފައިނުވާތީ ސުއޫދާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުންދާ މައްސަލަތައް ކުރިއަށް ގެންދަން އެ ކޮމިޝަންގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވެ އެވެ.

ސުއޫދާ ގުޅޭގޮތުން ތިން މައްސަލައެއް ބެލުމަށް ޖޭއެސްސީން މިއަދު އެޖެންޑާކޮށްފައި އޮތެވެ. އަދި އޭނާ މިވަގުތު ސަސްޕެންޝަންގައި ހުންނެވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލަތަކަކާ ގުޅިގެން ކަމަށް ބުނެ އެވެ.

ސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު މިދިޔަ ހަފުތާގައި ސަސްޕެންޑްކުރީ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމުގެ މައްސަލާގައި ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ތާވަލް ކޮށްފައި ވަނިކޮށް އެ އަޑުއެހުން ފަށަން 15 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 އަށް ދަށްކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފުތާގައިވަނީ ފާސްކޮށްފަ އެވެ. އެ އިސްލާހު ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ ގާނޫނީ ގިނަ ބޭފުޅުންގެ ކަންބޮޑުވުންތައް އޮއްވާ އަވަސް އަރުވާލައިގެން ފާސްކުރި އެ ބިލް މިހާތަނަށް ރައީސް ތަސްދީގު ކުރައްވާފައެއް ނުވެ އެވެ.