Roadha Mihaaru
އުއްތަމަ ފަނޑިޔާރަކަށް މުއުތަސިމްގެ ނަން ފޮނުއްވައިފި

ރައީސްގެ ހުށަހެޅުއްވުން: އުއްތަމަ ފަނޑިޔާރަކަށް މުއުތަސިމް ފަނޑިޔާރުންނަށް ސުއޫދާއި ރައޫފް

28 ނޮވެމްބަރ 2019

އުއްތަމަ ފަނޑިޔާރަކަށް ކުރީގެ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އައްޔަން ކުރުމަށާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދާއި ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އައްޔަން ކުރުމާ މެދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފައަކަށް ރައީސް އެދިވަޑައިގެންފަ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އުއްތަމަ ފަނޑިޔާރަކަށް ކުރީގެ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އައްޔަން ކުރުމަށާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދާއި ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އައްޔަން ކުރުމާ މެދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފައަކަށް ރައީސް އެދިވަޑައިގެންފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ތިން މަގާމެއް ހުސްވީ އުއްތަމަ ފަނޑިޔާރަކަށް ހުންނެވި ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމުންނާއި އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ އަރީފް ރިޓަޔާ ކުރެއްވުމުންނެވެ.

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މުއުތަސިމް އުއްތަމަ ފަނޑިޔާރަކަށް އައްޔަން ކުރުމަށާއި އަދި ރިޔާސީ ކޮމިޝަންގެ ރައީސަކަށް ހުންނެވި ސުއޫދާއި ހައި ކޯޓުގެ ފަނޑިޔާރު އަދި ޖޭއެސްސީގެ މެމްބަރު ރައޫފް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމާ މެދު ޖޭއެސްސީގެ ލަފައަކަށް އެދިވަޑައިގެންކަން ރައީސް ހާމަކުރެއްވީ ދެންމެ ކުރެއްވި ޓްވީޓެއްގަ އެވެ.

ސުޕްރީމް ކޯޓަށް ތިން ބޭފުޅަކު އައްޔަން ކުރުމާ މެދު ޖޭއެސްސީގެ ލަފައަކަށް ރައީސް އެދިވަޑައިގަތްއިރު، ޖޭއެސްސީން ވެސް އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލި އެވެ. އެ މުއްދަތު މިއަދު ހަވީރު ވަނީ ހަމަވެފަ އެވެ.

ގާނޫނު އަސާސީ ބުނާގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅުން އައްޔަން ކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅުތަކަކަށް ބިނާކޮށް މަޖިލީހުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބެންޗުގައި މިހާރު ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ. އޭގެ ތެރެއިން ފަނޑިޔާރު ޣަނީ ވެސް ވަކިކުރަން މަޖިލީހަށް އޮތީ ފޮނުވައިފަ އެވެ.