Roadha Mihaaru

މިފްކޯ އަށް ބޮޑުކަންނެލި ގަތުމުގެ ތައްޔާރީތައް އަންނަނީ ވަމުން: ރައީސް

ދައުލަތުގެ މަސްކުންފުނި މިފްކޯ އަށް ކަޅުބިލަމަހެކޭ އެއްފަދައިން ބޮޑުކަންނެލި ގަތުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި މަސްވެރިންނަށް އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން އެންމެ އިސްކަން ދެއްވާ އެއް ކަމަކީ ބޮޑުކަންނެލީގެ މަސްވެރިންނަށް ދޫކޮށްލެއްވި ވައުދުތައް ފުއްދެވުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

"ބޮޑުކަންނެލި ގަތުމުގެ ތައްޔާރީތައް އަންނަނީ ވަމުން"

ދައުލަތުގެ މަސްކުންފުނި މިފްކޯ އަށް ކަޅުބިލަމަހެކޭ އެއްފަދައިން ބޮޑުކަންނެލި ގަތުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި މަސްވެރިންނަށް އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން އެންމެ އިސްކަން ދެއްވާ އެއް ކަމަކީ ބޮޑުކަންނެލީގެ މަސްވެރިންނަށް ދޫކޮށްލެއްވި ވައުދުތައް ފުއްދެވުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ރ. ދުވާފަރުގައި ރޭ ބޭއްވި މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް އެހެން ވިދާޅުވިއިރު، މިފްކޯ އަށް ބޮޑުކަންނެލި ގަންނަން ގޮވާލައި ބޮޑުކަންނެލީގެ މަސްވެރިން ވަނީ މިދިޔަ ހަފުތާގައި އިހުތިޖާޖެއް ކޮށްފަ އެވެ.

ރައީސް މުއިއްޒު ރޭ ވިދާޅުވީ، މިފްކޯ އަށް ބޮޑުކަންނެލި ގަތުމަކީ އެ މަނިކުފާނުގެ އެންމެ މުހިންމު އެއް ވައުދު ކަމަށާއި އެކަމަށްޓަކައި ވަރަށް ގިނަ މަސައްކަތްތައް ސަރުކާރުން ކުރާ ކަމަށެވެ. އޭގެ ތެރޭގައި ރައީސް ވިދާޅުވި ގޮތުގައި ބޮޑުކަންނެލި "ޕްރޮސެސް" ކުރާ ފެސިލިޓީއެއް ހުޅުމާލެ އާއި ކަނޑުއޮތްގިރީގައި ގާއިމް ކުރުމަކީ މިހާރު ފަށައިގެން އުޅޭ މަސައްކަތްތަކެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރަން ރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

މަސްވެރިންގެ ދުވަސް ފާހަގަކުރަން ރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

"މިކަންކަން ކުރިއަށް ދާނެ. އޭގެ އިތުރަށް ވެސް އަޅުގަނޑުމެން ވަރަށް ފުޅާކޮށް އެކި މަސައްކަތްތައް މި ކުރަނީ ވީ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އަމަލީ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރެވޭނެ ގޮތެއް ގާއިމް ކުރުމަށް،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މިފްކޯ އަށް ބޮޑުކަންނެލި ގަންނަން ފަށައިގަންނަން ބޭނުންވަނީ ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދެވޭނެ ގޮތެއް ހޯއްދަވައިގެން ކަމަށެވެ. ކަޅުބިލަމަހުގެ މަސްވެރިން މިފްކޯ އަށް ކިރުވާ މަހުގެ އަގަށް ޖެހޭ ފައިސާ 48 ގަޑިއިރުގެ ތެރޭގައި ދޭން ފެށީ ވެސް އެ ގޮތަށް ރާވައިގެން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެ މަނިކުފާނު ބޭނުންފުޅުވަނީ ވެވަޑައިގެންނެވި ވައުދެއް ނަމަ ހަގީގީ މާނައިގައި އިހުލާސްތެރިކަމާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު ފުއްދައި ދެއްވާށެވެ.

މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ އަށް ރައީސް މުއިއްޒު ރޭ ވަޑައިގަތުމުން ފިޝަރީޒް މިނިސްޓަރު ޝިޔާމް މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ އަށް ރައީސް މުއިއްޒު ރޭ ވަޑައިގަތުމުން ފިޝަރީޒް މިނިސްޓަރު ޝިޔާމް މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

"މިއަދު ފަށާފައި މާދަން މެދުކެނޑޭ ގޮތަކަށް ވާކަށް ބޭނުމެއް ނޫން. އެހެންވީމާ ފަހަރަކު ކަމެއް ކުރަމުން ގޮސް އަޅުގަނޑު ވީ ވައުދާ އެއްގޮތަށް 20ރ. އާ ހަމައަށް ވެސް ކަޅުބިލަމަހުގެ އަގު ގެންދިއުމުގެ މަސައްކަތް މިކުރަނީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެފައި ވަނީ ބޮޑުކަންނެލި ޕްރޮސެސް ކުރުމަށް ހުޅުމާލޭގައި ގާއިމްކުރާ ފެސިލިޓީގެ މަސައްކަތް އަންނަ ޖެނުއަރީ މަހު ފަށައި ހަ މަސްތެރޭގައި ނިންމައިލެވޭނެ ކަމަށެވެ.

މަސްވެރިންގެ ދުވަަސް ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ބައިވެރިވި ބައެއް މަސްވެރިން.---ފޮޓޯ: ރައީސް އޮފީސް

މަސްވެރިންގެ ދުވަަސް ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ބައިވެރިވި ބައެއް މަސްވެރިން.---ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ، މަސްވެރިކަމަކީ އެ މަނިކުފާނު އެންމެ އިސްކަން ދެއްވާ ސިނާއަތު ކަމަށާއި އެހެންވެ، ބޮޑުކަންނެލީގެ މަސްވެރިންގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ، މަސްވެރިކަން ކުރިއެރުވުމަކީ ވަރަށް ބޮޑު ގައުމީ މަސައްކަތެއް ކަމަށާއި އެއީ އަމިއްލަ ފަރުދުންނާއި އާއިލާތަކާއި ރަށް އަދި މުޅި ރާއްޖޭގެ ވެސް ތަރައްގީއާ ގުޅިފައިވާ ކަމެއް ކަމަށެވެ.

"އެ ކަންކަން ކުރުމުގައި އަޅުގަނޑުމެން މަސައްކަތް މި ކުރަނީ ސީދާ މަސްވެރިންނާ ގާތުން. ސީދާ މިކަމުގައި އުޅޭ ފަރާތްތަކާ ގާތުން. އެހެންވީމާ މި ކަމުގައި ހުރިހާ ފަރާތްތަކުން އަޅުގަނޑުމެންނާ އެކީގައި ފުރިހަމަ އަށް އެއްބާރުލުން ދެއްވައިގެން މަސައްކަތް ކުރުމަކީ އަޅުގަނޑު ޔަގީންކުރާ ކަމެއް،" ރައީސް ވިދާޅުވި އެވެ.