Roadha Mihaaru

"މާސްޓާ ފުޑްސް" ބްރޭންޑުގެ ސޯސްއެއް ކެއްކުމަށް ބޭނުން ނުކުރަން އަންގައިފި

"މާސްޓަ ފުޑްސް" ބްރޭންޑުގެ ކްރީމީ ޗިކަން އެންޑް މަޝްރޫމް ކުކިން ސޯސް ރާއްޖެ އެތެރެ ކުރުމާއި ނުވިއްކުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފި އެވެ.

މާސްޓާފުޑްސްގެ ސޯސްއެއް ބޭނުން ނުކުރަން އަންގައިފި
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

06 މާޗް 2025

"މާސްޓަ ފުޑްސް" ބްރޭންޑުގެ ކްރީމީ ޗިކަން އެންޑް މަޝްރޫމް ކުކިން ސޯސް ރާއްޖެ އެތެރެ ކުރުމާއި ނުވިއްކުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފި އެވެ.

އެ އިދާރާ އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ، އޮސްޓްރޭލިއާގެ ކުންފުންޏެއް ކަމަށްވާ "މާސް އޮސްޓްރޭލިއާ ޕްރައިވެޓް ލިމިޓެޑް" އިން ތައްޔާރު ކޮށްފައިވާ ސޯސް ތައްޔާރު ކޮށްފައިވާ ބާވާތްތަކުގެ ތެރޭހައި ބިސް ހިމެނޭ ކަމަށެވެ.

ނަމަވެސް އޭގެ ލޭބަލްގައި އެލާޖެންގެ މައުލޫމާތު ހިމަނާފައި ނުވާތީ އެ ސޯސް އުފެއްދި ކުންފުނިން އޭގެ ބެޗުތައް ބާޒާރުން ނެގުމަށް އަންގާފައިވާ ކަމަށް ބުންޏެވެ.

ރާއްޖެއަށް ވެސް އެ ސޯސް އެތެރެ ވެފައިވާ ކަމުގެ މައުލޫމާތު ޑަބްލިޔުއެޗްއޯ އިން އިންޓަނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީޒް ނެޓްވޯކު މެދުވެރިކޮށް ވެސް އެމްއެފްޑީއޭއަށް އަންގާފައިވާ އެ އިދާރާގެ ބަޔާނުގައި ވެ އެވެ.

ފުޅީގެ ލޭބަލްގައި އެލާޖެންގެ މައުލޫމާތު ހިމަނާފައި ނުވުމަކީ އެ އުފެއްދުން ބޭނުންކުރާ މީހުންގެ ސިއްހަތަށް ނުރައްކަލެއް ދިމާވެދާނެ ފަދަ ކަމެއް މެދުވެރިވުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް ފުޑް ސޭފްޓީ އޮތޯރިޓީޒް ނެޓްވޯކުން އެމްއެފްޑީއޭ އަށް އަންގާފައިވާ ކަމަށް ވެސް ބުންޏެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ސޯސް ރާއްޖެ އެތެރެ ނުކުރުމަށާއި ރާއްޖޭގައި ނުވިއްކުމަށް އެ އިދާރާ އިން އެންގީ އެހެންވެ އެވެ.

މިހާރު ދައުރުވަމުންދާ ބެޗުގެ މުއްދަތު ހަމަވާ ތާރީހުތަކަކީ:

1. 17/11/2025

2. 22/12/2025

3. 16/02/2026

4. 20/04/2026

5. 15/06/2026

ހަތަރުސަތޭކަ ނުވަދިހަ ގުރާމު ހުންނަ އެ ފުޅީގެ ލޭބަލްގައިވާ ބާކޯޑަކީ 9310012042006 އެވެ.