އެޓެންޝަން ޑެފިސިޓް/ހައިޕައެކްޓިވިޓީ ޑިސްއޯޑާ ނުވަތަ އޭޑީއެޗްޑީ ހުންނަ ކުދިންނަށް ދޭ ބޭހެއް، މަސްތުވާތަކެތީގެ ބާވަތެއް ކަމަށް ގާނޫނުގައި ކަނޑައަޅާފައިވާތީ ރާއްޖެ އެތެރެ ނުކުރެވޭ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފި އެވެ.
18 އޯގަސްޓް 2025
އެޓެންޝަން ޑެފިސިޓް/ހައިޕައެކްޓިވިޓީ ޑިސްއޯޑާ ނުވަތަ އޭޑީއެޗްޑީ ހުންނަ ކުދިންނަށް ދޭ ބޭހެއް، މަސްތުވާތަކެތީގެ ބާވަތެއް ކަމަށް ގާނޫނުގައި ކަނޑައަޅާފައިވާތީ ރާއްޖެ އެތެރެ ނުކުރެވޭ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފި އެވެ.
މި ބޭސް ނުލިބުމުގެ ކަންބޮޑުވުމަށް ހައްލު ހޯދަން މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހެލްތު މިނިސްޓްރީ އާއި އެމްއެފްޑީއޭގެ ބޭފުޅުން މިއަދު ވަނީ ހާޒިރުކޮށްފަ އެވެ. އެ ކޮމިޓީގައި، މަޑަވެލި ދާއިރާގެ މެމްބަރު މުހައްމަދު ޝަމީޒް ވަނީ، އެ ބޭހުގެ މައްސަލަ ފާހަގަކުރައްވައި، ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ބޭސް ފަރުވާގެ ނިޒާމަށް އިހުމާލުވަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް ވިދާޅުވެފަ އެވެ.
އޭނާގެ ސުވާލަށް ޖަވާބު ދެއްވަމުން އެމްއެފްޑީއޭގެ ސީނިއާ ފާމަސިސްޓް އައިޝަތު ޖަލީލާ ވިދާޅުވީ އޭޑީއެޗްޑީ ހުންނަ ކުދިން ބޭނުންކުރާ މިތައިލްފެނިޑޭޓް ރާއްޖެ އިން ނުލިބޭ މައްސަލައެއް ފާހަގަވުމުން، އެ ބޭސް ލިބޭނެ ގޮތެއް ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އޭޑީއެޗްޑީ ކުދިން ބޭނުންކުރާ މިތައިލްފެނިޑޭޓް ނުލިބުމުގެ ޝަކުވާ ވަރަށް ބޮޑަށް އޮތް ކަމަށާއި ޑޮކްޓަރުން ވެސް އެ ޝަކުވާ ކުރައްވާ ކަމަށް ޖަލީލާ ވެސް ވިދާޅުވި އެވެ. ޑޮކްޓަރުން އެ ބޭސް ލިޔެދިނަސް މައްސަލަ ދިމާވަނީ، ރާއްޖެއަށް ބޭސް އެތެރެކުރުމާ ހިސާބުން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިތައިލްފެނިޑޭޓް އަކީ އޭޑީއެޗްޑީގެ ފަސްޓްލައިން ޓްރިޓްމެންޓެއްގެ ގޮތުގައި ބޭނުންކުރަން ސައިންޓިފިކަލީ ޕްރޫވެން، ރަނގަޅު ބޭހެއް. އެކަމަކު ރާއްޖޭގައި މިވަގުތު މި ބޭސް ބަލި މީހުންނަށް ލިބުމުގައި އޮތް ދަތިކަމަކީ މަސްތުވާތަކެތީގެ ގާނޫނުގެ ޖަދުވަލު އެކެއްގައި އަދި ޖަދުވަލު ދޭއްގައި ވެސް މި ބޭސް ހިމެނޭ،" އޭނާ ވިދާޅުވި އެވެ.
"ދެ ޖަދުވަލެއްގައި މި ބޭސް ހިމަނައި، ރާއްޖެއަށް އިމްޕޯޓު ކުރުމުގައި އިންޓަނޭޝަނަލީ ވެސް ކޮންޓްރޯލް ކޮށްފައިވާ މޮލިކިޔުލް އެއް. [މައްސަލަ ދިމާވެގެން އުޅެނީ ބޭސް] އެތެރެކުރަން ބޭނުންވާ ހުއްދަތައް ލިބުމުގައި ދަތިތަކެއް ދިމާވެގެން."
މަސްތުވާތަކެތީގެ ގާނޫނުގެ ޖަދުވަލު އެކެއްގައި އެ ބޭސް ހިމަނާފައި ވަނީ ރާއްޖެއަށް އެތެރެކުރުން މަނާ ތަކެތީގެ ލިސްޓުގަ އެވެ. ޖަދުވަލު ދޭއްގައި ހިމަނާފައި ވަނީ ބޭހުގެ ގޮތުގައި ބޭނުން ކުރެވޭ މަސްތުވާތަކެތީގެ ތެރޭގަ އެވެ.
ޖަލީލާ ވިދާޅުވި ގޮތުގައި މި ބޭސް އެތެރެ ނުކުރެވޭ މައްސަލަ ދިމާވުމުން، މަސްތުވާތަކެތީގެ ގާނޫނު އިސްލާހްކުރަން އެމްއެފްޑީއޭ އިން ވާނީ ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ގާނޫނުގެ ޖަދުވަލު އެކަކުން އެ ބޭހުގެ ނަން އުނިކޮށް، ހަމަ އެކަނި ޖަދުވަލު ދެއަކަށް ބަދަލުކޮށްދޭން މިދިޔ ޖުލައި 13، 2025 ގައި މަޖިލީހުގައި ވެސް އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ބޭހަކީ ކްރިޓިކަލީ ވަރަށް މުހިންމު ބޭހެއްކަން ފާހަގަ ކުރައްވައި ޖަލީލާ ވިދާޅުވީ ރާއްޖޭގެ އެސެންޝަލް މެޑިކަލް ލިސްޓުގައި ވެސް ހިމަނާފައިވާނެ ކަމަށެވެ.
ޖަލީލާ ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ބޭނުންވާ ސައިކޭޓްރިކް އެހެން ބައެއް ބޭސްތަކެއް ވެސް ނުލިބޭ މައްސަލަ ފާހަގަވެފައިވާ ކަމަށެވެ. އެ ބޭސްތައް ވެސް ރާއްޖެ އެތެރެކޮށް ބަލި މީހުންނަށް ފަސޭހަ އިން ލިބޭނެ ގޮތް ހަމަޖައްސަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
އިތުރު ގަޑީގެ ފައިސާ އުނި ނުކުރަން ގޮވާލައިފި
ހުޅުމާލެ ހޮސްޕިޓަލުގެ ހިދުމަތާ ގުޅޭ ކުއްލި މައްސަލައެއް
ގޭހަށްދޭ އިންޖެކްޝަނެއްގައި މައްސަލަ ހުރުމުން މަނާކޮށްފި
މާސްޓާފުޑްސްގެ ސޯސްއެއް ބޭނުން ނުކުރަން އަންގައިފި
ކާބޯތަކެތީގެ އިޝްތިހާރުކަމަށް ބަލާނެގޮތް ސާފުކޮށްްދީފި
ކާބޯތަކެތި ވިއްކާ ތަންތަނުގެ ބޮޑު އިންސްޕެކްޝަނެއް
މެންބަރުން ބޭސްފަރުވާ ހޯދުމުގައި ދަތިވާތީ ކަންބޮޑުވުން!
އެމްއެފްޑީއޭގައި ޑީޖީއެއް ނެތި ހަ އަހަރު
ކެއިންބުއިމުގެ ގޯސް އާދަތައް؛ މި ތިބީ ނުރައްކަލުގައި
އާސަންދައިން ބޭސް ނުލިބޭ ނަމަ ރިޕޯޓުކުރަން އެދިއްޖެ