Roadha Mihaaru
"ދީބާޖާ މައްސަލާގައި ނުރަނގަޅު ކަންތައްތަކެއް ހިނގި"

ދީބާޖާ މައްސަލާގައި ނުރަނގަޅު ކަންތައްތަކެއް ހިނގާތީ އޭޖީގެ ސަމާލުކަމަށް ގެނައިން: އުޝާމް

20 އެޕްރީލް 2019

އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ހަވާލުކުރި ދީބާޖާ އިންވެސްޓްމަންޓުން ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް ހުށަހެޅި މައްސަލައިގައި ނުރަނގަޅު ކަންތައްތަކެއް އުޅޭކަން ފާހަގަކުރެވިގެން، ހުކުމް ކުރުމުގެ ކުރިން މިހާރުގެ އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތުގެ ސަމާލުކަމަށް އެކަން ގެނެސްފައިވާނެ ކަމަށް ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހްމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ހަވާލުކުރި ދީބާޖާ އިންވެސްޓްމަންޓުން ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް ހުށަހެޅި މައްސަލައިގައި ނުރަނގަޅު ކަންތައްތަކެއް އުޅޭކަން ފާހަގަކުރެވިގެން، ހުކުމް ކުރުމުގެ ކުރިން މިހާރުގެ އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތުގެ ސަމާލުކަމަށް އެކަން ގެނެސްފައިވާނެ ކަމަށް ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހްމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

ދީބާޖާ އިންވެސްޓްމަންޓާ އެކު ހެދި އެއްބަސްވުން ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ބާތިލްކުރި މައްސަލައިގައި ދައުލަތުން ދީބާޖާ އަށް 348 މިލިއަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ދަށު ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ދަމަހައްޓައިފަ އެވެ.

އެމްޑީޕީގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާ އެކު ސަރުކާރުން 2010 ގައި ސޮއިކުރި އެއްބަސްވުން ވަހީދުގެ ސަރުކާރުން ބާތިލްކުރީ މެއި 2013 ގަ އެވެ. އެ މައްސަލައިގައި ގެއްލުމުގެ ބަދަލަށް 2.4 ބިލިއަން ރުފިޔާ ހޯދަން ދީބާޖާ އިން ސިވިލް ކޯޓުގައި ދައުވާ ކުރުމުން އެ ކޯޓުން 2014 ގައި ހުކުމްކުރީ ދައުލަތުން ދީބާޖާ އަށް 348 މިލިއަން ރުފިޔާ ދެއްކުމަށެވެ. ނަމަވެސް ހައި ކޯޓުން ނިންމީ އެ ފައިސާ ދޭން ނުޖެހޭނެ ކަމަށެވެ.

"މިހާރު" އަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު 2010 ވަނަ އަހަރު ރަޖިސްޓްރީކޮށްފައިވާ އެ ކުންފުނީގެ ހިއްސާދާރުންނަކީ ރެޒޮނެންސް އިންވެސްޓްމަންޓާއި މިލަމާފާ އިންވެސްޓްމަންޓާއި މުހައްމަދު ސައީދު ކިޔާ މީހެކެވެ.

އާއްމު އިންތިޚާބުގައި ވިލިމާލެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައިވާ އުޝާމް "މިހާރު" އަށް ވިދާޅުވީ މިދިޔަ ޑިސެމްބަރު މަހު އޭރު ސިވިލް ކޯޓުގެ ގާޒީިއެއް އޭނާ އަށް ގުޅުއްވައި އެ މައްސަލައާ ގުޅޭ މައުލޫމާތު ހޯދަން ސުވާލުކުރެއްވި ކަމަށެވެ. އެ ގާޒީގެ ވާހަކަތައް ހުރިގޮތުން އެއީ ނުރަނގަޅު ކަމެއްކަން ފާހަގަ ކުރެވިގެން އެޓާނީ ޖެނެރަލާ އޭރު އެ ވާހަކަ ހިއްސާ ކުރައްވާފައިވާނެ ކަމަށް އުޝާމް ވިދާޅުވި އެވެ.

އުޝާމްގެ ޓުވީޓު

"އަޅުގަނޑު ދެންނެވިން އެ ގާޒީއަށް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ އެ މައްސަލައާ ގުޅޭގޮތުން ސިވިލް ކޯޓުގެ ގާޒީއެއް ބަލަން ޖެހޭ ކަންކަން ހުންނާނެ ކަމަށް ގަބޫލު ނުކުރެވެއޭ. އެހެންވެ އެކަމުގައި ނުރަނގަޅު ކަންތައްތަކެއް އުޅޭތީ އެކަން އޭޖީއަށް ދެންނެވިން،" ދައުލަތުން ދީބާޖާ އަށް 348 މިލިއަން ރުފިޔާ ދައްކަން ޖެހުނު މައްސަލައިގައި ކުރެއްވި ޓުވީޓާ ގުޅިގެން އިތުރު ތަފްސީލް ދެއްވަމުން އުޝާމް ވިދާޅުވި އެވެ.

މިކަމާ ބެހޭ ގޮތުން ބަންޑާރަ ނައިބުގެ ބަހެއް ނުލިބުނެވެ.

ސިވިލް ކޯޓުގެ އެ ގާޒީ އަކީ ދީބާޖާގެ ފަރާތުން އެ މައްސަލަ ފުރަތަމަ ކޯޓަށް ހުށަހެޅި އިރު އެ ކުންފުނީގެ ވަކީލެއް ކަމަށްވެ އެވެ. އަދި އޭނާ މިހާރު ވަނީ ގާޒީކަމުން އިސްތިއުފާ ވެސް ދެއްވައިފަ އެވެ. ނަމަވެސް ފަހުން އެ މައްސަލާގައި ދީބާޖާގެ ފަރާތުން ކޯޓަށް ވަޑައިގަތީ ވަކީލް ނޫރުއްސަލާމް އަބޫބަކުރާއި މަހްފޫޒް ސައީދެވެ.

ދީބާޖާ މައްސަލަ އަކީ ދައުލަތަށް ބޮޑު ބުރައެއް އުފުލަން ޖެހޭ ކަމަކަށް ވާއިރު ސުޕްރީމް ކޯޓުން އެ މައްސަލަ ރިވިއު ކުރަން ޖެހޭ ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.

"މީގެ ކުރިންވެސް ސުޕްރީމް ކޯޓުން އެބަހުރި އެ ކޯޓުގެ ނިންމުންތައް ރިވިއު ކޮށްފައި. މިއީ ވެސް އެގޮތަށް ބަލަންޖެހޭ މައްސަލައެއް. އެވަރުގެ ބަދަލެއް ދޭން ޖެހޭތޯ ބަލަންޖެހޭ،" އުޝާމް ވިދާޅުވި އެވެ.

ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވެސް ރޭ ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުގެ ހުކުމް އެ ކޯޓުން އަލުން މުރާޖައާ ކުރަންޖެހޭ ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ރިޔާސަތު ބެލެހެއްޓެވި އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދެވެ.

ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން އެމްޑީޕީގެ ވެރިކަމުގައި ހަތް ޕްރޮވިންސެއްގައި ފެރީގެ ޚިދުމަތް ދިނުމަށް އެކި ކުންފުނިތަކާ ސަރުކާރުން ހަވާލުކުރި އެވެ. އެކަމަކު ފަހުން ވަހީދުގެ ސަރުކާރުން ވަނީ އޭގެ ތެރެއިން ގިނަ އެއްބަސްވުންތަކެއް ބާތިލްކޮށްފަ އެވެ.