Roadha Mihaaru

ހާހެއްހާ މީހުންގެ މަރަށް ފަހު ސީރިއާގެ ލީޑަރު އެއްބައިވަންތަކަމަށް ގޮވާލައްވައިފި

ސީރިއާގެ ސަލާމަތީ ބާރުތަކާއި ކުރީގެ ސަރުކާރަށް ވަފާތެރިންނާ ދެމެދު އެތައް ދުވަހެއް ވަންދެން ހިނގި ހަމަނުޖެހުންތަކުގައި އަލަވީންގެ ގިނަ ބަޔަކު ހިމެނޭހެން 1،000 އަށް ވުރެ ގިނަ މީހުން މަރުވެފައި ވަނިކޮށް ގައުމީ އެއްބައިވަންތަ ކަމަސް އެ ގައުމުގެ ލީޑަރު އަހުމަދު އަލް ޝަރާ ގޮވާލައްވައިފި އެވެ.

ސީރިއާގެ ހަމަނުޖެހުންތަކުގައި ހާހެއްހާ މީހުން މަރު

ސީރިއާގެ ސަލާމަތީ ބާރުތަކާއި ކުރީގެ ސަރުކާރަށް ވަފާތެރިންނާ ދެމެދު އެތައް ދުވަހެއް ވަންދެން ހިނގި ހަމަނުޖެހުންތަކުގައި އަލަވީންގެ ގިނަ ބަޔަކު ހިމެނޭހެން 1،000 އަށް ވުރެ ގިނަ މީހުން މަރުވެފައި ވަނިކޮށް ގައުމީ އެއްބައިވަންތަ ކަމަސް އެ ގައުމުގެ ލީޑަރު އަހުމަދު އަލް ޝަރާ ގޮވާލައްވައިފި އެވެ.

"ގައުމީ އެއްބައިވަންތަކަން (އަދި) މަދަނީ ހަމަޖެހުން ވީހާ ވެސް ބޮޑަށް ދަމަހައްޓަން ޖެހޭ. އިރާދަކުރެއްވިއްޔާ މި ގައުމުގައި އެންމެންނަށް އެކުވެރިކަމުގައި އުޅެވޭނެ،" ދިމިޝްގުގެ އަވަށެއްގެ މިސްކިތެއްގައި ދެއްވި ތަގުރީރުގައި ޝަރާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިސްކިތްތަކުން ދަރިންނަށް އަހްލާގު ދަސްކޮށްދީ އަދި މީހުންގެ މެދުގައި އަދުލުވެރިކަން ގާއިމުކުރެވިއްޖެ ނަމަ ސީރިޔާއަށް އެއްވެސް ބިރެއް ނެތް ކަމަށެވެ.

ސީރިއާގެ މެޑިޓެރޭނިއަން އައްސޭރިފަށުގެ ޕްރޮވިންސްތައް ކަމަށްވާ ލަޓާކިއާ އާއި ޓާޓަސްގައި ހަމަނުޖެހުން ހިނގަމުން ދާއިރު މިއީ ވެރިކަމުން ދުރުކުރި ބައްޝާރުލް އަސަދާއި އޭނާގެ އާއިލާ ނިސްބަތްވާ އަލަވީ ފިރުގާގެ މީހުންގެ މައި މަރުކަޒެވެ. ބައި މަދު މި ފިރުގާގެ މީހުންގެ ތެރެއިން ބަޔަކު އާ ސަރުކާރާ ދެކޮޅަށް ހަތިޔާރު ނެގުމާ އެކު ފެށިފައިވާ ކުރިމަތިލުންތަކަކީ މިދިޔަ ޑިސެމްބަރު މަހު ވެރިކަން ވައްޓާލި ޝަރާގެ ފައުޖުތަކަށް އޭގެ ފަހުން ކުރިމަތިވި ގޮންޖެހުމެވެ.

ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނި ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި ނުރައްކާތެރި ހަމަނުޖެހުންތައް ފެށުނު ފަހުން ލަޓާކިއާ އާއި ޓާޓަސްގައި މިހާތަނަށް އަލަވީ އާންމުންގެ 745 މީހުން ވަނީ މަރުވެފަ އެވެ.

އޮބްޒަވޭޓަރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި ކުރިމަތިލުންތަކުގައި އާ ސަރުކާރުގެ ސަލާމަތީ ބާރުތަކުގެ 125 މީހުންނާއި ބައްޝާރަށް ތާއީދުކުރާ 148 ހަނގުރާމަވެރިން މަރުވެފައިވާއިރު ޖުމްލަ އަދަދު ވަނީ 1،018 އަށް އަރައިފަ އެވެ.

ސީިރިއާގައި 13 އަހަރަށް ވުރެ ގިނަ ދުވަސްވީ ދާހިލީ ހަނގުރާމައަށް ފަހު ސަލާމަތީ ކަންކަން އަލުން އިއާދަކުރުމަކީ އާ ސަރުކާރަށް އޮތް ވަރަށް ބޮޑު ގޮންޖެހުމަކަށް ވަނީ ވެފަ އެވެ. ޝަރާ ވަނީ މައިނޯރިޓީންގެ ހައްގުތައް ހިމާޔަތްކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. -- އޭއެފްޕީ