ރާއްޖޭގެ ފިސްކަލް ހާލަތު ގޯސްވާކަން އެންމެންނަށް ވެސް އެނގެ އެވެ. ޒަމާނުއްސުރެ ކުރިމަތިވެފައިވާ އިގުތިސާދީ ހާލަތުން އަރައިގަނެވޭނެ މަގެއް ނުހޯދި ބުރަ ބޮޑުވުން ނޫން ކަމެއް ނުފެނެ އެވެ. އެ ވާހަކަތައް ދައްކަދައްކައި ތިއްބާ އިވުނީ މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ބިމެއް ގަނެގެން ފައިސާގެ މުއާމަލާތްތަކެއް ހިންގާ ވާހަކަ އެވެ. މިއީ ދައުލަތަށް ބުރައަކަށް ވާނެ ކަމަށް އިގުތިސާދީ ދާއިރާގެ ގިނަ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
11 މާޗް 2025
ރާއްޖޭގެ ފިސްކަލް ހާލަތު ގޯސްވާކަން އެންމެންނަށް ވެސް އެނގެ އެވެ. ޒަމާނުއްސުރެ ކުރިމަތިވެފައިވާ އިގުތިސާދީ ހާލަތުން އަރައިގަނެވޭނެ މަގެއް ނުހޯދި ބުރަ ބޮޑުވުން ނޫން ކަމެއް ނުފެނެ އެވެ. އެ ވާހަކަތައް ދައްކަދައްކައި ތިއްބާ އިވުނީ މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ބިމެއް ގަނެގެން ފައިސާގެ މުއާމަލާތްތަކެއް ހިންގާ ވާހަކަ އެވެ. މިއީ ދައުލަތަށް ބުރައަކަށް ވާނެ ކަމަށް އިގުތިސާދީ ދާއިރާގެ ގިނަ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
މިއީ އެމްއެމްއޭ އަށް ބޭނުންތެރި ބިމެއް ހެއްޔެވެ؟ އެ ބިން ގަނެގެން، އެ ފައިސާ ދާނީ ކޮންތާކަށް ހެއްޔެވެ؟ ނޫނީ މިއީ ވެސް ފައިސާ ޗާޕުކުރުން ފަދަ މުއާމަލާތެއް ހެއްޔެވެ؟ އެ ނިންމުމާ ގުޅޭ އެއްވެސް މައުލޫމާތެއް އެމްއެމްއޭ އިން އަދި ދައުލަތުގެ އެއްވެސް އިދާރާއަކުން މިހާތަނަށް ހާމަނުކުރާތީ މިއީ އަދި ޖަވާބެއް ނެތް ސުވާލުތަކެކެވެ.
އިގުތިސާދީ ދާއިރާގެ ތަޖުރިބާކާރުން އެކި ކަންކަމުގައި އެކި ގޮތްގޮތަށް އެ މީހުންގެ ހިޔާލު ފާޅުކުރި ނަމަވެސް މި ކަމާ ގުޅޭ ގޮތުން ސުވާލު ކުރި ހުރިހާ ބޭފުޅުން ވެސް އެއްކަމަކަށް އެއްބަސްވެވަޑައިގަންނަވަ އެވެ. އިގްތިސާދަށް އިތުރަށް ވައްދާ ފައިސާއަކީ ފައިސާ ޗާޕުކުރުން ކަމަށެވެ. އެކަމުގައި ބޭނުންކުރާ "ޓެކްނިކަލް ޓާމް" ނުވަތަ އެކަން ކުރާ އުކުޅު ތަފާތު ނަމަވެސް ކުރިމަތިވަނީ އެެއް ނަތީޖާއެކެވެ. އެއީ އިގްތިސާދުގައި ފައިސާ އިތުރުވުމެވެ. އޭގެ ނޭދެވޭ އަސަރު އެކި ގޮތްގޮތަށް ކުރާނެ ކަމަށް ގިނަ ބޭފުޅުން ވިދާޅުވެ އެވެ.
އެމްއެމްއޭގެ ބޯޑުން މިހާރު ވަނީ ހުޅުމާލެ އިން ބިމެއް ގަތުމުގެ މުއާމަލާތް ކުރިއަށް ގެންދަން ފާސްކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި 11 ބިލިއަނެއްހާ ރުފިޔާ އަށް އެމްއެމްއޭ އަށް އެޗްޑީސީން ބިމެއް ގަތުމަށް ވަނީ ނިންމައިފަ އެވެ. އެ ނިންމުމާ ގުޅޭ އެއްވެސް ކަމެއްގައި އެމްއެމްއޭ އިން އަދި މީޑިއާއާ ވާހަކަ ނުދައްކާތީ ބިން ގަންނަން ކަނޑައަޅާފައިވާ އަދަދު މުޅިން ސާފެއް ނޫނެވެ. އެކަން ކޮށްފި ނަމަ، ވާނީ ހަމައެއްގޮތެވެ. އެއީ އެއް ބިލިއަން ރުފިޔާ ވިޔަސް 15 ބިލިއަން ރުފިޔާ ވިޔަސް އިތުރަށް ނެރޭ ފައިސާ އިން އިގްތިސާދު ހިނގަމުން އަންނަ ގޮތަށް "އިންޓަރަޕްޝަން" އެއް އައުމެވެ.
ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ދަށުން މަރުކަޒީ ބޭންކުން ސަރުކާރަށް އެންމެ ގިނަވެގެން ނެގޭނީ އެ އަހަރެއްގެ އާމްދަނީގެ 2.5 ޕަސެންޓަށްވާ އަދަދެވެ. މިދިޔަ އަހަރުގެ ޖޫން މަހު އެ އިސްލާހު ގެނައުމުގެ ކުރިން ޕަބްލިކް އެކައުންޓުން ނެގެނީ އާމްދަނީގެ އެއް ޕަސެންޓަށްވުރެ ބޮޑު ނޫން އަދަދެކެވެ. އެއީ މިއަހަރުގެ ލިބޭނެ ކަމަށް ލަފާކުރާ 39 ބިލިއަން ރުފިޔާގެ ރޭޓުން ބަލާ ނަމަ، ގިނަވެގެން 950 މިލިއަން ރުފިޔާ އެވެ. އެހެންވެ، މިއީ ފައިސާ ޗާޕުކުރުން ކަމަށް ބަލައިފި ނަމަ ގާނޫނުގައި ހުއްދަކުރާ އަދަދަށްވުރެ މިއީ މާ ބޮޑު އަދަދެކެވެ.
ކޮވިޑުގެ ދުވަސްވަރު، 2020 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރު ނިމެންދެން ވެސް ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ ދަށުން ފައިސާ ޗާޕުކުރާ ލިމިޓު އޮތީ ހައްދެއް ނެތި ދޫކޮށްލައިފަ އެވެ. އެ ގާނޫނުގެ 32 ވަނަ މާއްދާގެ ހ. ސަސްޕެންޑު ކުރުމަށް ފަހު ވޭތުވެދިޔަ ތިން އަހަރު ސަރުކާރުން ވަނީ 8 ބިލިއަން ރުފިޔާ ޗާޕު ކޮށްފަ އެވެ.
އެޗްޑީސީން ބިމެއް ގަންނަން އެ އަދަދު ހޭދަކުރިއަސް އެ ވާނީ ފައިސާ ޗާޕު ކުރުމަށް. ސަބަބަކީ އެމްއެމްއޭ އިން މި ހޭދަކުރަނީ އެ ތަނުގައި ނެތް ފައިސާ. އެއިން ކުރިމަތީ ވާނީ ހަމަ އެއް އިމްޕެކްޓެއް. އިގްތިސާދުގައި ފައިސާ އިތުރު ވުމުން ކުރިމަތިވާ ދަތިތައް
މިކަމާ ގުޅޭ ގޮތުން އިގްތިސާދީ މާހިރަކު ވިދާޅުވީ، އެމްއެމްއޭގެ ބެލެންސް ޝީޓުން ފައިނޭންސް ކުރެވޭނީ އެންމެ ގިނަވެގެން 1.4 ބިލިއަން ރުފިޔާ އަށް ކަމަށާއި އިތުރަށް ހޯދާ ފައިސާ އަކީ، އެ ބޭންކުގެ ކެފޭސިޓީގައި ނެތް، "ޗާޕު" ކުރާ ފައިސާ ކަމަށެވެ.
"ދިހަައެއް، ބާރަ ބިލިއަން ހޯދޭނެ ކެޕޭސިޓީއެއް ނުހުންނާނެ އެމްއެމްއޭގައި. އެ ވަރުގެ އަދަދަކުން ބިމެއް ގަންނަން ޖެހޭނީ ފައިސާ އިންޖެކްޓުކޮށްގެން. އެ ނޫން ގޮތަކަށް އެކަން ނުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
އެވަރުގެ އަދަދަކުން ބިމެއް ގަނެފި ނަމަ އެމްއެމްއޭގެ ބެލެންސް ޝީޓު ގާތްގަނޑަށް 40 ޕަސެންޓު މަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެ އިތުރުވާ ފައިސާ އަށް އެމްއެމްއޭ އަށް ޖަވާބުދާރީވާނެ އިތުރު ގޮތެއް ނޯންނާނެ ކަމަށް ވެސް "މިހާރު" އާ ވާހަކަ ދެއްކެވި އިގްތިސާދީ ތަޖުރިބާކާރު ވިދާޅުވި އެވެ.
އެމްއެމްއޭ. އެމްއެމްއޭ އިން ވަނީ އެޗްޑީސީއިން ބިމެއް ގަންނަން ނިންމާފައި -- ފޮޓޯ: މިހާރު
"އެޗްޑީސީން ބިމެއް ގަންނަން އެ އަދަދު ހޭދަކުރިއަސް އެ ވާނީ ފައިސާ ޗާޕު ކުރުމަށް. ސަބަބަކީ އެމްއެމްއޭ އިން މި ހޭދަކުރަނީ އެ ތަނުގައި ނެތް ފައިސާ. އެއިން ކުރިމަތިވާނީ ހަމަ އެއް އިމްޕެކްޓެއް، އިގްތިސާދުގައި ފައިސާ އިތުރުވުމުން ކުރިމަތިވާ ދަތިތައް،" އޭނާ ވިދާޅުވި އެވެ.
ސަރުކާރުން ވަނީ މި އަހަރު 18.9 ބިލިއަން ރުފިޔާގެ ފައިނޭންސިން ހޯދުމަށް ޕްލޭން ރާވައިފަ އެވެ. އޭގެ ތެރެއިން ހަތް ބިލިއަން ހޯދަނީ ބަޖެޓު ސަޕޯޓަށެވެ. އަދި ހޯދަން ކަނޑައަޅާފައިވާ ފައިނޭންސިންގެ 65 ޕަސެންޓު ހޯދަނީ ބޭރުންނެވެ. އެ ޕްލޭންގެ ދަށުން ފައިސާ ހޯދުމަށް އެމްއެމްއޭ މެދުވެރިކޮށް އެފަދަ މުއާމަލާތެއް ހިންގާކަށް ބަޖެޓުގައި ހިމަނާފައެއް ނެތެވެ. އެކަމަކު، އެމްއެމްއޭ މެދުވެރިވެ ފައިސާ ހޯދުމުން ފައިނޭންސް ހޯދުމުން އެނގެނީ އުސޫލެއް ނެތުން ކަމަށް "މިހާރު" އާ ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި އެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، އެމްއެމްއޭ މެދުވެރިކޮށް އެފަދަ މުއާމަލާތެއް ކުރާނީ އިތުރު އޮޕްޝަނެއް ނެތުމުންނެވެ.
"ސެންޓްރަލް ބޭންކުން ފައިސާ ބޮރޯކުރަން ޖެހުން އެއީ ސަރުކާރުގެ ފައިނޭންސިން ޕްލޭން ފެއިލް ވުމުން އަންނަ ހާލަތެއް. އެކަން އެހެންވީ ސަރުކާރުގެ މިސްމެނޭޖްމެންޓުން،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ސަރުކާރުން އިތުރަށް އެއް ބިލިއަން ޕްރިންޓް ކުރި ނަމަވެސް އެކަން ކުރަން އެ ޖެހެނީ އަޅަންޖެހޭ ފިޔަވަޅުތައް އެޅުން މާ ބޮޑަށް ލަސްވުމުން ކަމަށެވެ.
ބަޖެޓު ކޮމިޓީގައި މެންބަރަކު ބަޖެޓު ފޮތް ބައްލަވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު
މީގެ ކުރިއަށް ބަލާއިރު، ކުރީގެ ސަރުކާރުން ޕްރިންޓު ކުރަން އެންމެ ފުރަތަމަ ފެށީ އިގްތިސާދީ ގޮތުން ވަރަށް ދަތި ހާލަތެއް ހާލަތު ކުރިމަތިވެގެން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، އޭރު ފައިސާއަށް އޮތް ޑިމާންޑު ވެސް ކުޑައެވެ.
"އެކަމަކު މިހާރު ފައިސާ ޕްރިންޓު ކުރަން ފެށުމުން އަނެއްކާ ވެސް ޖެހޭނީ ޑޮލަރު ފަހާ ދުވަން. އެއީ މިހާރު އެބަ އިކޮނޮމިކް އެކްޓިވިޓީތައް އެބަ ހިނގާތާ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެމްއެމްއޭގެ ގާނޫނުގެ ތެރެއިން ރިއަލް އެސްޓޭޓް ވިޔަފާރި ކުރުމަކީ މެންޑޭޓުން ބޭރުން ހިނގާ ކަމެއް ކަަމަށެވެ.
"މިސާލަކަށް އެ މީހުން ބޭނުންވީ ރިއަލް އެސްޓޭޓް އެސެޓެއް ބެކްކޮށްގެން ކަމެއް ކުރަން. މައްސަލައަކީ ފައިނޭންޝަލް އިންސްޓިޓިއުޓެއްގެ ގޮތުގައި އޮވެ، އެމްއެމްއޭގެ ބެލެންސް ޝީޓުގެ ވަން ތާޑު ވަރުގެ ޕޯޓުފޯލިއޯއެއް [15 ބިލިއަން ނަމަ] އިތުރު ކުރަން އުޅުން،" އޭނާ ވިދާޅުވި އެވެ.
މަނިޓަރީ ފޮސިލީގެ ދަށުން އެމްއެމްއޭ އިން ގެންގުޅޭ ފައިނޭންޝަލް އިންސްޓްރޫމެންޓް ވާން ޖެހޭނީ ފަސޭހައިން ވިއްކާލެވި، މަނީ ސަޕްލައި އިތުރު ކުރަން ޖެހޭ ހާލަތެއްގައި އެކަން ކުރެވޭނެ ފަދަ އިންސްޓްރޫމެންޓަކަށް ކަމަށް އިގުތިސާދީ ތަޖުރިބާކާރުން ވިދާޅުވެ އެވެ. އެކަމަކު ބިމެއް ނުވަތަ އެތަނުގައި ހަދާ އިމާރާތެއް ވިއްކާލުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނެ އެވެ. އެކަން ކުރުމަށް ވަގުތު ނަގާނެ އެވެ. އެހެންވެ، ބިމެއް ގަތުމަކީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށް ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވި އެވެ.
އެހެން ބޭފުޅަކު ވިދާޅުވިގޮތުގައި، އައިއެމްއެފާއި ވޯލްޑް ބޭންކުގެ ރިޕޯޓުގެ އިތުރުން މި އަހަރުގެ ބަޖެޓުގައި ފާހަގަކޮށްފައިވާ ގޮތުން ވެސް ހަރަދުތައް ކުޑަކުރަން ޖެހެ އެވެ. އެކަމަކު ބިމެއް ގަނެއް އެކަން ކޮށްފި ނަމަ އެ އަޅަނީ އެ ރިޕޯޓުތަކާ ހިލާފު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެމްއެމްއޭ ޖަސްޓިފައިކޮށްދޭން ޖެހޭނެ ކީއްވެގެންކަން މިކަން އެ ކުރަނީ. އަޅުގަނޑު ދެކޭގޮތުގައި މިފަދަ ނިންމުމެއް ނިންމާ އިރު މަޖިލީހަށް ވެސް ދާން ޖެހޭނެ. ސްޕެސިފިކްކޮށް ނެތް ލިޔެފައެއް މުދަލެއް ގަންނައިރު މަނީ ކްރިއޭޓު ކޮށްގެން މުއާމަލާތެއް ހިންގާ ނަމަ އަމަލު ކުރަންވީ ގޮތެއް،" ނަން ހާމަކުރަން ބޭނުން ނުވާ އިގުތިސާދީ ތަޖުރިބާކާރު ވިދާޅުވި އެވެ.
"އެކަަމަކު ފިސްކަލް ސްފެއާގެ ތެރެއަށްތާ މި ވަންނަނީ. އެމްއެމްއޭގެ ބޭނުމަކަށް ނޫންތާ ބިން ގަންނަންނީ."
މިދިޔަ އަހަރު ނިމުނު އިރު އިގްތިސާދުގައި ދައުރުވި ފައިސާގެ އަދަދު ހުރީ 59 ބިލިއަން ރުފިޔާގަ އެވެ. އެއީ އޭގެ ކުރީ އަހަރާ ދާދި އެއްވަރެވެ. ނަމަވެސް 2022 ވަނަ އަހަރާ އަޅާ ބަލާ އިރު އެއީ ގާތްގަނޑަކަށް 4.4 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. އެއީ 2021 ވަނަ އަހަރަށް ވުރެ ގާތްގަނޑަކަށް 7.3 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. އެއީ ދައުލަތުން އޯވްޑްރޯ ކުރުން އެންމެ ގަދައަށް އިތުުރު ކުރި ދެ އަހަރެވެ. ދައުރުވާ ފައިސާ ވެސް އިތުރުވީ އެވެ.
އަނެއްކާވެސް އެފަދަ ހާލަތަކަށް ގޮސް، ނެތް ފައިސާއެއް އިންޖެކްޓް ކުރަން ފެށުމުން ދައުރުވާ ފައިސާ އިތުރުވާނެ އެވެ.
ބޭރުގެ މާލީ އިދާރާތަކުން ވެސް އަންގަނީ އިގްތިސާދުގައި މިހާރު ވެސް ދައުރުވާ އެކްސެސް ނުވަތަ އިތުރު ފައިސާ "މޮޕްއަޕް" ކުރުމަށެވެ. އެމްއެމްއޭ އަށް ވެއްދުމަށެވެ. އެކަން ކުރުމުގައި ވެސް އެމްއެމްއޭ އަށް ދަތިތައް ހުރި އިރު އިތުރަށް ޗާޕު ކުރުމުން، އެކްސްޗޭންޖު ރޭޓު ޕްރެޝާ އިތުރުވާނެ ކަމަށް އިގްތިސާދީ ތަޖުރިބާކާރު ވިދާޅުވި އެވެ.
ފައިސާ މާރުކުރުމަށް ބަޔަކު މަޑުކޮށްލައިގެން. އިތުރަށް އިގްތިސާދަށް ފައިސާ ވަދެއްޖެ ނަމަ، ޑޮލަރުގެ އަގު އިތުރަށް އުފުލޭނެ ކަމަށް އިގްތިސާދީ މާހިރުން ފާހަގަކުރޭ -- ފޮޓޯ: ނިޝާން އަލީ / މިހާރު
އިގުތިސާދަށް ކުއްލިއަކަށް ބޮޑު އަދަދެއް އިންޖެކްޓްކޮށްފި ނަމަ ހީނުކުރާ ވަރުގެ އިންފްލޭޝަން ސްޕައިކެއް އުފެދިދާނެ ކަމަށް އެމްއެމްއޭގައި ކުރިން މަސައްކަތް ކުރެއްވި ބޭފުޅަކު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އެމްއެމްއޭ އިން އެއްފަހަރާ 12 ބިލިއަން ރުފިޔާ އިގްތިސާދުގައި ދައުރު ނުކޮށްފާނެ ކަމަށެވެ. އެކަމަކު، މަޑުމަޑުން އިތުރު ކުރަމުން ވެސް އެ ފައިސާ އިގްތިސާދަށް ވައްދަފާނެ ކަމަށް ބެލެވެ އެވެ. އެކަމުން ވެސް އެކްސްޗޭންޖު ރޭޓަށް ޕްރެޝަރު އައިސް ޑޮލަރުގެ އަގު އުފުލުމުގެ ފުރުސަތު އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ވެސް ޑޮލަރުގެ ރޭޓު އެ ހުރީ 19ރ. އާއި 18ރ. އާ ދެމެދުގައި. އެހެންވީމާ، ފައިސާ އިތުރަށް ޗާޕުކޮށް އިގްތިސާދަށް ނެރެއްޖެ ނަމަ އެ އަދަދު އިތުރަށް އުފުލިގެންދާނެ،" އޭނާ ވިދާޅުވި އެވެ.
ބޭރުން ތަކެތި ގެންނަން ހޯދާ ޑޮލަރުގެ އަގު އަނެއްކާ ވެސް އުފުލުމުން، ތަކެތީގެ އަގު ވަރަށް ބޮޑަށް އުފުލިދާނެ ކަމަށް ބެލެވެ އެވެ. ހާއްސަކޮށް ދިވެހިން ބޭނުންކުރާ ކާބޯތަކެތީގެ އަގުތައް އުފުލުމުގެ ފުރުސަތު އެބަ އޮތެވެ. މިދިޔަ ޖެނުއަރީ މަހު ވެސް ކާބޯތަކެތީގެ އިންފްލޭޝަން ހުރީ 8 ޕަސެންޓުގަ އެވެ. އެ އަދަދު އިތުރަށް އުފުލިއްޖެ ނަމަ އާންމުންނަށް އިތުރު ތަކްލީފަކާ ކުރިމަތިލާން ޖެހޭނެ ހާލަތެއް އަތުވެދާނެ ކަމަށް މި އާޓިކަލް އަށް މައުލޫމާތު ހިއްސާކުރެއްވި ބޭފުޅަކު ވިދާޅުވި އެވެ.
ހަރަދު ކުޑަކުރުމަށް ބަޖެޓުގައި ވެސް މުހިއްމު ފިޔަވަޅުތަކެއް އަޅަން ވަނީ ނިންމައިފަ އެވެ. "ހޯމް ގްރޯން ރިފޯމު އެޖެންޑާ" ގެ ތެރެއިން މުހިއްމު ގިނަ ކަންތައް އަދިވެސް ކުރީ ޕާކުކޮށްފަ އެވެ. އެކަންކަން ތަންފީޒު ކުރާނެ ގޮތްތަކެއް އަދިވެސް ރައްޔިތުންނަށް ސާފެއް ނުވެ އެވެ. ސަބްސިޑީ ޓާގެޓު ކުރުމަށް ދެވަނަ ކުއާޓަރަށް ޕްލޭންކޮށްފައި އޮތް އިރު އެކަމުގައި ފިނޭންސް މިނިސްޓްރީން އިތުރު ތަފްސީލުތަކެއް އަދި ހާމައެއް ނުކުރެ އެވެ.
އާސަންދައަށް ގެންނަން ހުރި މުހިއްމު ބަދަލުތަކަށް ވެސް އަމަލު ނުކުރާނެ ކަމަށް ރައީސް ޑރ، މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ. އޭގެ ތެރޭގައި މުއްސަދިންގެ އަތުން އިތުރު ފީއެއް ނެގުމާއި ޕްރައިވެޓް ހޮސްޕިޓަލުތަކަށް ހާއްސަ ޕެކޭޖުތައް ހެދުން ފަދަ ކަންކަން އިއުލާނުކުރުމާ އެކު އައި ޕްރެޝަރާ ހެދި އެކަންކަން އެގޮތަށް ނުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މިއަހަރަށް ހުށަހެޅި ބަޖެޓު ފޮތް. ބަޖެޓު ފޮތުގައި ވަނީ ހަރަދު ކުޑަ ކުރުމަށް މުހިއްމު ފިޔަވަޅުތަކެއް އަޅަން ނިންމާފައި -- ފޮޓޯ: ނިޝާން އަލީ / މިހާރު
އެކަމަކު ރާއްޖޭގެ ކްރެޑިޓް ރޭޓިން ރަނގަޅުކޮށް، ބޭރުން ފައިނޭންސް ހޯދަން ބޭނުން ނަމަ ހަރަދު ކުޑަކުރަން ސީރިއަސް ފިޔަވަޅުތަކެއް އަޅާ މަންޒަރު ރާއްޖޭގެ އިގްތިސާދު ކައިރިން މޮނިޓާ ކުރާ ފަރާތްތަކަށް ފެންނަންޖެހޭ ކަމަށް އިގުތިސާދީ ބޭފުޅުން ވިދާޅުވެ އެވެ.
"އެކަން ނުފެނޭ. ދެން ބޭރުން ފައިސާ ހޯދާނީ ކިހިނެއް؟ އަނެއްކޮޅުން ސުކޫކަށް ފައިނޭންސިން ހޯދަން ޖެހޭ އިރު މި ފެންނަނީ އިތުރު ގޯސްތައް ހަދާ މަންޒަރު. އެހެންވީމަ އެބަ ޖެހޭ، ހަރަދު ކުޑަކުރަން އިއުލާނުކޮށްފައި ހުރި ރިފޯމުތަކަށް އަމަލުކުރަން،" ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވި އެވެ.
ހަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް ނާޅައިފި ނަމަ އަނެއްކާ ވެސް ދެތިން މަހުން ޖެހޭނީ، އެމްއެމްއޭ މެދުވެރިކޮށް އިތުރު ގޮތްތައް ހޯދާ "ކުއިކް ފިކްސިން" ގައި އުޅޭށެވެ. ރިފޯމުގެ ގޮތުގައި މުހިއްމު ފިޔަވަޅުތަކެއް އަޅަން ހުރި އިރު، އެކަންކަން ހާސިލް ނުވެއްޖެ ނަމަ މި އަހަރުގެ ހަރަދުތައް ހަމަޖެއްސޭނެ ގޮތްތައް ވަރަށް ބޮޑަށް ހަނިވާނެ ކަމަށް ބެލެވެ އެވެ.
ޑެފިސިޓް ބޮޑުވެ، ފައިނޭންސިން ހޯދަން ޖެހޭ ވަރު ވެސް އިތުރުވާނެ އެވެ. ހަރަދުތައް ބޮޑުވާއިރު، ހަމައެކަނި އާމްދަނީ އަށް އިތުރުވާ ދެތިން ބިލިއަނުން ގައުމުގެ ފިސްކަލް ހާލަތު ސަލާމަތް ކުރެވޭނެ ގޮތެއް މިހާރަކު ނެތެވެ. އެމްއެމްއޭ މެދުވެރިކޮށް ފައިސާ ހޯދުމަކީ، އިގްތިސާދީ އެންމެ ގޯސް އެއް ފިޔަވަޅު ކަމަށް ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރައްވަ އެވެ. އެހެންވެ، ހަމައެކަނި އޮތީ ވީ އެންމެ އަވަހަކަށް ފިޔަވަޅުތައް އެޅުމެވެ. އިތުރު ގޮތެއް ނެތެވެ.
އާމްދަނީ ދަށަސް، ހަރަދު ކުޑަކޮށްގެން 1.4 ބިލިއަނުން ސާޕްލަސްގައި
"އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރާނެ"
އަންނަ އަހަރު ހަރަދުން 6.6 ބިލިއަން ސަލާމަތް ކުރަނީ
އަހަރު ފެށުނުއިރު އާސަންދައަށް ކުރި ހޭދަ ކުޑައެއް ނުވި
މޫޑީސް އިން ރާއްޖޭގެ ރޭޓިން ދަމަހައްޓައިފި
އިސްލާހީ ފިޔަވަޅުތައް ނާޅައިފިނަމަ ތިން ބިލިއަން އިތުރު
އަންނަ އަހަރުގެ ބަޖެޓާ މެދު ފައްޔާޒުގެ ކަންބޮޑުވުން
ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅު، ހަރަދު ކުޑަވެއްޖެ
"ހާލަތު ރަނގަޅު ކުރަން ފިޔަވަޅުތައް އަވަސް ކުރޭ"
އިސްލާހީ ފިޔަވަޅުތައް ތަންފީޒުކުރަން ވަގުތު ކުޑަތަންވަނީ