Roadha Mihaaru

ޔުނައިޓެޑުން ދުނިޔޭގެ "އެއްވަނަ" ސްޓޭޑިއަމް ހަދަން ތާރީހީ އޯލްޑް ޓްރެފޯޑް ތަޅާލަނީ

މެންޗެސްޓާ ޔުނައިޓެޑުން "ދުނިޔޭގެ އެއްވަނަ" ސްޓޭޑިއަމް އިމާރާތް ކުރަން، އެ ކްލަބްގެ ތާރީހީ އޯލްޑް ޓްރެފޯޑް ތަޅާލަން ނިންމައިފި އެވެ.

ޔުނައިޓެޑްގެ އާ ސްޓޭޑިއަމް ހަދަން ޓްރެފޯޑް ތަޅާލަނީ
ހުސެއިން ހަބީބް
ހުސެއިން ހަބީބް

11 މާޗް 2025

މެންޗެސްޓާ ޔުނައިޓެޑުން "ދުނިޔޭގެ އެއްވަނަ" ސްޓޭޑިއަމް އިމާރާތް ކުރަން، އެ ކްލަބްގެ ތާރީހީ އޯލްޑް ޓްރެފޯޑް ތަޅާލަން ނިންމައިފި އެވެ.

އިނގިރޭސި ފުޓްބޯޅައިގެ އެންމެ ކާމިޔާބު ކްލަބުން، އެ ޓީމުގެ ހޯމް ދަނޑގެ ގޮތުގައި އޯލްޑް ޓްރެފޯޑް ބޭނުންކުރަމުންދާތާ 115 އަހަރު ވެއްޖެ އެވެ. އިނގިރޭސި އެންމެ މަތީ ލީގު 20 ފަހަރު ހޯދި ކްލަބުން އެ ތާރީ ސްޓޭޑިއަމް ބޭނުން ކުރަން ފެށީ 1910 ވަނަ އަހަރު އެވެ.

ބައެއް މަރަމާތުތައްކޮށްގެން އެ ސްޓޭޑިއަމްގެ އަސްލު ދެމެހެއްޓިޔަސް ޒަމާނީ ސްޓޭޑިއަމްގެއް ސިފަތައް ދުނިޔޭގެ އެންމެ ބޮޑު އެއް ކަލްބްގެ އަމިއްލަ ދަނޑުގައި ނެތް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

ޔުނައިޓެޑްގެ ކޯ އޯނަރު ޖިމް ރެޓްކްލިފް ވެސް މީގެ ކުރިން ވަނީ ޒަމާނީ ސްޓޭޑިއަމެއް ޔުނައިޓެޑް ކަހަލަ ބޮޑު ކްލަބަކަށް ބޭނުންވާ ކަމަށް ބުނެފަ އެވެ.

ސްޓޭޑިއަމްގެ ކުރެހުންތައް ލޯންޗު ކުރުމަށް ބޭއްވި އިވެންޓްގައި ރެޓްކްލިފް ވިދާޅުވީ ޔުނައިޓެޑުން ބިނާ ކުރާ ސްޓޭޑިއަމް ވެގެންދާނީ ދުނިޔޭގެ އެއްވަނަ ސްޓޭޑިއަމް އަށެވެ.

"މި ސްޓޭޑިއަމް ވެގެންދާނީ ދުނިޔޭގެ އެންމެ ފުރިހަމަ ސްޓޭޑިއަމް އަށް،" ރެޓްކްލިފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޔުނައިޓެޑްގެ އާ ސްޓޭޑިއަމް ވެގެންދާނީ ފްރާންސްގެ ޕެރިހުގައި ހުންނަ އައިފުލް ޓަވަރަށް ދޭ ޖަވާބަކަށް ކަމަށެވެ.

އާ ސްޓޭޑިއަމްގެ ކުރެހުންތަކުން ފެންނަނީ ކުޑަތަކެކެވެ. ރެޓްކްލިފް ވިދާޅުވީ 40 ކިލޯމީޓަރު ދުރުން ޔުނައިޓެޑްގެ އާ ސްޓޭޑިއަމް ފާހަގަ ވާނެ ކަމަށެވެ.

އެ ސްޓޭޑިއަމް އިމަރާތް ކުރަން ދެން ޔުނައިޓެޑުން އޯލްޑް ޓްރެފޯޑް ބޭނުން ކުރާނެ އެވެ. އާ ސްޓޭޑިއަމްގައި 100،000 ސަޕޯޓަރުންނަށް ކުޅިބަލަން ދަނޑުގައި ތިބެވޭނެ އެވެ.

ހަތް އަހަރުތެރޭ މަސައްކަތް ނިންމަން އަމާޒުކަނޑައަޅާފައިވާ ސްޓޭޑިއަމް އިމާރާތް ކުރަން 2.6 ބިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް އަންދާޒާކޮށްފައި ވެ އެވެ.

ސްޓޭޑިއަމް އިމާރާތްކޮށް ނިމުމުން އިނގިރޭސި އިގްތިސޯދަށް އަހަރަކު 9.4 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާ ކުރެ އެވެ.