Roadha Mihaaru
ހޯދަމުން ދިޔަ ދޯނި ފެނިއްޖެ

ހޯދަމުން ދިޔަ ދޯނި ފެނިއްޖެ

14 މާޗް 2017

ކަންނެލި މަސްވެރިކަމަށް 13 މީހުންނާ އެކު ނުކުމެ އުޅުނިކޮށް ގެއްލިގެން އިއްޔެ ހޯދަމުން ދިޔަ އައްޑޫ މަރަދޫ ދޯނި ފެނިއްޖެ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކަންނެލި މަސްވެރިކަމަށް 13 މީހުންނާ އެކު ނުކުމެ އުޅުނިކޮށް ގެއްލިގެން އިއްޔެ ހޯދަމުން ދިޔަ އައްޑޫ މަރަދޫ ދޯނި ފެނިއްޖެ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

އެެމްއެންޑީއެފުން ބުނީ "އޮއިވަރު" ދޯނިން މަސްވެރިކަން ކުރަމުން ދިޔައީ ހދ. މަކުނުދުއާ 130 މޭލު ބޭރުން ކަމަށް އެ ދޯނީގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ދޯންޏާ ކޯސްޓް ގާޑަށް ގުޅުނީ މިއަދު ހެނދުނު 8:07 ގައި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އޭރު ދޯނި އޮތީ އއ. ތޮއްޑުއާ 12 މޭލު ބޭރުގަ އެވެ.

އެ ދޯނީގެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށާއި މިއަދު މެންދުރު މާލެ ވަދެވޭނެ ކަމަށް ވެސް ދޯނިން މައުލޫމާތު ދީފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ފަހަކަށް އައިސް، މިގޮތަށް މަސްވެރިކަން ކުރަން ނިކުމެ އުޅޭ ދޯނިތަކުގެ ހަބަރެއް ނުވެގެން، ވަރަށް ގިނައިން ހޯދަން ޖެހެ އެވެ. މިދިޔަ މަހުގެ 20 ވަނަ ދުވަހު ބޮޑު ކަންނެއްޔަށް ނުކުތް ހއ. ތުރާކުނު "ބްލޫ ފިޝް" ދޯނި ގެއްލިގެން ހަފުތާއެއް ވަންދެން ހޯދި ފަހުން، އެ އެ ދޯނި ކޯސްޓުގާޑަށް ފެނުނީ މަސްވެރިކަން ކުރަން އޮއްވަ އެވެ.