Roadha Mihaaru
އިންޑިއާ ސިފައިން ތިބީ ގަޔަށް ބަޑިދިއްކޮށްގެން: ކައްޕި

ކައްޕިގެ ވާހަކަ: އިންޑިއާ ސިފައިން ތިބީ ގަޔަށް ބަޑިދިއްކޮށްގެން

04 ފެބުރުއަރީ 2024

"އެ މީހުން ތިބީ އަހަރުން ގަޔާ ދިމާލަށް ބަޑި ދިއްކޮށްގެން. ގައިގަ ބަޑި ޖެހޭ ހިސާބުގައި. އަހަރެން ބުނިން އެއްބާރުލުން ވެސް އެބަ ދެމެއް ނޫން ހޭ. ދިވެހިންގެ ކަނޑުގަ ކުށްވެރިންނަށް ހަދައިފި. އެ މީހުން ދިޔައީ ބިރު ދައްކަމުން."

މޫސާ ރަޝީދު މޫސާ ރަޝީދު

"އެ މީހުން ތިބީ އަހަރުން ގަޔާ ދިމާލަށް ބަޑި ދިއްކޮށްގެން. ގައިގަ ބަޑި ޖެހޭ ހިސާބުގައި. އަހަރެން ބުނިން އެއްބާރުލުން ވެސް އެބަ ދެމެއް ނޫން ހޭ. ދިވެހިންގެ ކަނޑުގަ ކުށްވެރިންނަށް ހަދައިފި. އެ މީހުން ދިޔައީ ބިރު ދައްކަމުން."

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން އައި "މާހޯރަ-3" ދޯންޏަށް އިންޑިއާ ސިފައިން އަރައި ކަންކަން ހިނގައި ދިޔަ ގޮތް "މިހާރު" އަށް ކިޔައިދެމުން އެ ދޯނީގެ ކައްޕި އިބްރާހިމް ރަޝީދު ބުންޏެވެ.

އިންޑިއާގެ މަނަވަރެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ ތިން މަސް ދޯންޏެއް ހިފަހައްޓައި އެ ދޯނިތަކަށް ފުރަތަމަ އަރާފައި ވަނީ ޖެނުއަރީ 31 ގެ މެންދުރުގެ ވަގުތެއްގަ އެވެ. އެ ދުވަހު ހުރިހާ ދޯނިތަކެއް ބަލައި ފާސްކޮށް މީހުންނާ ސުވާލު ކުރުމަށް ފަހު އެމްއެންޑީއެފްގެ ކޯސްޓް ގާޑު އެ ދިމާލަށް ފޯރުމުގެ ކުރިން އިންޑިއާ ސިފައިން ހިނގައްޖެ އެވެ.

މާހޯރަ ދޯނީގެ ކައްޕި އިބްރާހިމް ބުނި ގޮތުގައި ޖެހިގެން އައި ދުވަހުގެ ރޭ 11:30 ހާއިރު އަނެއްކާ ވެސް އިންޑިއާގެ މަނަވަރު ރާއްޖެ ސަރަހައްދުން އެ ދޯންޏާ ދިމާކޮށްލި އެވެ.

އޭރު ދޯނީގައި ތިބީ 11 ފަޅުވެރިންނެވެ. އެއީ ފަސް ދިވެހިންނާއި ބަންގްލަދޭޝްގެ ތިން މީހުންނާއި މަލިކުގެ ތިން މީހުންނެވެ.

ކައްޕި ބުނި ގޮތުގައި އޭނާ ނިދަން އޮއްވާ ފަޅުވެރިން ގޮސް، "އިންޑިއާ ބޯޓެއް އެބަ ކައިރި ކުރޭ" ބުނުމުން ގަބޫލެއް ވެސް ނުކުރެވުނެވެ. ސަބަބަކީ އޭރު ދޯނި އޮތީ ރަށްތަކާ ވަރަށް ކައިރީގައި ކަމަށް ވާތީ އެވެ. ފޯނުން ބަރާބަރަށް ރޭންޖު ވެސް ލިބޭ ހިސާބުގަ އެވެ.

"ދޯނީގައި ތިބި މީހުން އަނެއްކާވެސް އައިސް ގޮވައިފަ ބުނި އެ މީހުން ވަރަށް ގަދައަށް އެބަ ލައިޓު އަޅަ އޭ. ކިހިނެއްހޭ ހަދަންވީ. ދެން ތެދުވެ ގޮސް ބެލީ. ބެލި އިރު އިންޑިއާގެ ބޮޑު މަނަވަރެއް އޮވެގެން އެބަ އަހަރުމެންނަށް އިޝާރާތް ކުރޭ." އޭނާ ބުންޏެވެ.

ރާއްޖޭގެ އިގުތިސާދީ ސަރަހައްދުގައި މިދިޔަ ބުދަ ދުވަހު މަސްވެރިކަން ކުރަމުން ދިޔަ ދޯންޏަލަށް އިންޑިއާގެ ސިފައިން ހަތިޔާރާ އެކު އަރައި، އެ ދޯނީގެ ފަޅުވެރިން އެ ސިފައިންގެ ބެލުމުގެ ދަށުގައި ބައިތިއްބާފައި.

ރާއްޖޭގެ އިގުތިސާދީ ސަރަހައްދުގައި މިދިޔަ ބުދަ ދުވަހު މަސްވެރިކަން ކުރަމުން ދިޔަ ދޯންޏަލަށް އިންޑިއާގެ ސިފައިން ހަތިޔާރާ އެކު އަރައި، އެ ދޯނީގެ ފަޅުވެރިން އެ ސިފައިންގެ ބެލުމުގެ ދަށުގައި ބައިތިއްބާފައި.

އެ ވަގުތު ދޯނި އޮތީ ހއ. ކެލާ އާ 17 މޭލު ކައިރީގައި ކަމަށް ކައްޕި ބުންޏެވެ. އަދި މޮޅަދޫ އާ 20 ވަރަކަށް މޭލު ދުރުމިން ހުންނާނެ އެވެ. އެއީ ދުވާލު ގަޑި ނަމަ ރަށްތައް ވަރަށް ސާފުކޮށް ފެންނަ ހިސާބު ކަމަށް އޭނާ ބުންޏެވެ.

ދޯނި މަޑުނުކޮށް އޮތުމުން ކުޑަ އިރުކޮޅެއް ތެރޭ އިންޑިއާގެ މަނަވަރުން ސިފައިންތަކެއް ފައިބައި ކުޑަ ލޯންޗަކަށް އަރައިގެން ދޯނި ވަށައި ބުރު ޖަހަން ފެށި ކަމަށް ކައްޕި ބުންޏެވެ. އަދި ދޯނި މަޑުކޮށްލުމާ އެކު އެ ލޯންޗުގައި ތިބި ވިއްސަކަށް ސިފައިން ދޯންޏަށް އަރައި އެންމެން ދޯނީގެ ފަހަތަށް ދާން އެންގި އެވެ.

"އަހަރެން ބުނިން މި ސަރަހައްދަށް އެރުމުގެ ހުއްދައެއް ނޯންނާނެ އޭ. އެ މީހުންނަށް އެއްބާރުލުން ނުދޭން ކޯސްޓު ގާޑުން އޮތީ ބުނެފަ އޭ. އެއްބާރުލުން ދޭނީ ދޯންޏަށް އެރި ސަބަބު ބުނީމައޭ." ކައްޕި ބުންޏެވެ.

އިންޑިއާ ސިފައިން ފުރަތަމަ ބުނި ގޮތުގައި އެ މީހުން ދިޔައީ ދޯންޏެއް އަޑިއަށް ދާ ކަމަށް ދިވެހިންތަކެއް ރިޕޯޓު ކޮށްގެނެވެ.

އިންޑިއާގެ ސިފައިންގެ މީހަކު ރާއްޖޭގެ ތިން ދޯނީގެ ތެރެއިން އެއް ދޯންޏަށް އަރައިގެން އުޅޭ އިރު އެ ދޯނީގެ ފަޅުވެރިން ދޯނީގެ ފަހަތުކޮޅަށް ނެރެފައި.

އިންޑިއާގެ ސިފައިންގެ މީހަކު ރާއްޖޭގެ ތިން ދޯނީގެ ތެރެއިން އެއް ދޯންޏަށް އަރައިގެން އުޅޭ އިރު އެ ދޯނީގެ ފަޅުވެރިން ދޯނީގެ ފަހަތުކޮޅަށް ނެރެފައި.

"އަހަރުން ބުނިން މި ދޯނި އަޑިއަކަށް ނުދާކަން އެނގޭ ނޫންހޭ ވަށައި ބުރު ޖެހިއިރު. އެ މީހުން ދިޔައީ ކަނޑައެޅިގެން ދޮގު ހަދަމުން."

ދެން އެ ސިފައިން ބުނަމުން ދިޔައީ މި ސަރަހައްދުގައި ޑްރަގް ބޯޓެއް އުޅޭ ވާހަކަ އެވެ. އަދި އެ މީހުން އޮޕަރޭޝަނެއް ހިންގާ ކަން ކޯސްޓް ގާޑަށް އަންގާފައިވާ ކަމަށާއި ކޯސްޓް ގާޑުން ހުއްދަ ދިން ކަމަށް އެ މީހުން ބުނި ކަމަށް ކައްޕި ބުންޏެވެ.

"އެ މީހުން ބުނީ މިހާރު ކޯސްޓް ގާޑަށް ގުޅަން. ގުޅައިފަ އަހާށޭ. އެކަމަކު ކޯސްޓްގާޑަށް ގުޅާ އިރަށް ފޯނު ކެނޑެނީ. އަހަރުމެން ތިބީ ރޭންޖު ލިބޭ ހިސާބުގައި. އެކަމަކު ކޯސްޓްގާޑަކަށް ނުގުޅޭ." އޭނާ ބުންޏެވެ.

ދޯނީގެ ފަޅުވެރިން ފަހަތަށް ގެނެސް އެ މީހުން ކައިރީ ބައެއް ސިފައިން ތިބި ކަމަށް އޭނާ ބުންޏެވެ. އެ މީހުން ތިބީ ގައިގައި ބަޑި ޖެހޭ ހިސާބުގައި ކަމަށާއި ބަޑި ދުރަށް ލާން ތަކުރާރުކޮށް އެދުނު ކަމަށް ކައްޕި ބުންޏެވެ.

ރާއްޖޭގެ މަސް ދޯންޏަށް ހަތިޔާރާ އެކު އެރި އިންޑިއާގެ ސިފައިންގެ ބަޔަކު: އެކަން އެމީހުން ކުރީ ކަނޑުގެ ގާނޫނާ ހިލާފަށް ކަމަށް ޑިފެންސް މިނިސްޓްރީން ބުނި

ރާއްޖޭގެ މަސް ދޯންޏަށް ހަތިޔާރާ އެކު އެރި އިންޑިއާގެ ސިފައިންގެ ބަޔަކު: އެކަން އެމީހުން ކުރީ ކަނޑުގެ ގާނޫނާ ހިލާފަށް ކަމަށް ޑިފެންސް މިނިސްޓްރީން ބުނި

"ދޯނި ވަރަށް ހެލުވި. އެ މީހުން ބަޑި ގަޔާ ދިމާލާށް ދިއްކޮށްގެން ހުރީމަ ހީވަނީ ދެންމެ ދެންމެ ވަޒަނެއް އަރާފާނެ ހެން އޮޅިގެން ވެސް. އަހަރުމެންނާ އެކީ ތިބި މީހުން ތިބީ ބިރުން ތުރުތުރު އަޅައަޅާ." ކައްޕި ބުންޏެވެ.

"އަހަރުން ބުނިން ބަޑި ނުދިއްކޮށް ހުންނާށޭ. ކިޔަމަންތެރި ކަމާއެކީއޭ މިތިބީ. ތިން ހަތަރު ފަހަރު ބުނީމަ ވެސް އިންޑިއާ ސިފައިން ބުނީ އަހަރުމެން ބޯޓަކަށް އަރައިފިއްޔާ ތިބޭ ގޮތޭ އެއީ،" އޭނާ ބުންޏެވެ.

އެ މީހުން ދޯނީގެ މަތި ނަގައި ހުރިހާ އެއްޗެއް ބަލައި ފާސްކޮށް ދޯނީގައި ހުރި އަގުބޮޑު ސާމާނުތައް ވެސް ނަގައިގެން އުޅުނު ކަމަށް އޭނާ ބުންޏެވެ. އަދި ދޯނި ދަތުރު ކުރި ރޫޓް ބަލަން ބޭނުންވި ކަމަށާއި ސެޓަލައިޓް ފޯނުގެ ނަމްބަރު ވެސް ދިނުމަށް އިންޑިއާ ސިފައިން އެދުނު ކަމަށް އޭނާ ބުންޏެވެ.

"ރޫޓް ބަލަން ވެގެން މައްޗަށް އެރި އިރު ވެސް އަހަރެންގެ ކުރިމަތީގަ އާއި ފަހަތުގައި ދެ ސިފައިން ބަޑި ގަޔާ ދިމާލަށް ވާ ގޮތަށް ބަހައްޓައިގެން. ބަޑި ގަޔާ ދުރުކުރަން ބުނީމަ އަނެއްކާވެސް ބުނީ މި ހުރީ ލޮކް ކޮށްފަ އޭ."

ގާތްގަނޑަކަށް ދެ ގަޑިއިރު ދޯނީގައި ތިބުމަށް ފަހު އިންޑިއާ ސިފައިން ދޯނިން ފޭބި ކަމަށް އޭނާ ބުންޏެވެ. އަދި ދިޔުމުގެ ކުރިން ލިޔުމެއްގައި ސޮއި ކުރަން އެންގި އެވެ.

އެއީ ކޮން ލިޔުމެއްތޯ ސުވާލު ކުރުމުން އެއީ އެއްވެސް އެއްޗަކަށް ގެއްލުން ނުވާ ކަމަށް އެއްބަސްވާ ލިޔުމެއް ކަމަށް އޭނާ ބުންޏެވެ.

"އަހަރެން ބުނިން ލިޔުމުގެ ފޮޓޯ ނަގަން ހުއްދަ ދިނީމަ އޭ ސޮއި ކުރާނީ. އާނ އެކޭ ކިޔާފަ ސޮއި ކުރީމަ ވަގުތުން ލިޔުން ހިފައިގެން ނައްޓާލި. ފޮޓޯ ނަގާކަށް ފުރުސަތެއް ނުދޭ. ބުނީ މަނަވަރުން ހުއްދައެއް ނުދިނޭ ފޮޓޯ ނަގާކަށް." އޭނާ ބުންޏެވެ.

އިންޑިއާ ސިފައިން ދިޔަތާ އިރުކޮޅެއް ފަހުން ކޯސްޓްގާޑަށް ގުޅުނު ކަމަށް އޭނާ ބުންޏެވެ. ދިވެހި ސިފައިންނަށް ވީގޮތް ކިޔައި ދިނުމުން އެ މީހުންގެ އުޅަނދުގައި ފޯނަށް ނުގުޅޭ ގޮތަށް ޖޭމަރު ހަރުކޮށްފައި ހުރެދާނެ ކަމަށް ކޯސްޓްގާޑުން ބުންޏެވެ.