Roadha Mihaaru
ޗެލްސީގެ އެއް ވަނަ ކޯޗަކީ އަދިވެސް އަހަރެން: މޮރީނިއޯ

ޗެލްސީގެ އެއް ވަނަ ކޯޗަކީ އަދިވެސް އަހަރެން: މޮރީނިއޯ

14 މާޗް 2017

ލަންޑަން (މާޗް 14) - އޭނާ އަކީ އަދިވެސް ޗެލްސީގެ އެއް ވަނަ ކޯޗުކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (މާޗް 14) - އޭނާ އަކީ އަދިވެސް ޗެލްސީގެ އެއް ވަނަ ކޯޗުކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި ރޭ ޗެލްސީ ވަނީ 1-0 އިން ޔުނައިޓެޑް ބަލިކޮށްފަ އެވެ. އެ މެޗުގެ ތެރެއިން މޮރީނިއޯ އަށް ރައްދުކޮށް ޗެލްސީގެ ސަޕޯޓަރުން ވަނީ އަޑުގަދަކޮށްފަ އެވެ. ސަޕޯޓަރުން ފާޑުކިޔުންތަކަށް މޮރީނިއޯ ޖަވާބު ދިނީ އަތުގެ އިޝާރާތުންނެވެ. އަތުގެ ތިން އިނގިލި ދައްކާލުމަށް ފަހު މޮރީނިއޯ ޗެލްސީގެ ސަޕޯޓަރުންނަށް ދިން މެސެޖަކީ އޭނާ އެ ޓީމަށް ތިން ޕްރިމިއާ ލީގު ކާމިޔާބު ކޮށްދީފައިވާ ކަމެވެ.

"ޗެލްސީގެ އެއް ވަނަ ކޯޗަކީ އަދިވެސް އަހަރެން. ޗެލްސީ އަށް ހަތަރު ލީގު ހޯދައިދެވޭ ކޯޗެއް ނާންނަހާ ހިދަކު އަހަރެންގެ މަގާމެއް ނުގެއްލޭނެ،" ރޭގެ މެޗަށް ފަހު މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ބުނީ ޗެލްސީ ސަޕޯޓަރުން އޭނާއާ މެދު ދެކޭ ގޮތެއް ބަލަން އެހާ ބޮޑު ޝައުގުވެރިކަމެއް ނެތް ކަމަށާއި ބޭނުންވަނީ ޔުނައިޓެޑުގެ ކޯޗެއްގެ ގޮތުގައި ހުރެ އެ ޓީމުގެ ސަޕޯޓަރުން އުފާކޮށްދިނުމަށް ކަމަށެވެ.

"ޔުނައިޓެޑްގެ ކުޅުންތެރިންނާއި ސަޕޯޓަރުންނަށްޓަކައި އަހަރެން ފަހުރުވެރިވަން،" މޮރީނިއޯ ބުންޏެވެ.

ޗެލްސީގެ ކޯޗުކަމުން ދެ ފަހަރެއްގެ މަތިން މޮރީނިއޯ ވަކިކުރި ނަމަވެސް އޭނާ އަށް އެ ޓީމުގެ ސަޕޯޓަރުން ވަނީ ކުރިން އިހުތިރާމް ކޮށްފަ އެވެ. އަދި މިދިޔަ އޮކްޓޫބަރު މަހު ލީގުގައި ޗެލްސީ 4-0 އިން ޔުނައިޓެޑް ބަލިކުރި މެޗުގައި ވެސް ޗެލްސީ ސަޕޯޓަރުން ވަނީ މޮރީނިއޯ އަށް ޝުކުރުއަދާކޮށްފަ އެވެ.

ނަމަވެސް ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި މޮރީނިއޯ އެކި އިންޓަވިއުތަކުގައި ޔުނައިޓެޑަށް ތާއީދުކޮށް ވާހަކަ ދެއްކިއިރު ޗެލްސީ އަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އަދި މޮރީނިއޯ ވަނީ ޔުނައިޓެޑް ސަޕޯޓަރުންނަކީ އޭނާ ކޯޗުކޮށްދިން ހުރިހާ ކްލަބެއްގެ ސަޕޯޓަރުންނަށް ވުރެން ތަފާތު ޓީމަށް ހިތްވަރުދޭ ބައެއް ކަމަށް ބުނެފަ އެވެ.